ޑިމޮކްރަސީގެ ވަހުމް: ވެރިމީހާގެ ލޮލުން ރައްޔިތުންނަކީ ސަރުކާރުގެ ގައިދީން
އާ ގާނޫނު އަސާސީއެއް ތަސްދީގުކުރިތާ ސަތާރަ އަހަރު ފަހުން ވެސް މިރާއްޖެ މިއަދު ވެސް މިއޮތީ އެންމެ މީހެއްގެ ހަރުކަށި ގޮށްމުށުގެ ތެރޭގަ އެވެ. ގާނޫނުއަސާސީގައި ބާރުތައް އޮންނަނީ ވަކިވެފައި ކަމަށް ލިޔެފައި އޮވެއެވެ. ނަމަވެސް، މުހިންމު ހުރިހާ މުއައްސަސާތަކެއް އަދިވެސް މިއޮތީ އޮތީ ރައީސްގެ މުށުތެރޭގަވެ. ޝަރުއީ ނިޒާމާއި، މަޖިލީހާއި، ފުލުހުންނާއި، ސިފައިންނާއި، ދައުލަތުގެ މާލިއްޔަތު ހުރިހާ ކަމެއްވެސް މިއޮތީ އޭނާ ބޭނުން ގޮތަކަށް ފުށްލައިގެން މޮޑޭނެ ގޮތަކަށް މޮޑޭށެވެ.
މިހެން މިވަނީ ކީއްވެގެންކަން ރައްޔިތުންނަށް އެނގޭހެއްޔެވެ؟ ރައީސް ގެންގުޅުއްވަނީ ކޮންޓްރޯލް ނުކުރެވޭ ބާރެކެވެ. އޭނާ ބޭނުން ގޮތަކަށް މީހުން ޖަލަށްލުމާއި، ބޭނުން ކޮންމެ މީހެއްގެ ހައްގުތައް ނިގުޅައިގަނެ، ބޭނުން ގޮތަކަށް ތަނއތަނަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމާއި، ބޭނުން ކޮންމެ ވަގުތަކު ދައުލަތުގެ ތިޖޫރިއަށް އަތް ބާނައި ބޭނުން ވަރަކަށް އެކި ނަންނަމުގައި ނެގިޔަސް ސުވާލު ކުރެވޭކަށް ނެތެވެ. ސަރުކާރުގެ ބަޖެޓްތަކާއި، ބޭރުގެ އެހީތަކާއި، ދައުލަތުގެ ވިޔަފާރިތަކުން ފެށިގެން މިހުރިހާ ކަމެއް ވެސް ކޮންޓްރޯލް ކުރަނީ އެ ބަޖެޓްތައް ބޭނުންކޮށްގެން ގައުމުގައި އޭނާގެ އާރާއި ބާރު ވަރުގަދަ ކުރުމަށެވެ.
މި ކަންކަން މިހެން އޮތަސް، ދުވަހަކުވެސް އެއްވެސް ސިޔާސީ ލީޑަރެއް މި ނިޒާމު އިސްލާހު ކުރުމުގެ ވާހަކައެއް ނުދައްކައެވެ. އެމީހުން ބުނަނީ ބާރުތައް ފެށުގެން އަންނަނީ ރައްޔިތުންގެ ފަރާތުންނެވެ. އަދި ހުރިހާ ބާރެއް އޮތީ ރައްޔިތުންނަށް ކަމަށެވެ. ދަންނަވަންތޯއެވެ! އެބުނާ ރައްޔިތުންނަކީ ހަމައެކަނި އެމީހުންނެވެ! ދެން ތިބި ރައްޔިތުންނަކީ ހަގީގަތުގައި އެއީ ހަމައެކަނި ބަލަންތިބި ބައެކެވެ. ހުރިހާ ނިންމުންތަކެއް ނިންމަނީ ރައީސް އާއި އެމަނިކުފާނުގެ އެކުވެރިންނެވެ.
ޤާނޫނު އަސާސީ އުފެދިފައިވަނީ ހަމައެކަނި ނަމެއްގައެވެ. މިހާރު މިއޮތް ފެހި ޤާނޫނުއަސާސީގައި ރަސްގެފާނެއް ފަދައިން ވެރިކަންކުރާ ލީޑަރެއްގެ ކިބައިން ރައްޔިތުން ރައްކާތެރިކޮށްފައެއް ނުވެއެވެ. ބައިވަރު ލޫޕްހޯލްތައް އެބަހުއްޓެވެ.
ދިވެހިރާއްޖެ ހިންގަންވީ ޑިމޮކްރެޓިކް މުއައްސަސާތަކުގެ ފަހަތުގައި ފޮރުވިފައިވާ ހުދުމުހުތާރު ވެރިއަކު ހެއްޔެވެ؟ ރައްޔިތުން ހޭލާކަށް ނުވޭތޯއެވެ؟ ހަގީގީ ބަދަލަކަށް ޑިމާންޑް ނުކުރެވޭހާ ހިނދަކު މި ދައުރު ދާނީ ކުރިޔަށެވެ. ދިވެހިން ތިބޭނީ އަމިއްލަ ސަރުކާރުގެ ގައިދީންގެ ގޮތުގައެވެ.
