ބޯހިޔާވަހިކަމުގެ ނަމުގައި ހިންގާ ފުލެޓްގެ ކޮރަޕްޝަން
ފަސްހާސް އަކަފޫޓުގެ ބިމެއްގައި 2500 މީހުން ދިރިއުޅެން ޖެހުމަކީ އިންސާފެއް ނޫން
ހުޅުމާލޭގެ ފޭސްދޭއްގައި ސަރުކާރުން އަޅައިދީފައިވާ 16 ޓަވަރުގައި އެވްރެޖްކޮށް 40000 މީހުން ދިރިއުޅެން ޖެހިފައިވާއިރު ކޮންމެ އެޕާޓުމެންޓަކުން 6800 ރުފިޔާ ސޯޝަލް ހައުސިންގގެ އުޞޫލުން ދައުލަތަށް އެބަނަގައެވެ. ހިޔާމަޝްރޫޢުގެ ދަށުން ހުޅުމާލޭގައި 24 ފުލޯގެ ޓަވަރެއް އަޅާފައިވަނީ ފަސްހާހެއްހާ އަކަފޫޓުގައެވެ. މި 5000 އަކަފޫޓުގައި 2500 މީހުން ދިރިއުޅޭއިރު ދައުލަތުން އެެއްވެސް ކުއްޔަކާ ނުލާ ބައެއްމީހުނަށް 1200 އަކަފޫޓުގެ ބިން އެވަނީ މާލޭސަރައްދުގެ ބިމުންކަނޑައިދީފައެވެ. ހިޔާމަޝްރޫޢުގެ ޓަވަރު ތައް އަޅައިފައި ވަނީވެސް މާލޭސަރަޙައްދުގެ ބިމުގައެވެ.
ހެންކަމުން ހިޔާ މަޝްރޫޢުގެ ޓަވަރުތަކުގެ އެޕާޓްމެންޓް ތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ އަތުން އެޓަވަރުގެ އެޕާޓްމަންޓަކުން 6500 ރުފިޔާ ސޯޝަލްހައުސިންގގެ އުޞޫލުން ދައުލަތަށް ނެގުމަކީ އިންޞާފެއްކަމަށް ގަބޫލު ކުރަންދައްޗެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ހުޅުމާލޭގައި އަޅައިދިން 4 ކޮޓަރީގެ ފުލެޓެއްގެ ކުއްޔަކީ 2000 ރުފިޔާއެވެ. މި މިންވަރަކީ ސޯޝަލްހައުސިންގ އުޞޫލުން ދައުލަތަށް ނަގަން އެންމެ ރަނގަޅު މިންވަރުކަމަށް ގަބޫލު ކުރެވެއެވެ. އޭރު ދައުލަތަށް ލިބޭ ފައިސާގެ މިންވަރަކީ މިހާރާއި އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. އޭރު ދައުލަތަށް ލިބެނީ އަހަރަކު 7 ބިލިއަނެއްހާ ރުފިޔާ ކަމުގައި ވީނަމަވެސް އޭރު ސޯޝަލް ހައުސިންގގެ ނަމުގައި ރައްޔިތުން ފެލާލައިގެން ކުލިނަގާކަށް ނުވިސްނައެވެ. ފުލެޓް އަޅަން ދައުލަތުން ބޮޑުޚަރަދެއް އޭރުވެސް ހިނގާނެއެވެ. އެހެނަސް ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ރައްޔިތުންނަށް ސޯޝަލް ހައުސިންގ އުޞޫލުން ދޫކުރާ ފުލެޓްތަކުގެ ކުލި ނަގަމުން ދަނީ އެފުލެޓްތަކުގެ ގަރަންޓީ ހަމަވާހާދުވަސް ތަކަށް ބަލައި އެދުވަސް ތަކަށް ކުލި ބަހާލައިގެންނެވެ. ރައްޔިތުންނަށް ސޯޝަލް ހައުސިންގ ގެ އުޞޫލުން ދޫކުރާ ފުލެޓްތައް އަމިއްލަ ވުމަކުން ކުރާނެ މާބޮޑު ފައިދާއެއް ނެތެވެ. އެގޮތަކީ އެފުލެޓް ތަކުގެ އަގު ހަމަވިޔަސް ފުލެޓްތަކުގެ ގަރަންޓީ ހަމަވުމުން އަލުން އެފުލެޓް އަޅާފައިހުރި ބިލްޑިން ތަޅާލައި އަލުން ޢިމާރާތް ކުރަންޖެހުމެވެ.
މިގޮތުން އެޓަވަރެއް އަލުން ބިނާކުރަން ދައުލަތުން ޚަރަދުވާ މިންވަރު އަނެއްކާވެސް އެފުލެޓްތަކުގެ ޙައްގުވެރިންގެ އަތުން އަނެއްކާވެސް ނަގަން ފަށާނެއެވެ. ސޯޝަލް ގައުސިންގ ގެ އުސޫލުން ރައްޔިތުންނަށް ދޭ ފުލެޓްތަކަކީ ދުވަހަކުވެސް ކުލިން މިންޖުވާތަންތަނެއް ނޫނެވެ. ސަރުކާރުން ސޯޝަލް ހައުސިންގެ ނަމުގައި ހިންގަމުންދަނީ ބޮޑު ކޮރަޕްޝަނެކެވެ. ބޮޑު އަގުގައި ދެމުންދަނީ މިލްކު ނުވާނެ ތަންތަނެވެ. ޢިމާރާތް ބާވެ ތަޅާލާ ހިސާބުން ފައިސާ ދައްކައި ދިރިއުޅެމުންދިޔަ ރައްޔިތުން އެތަނުން ނެރެލާނީއެވެ. ދެވަނަ ފަހަރަށް އެތަން އެ ރައްޔިތުމީހާ އަށް ލިބޭނެ ޤާނޫނެއް ހަދާފައެއް ނެތެވެ. މިއީ ސޯޝަލް ހައުސިންގެ ނަމުގައި ޖައްސާ ސްކޭމެކެވެ.
ރައްޔިތުން މަގުތަކަށް ނުކުމެ އަނގަޔާއަތާދިމާނުވާ ވާހަކަ އެދައްކަނީ ސަމާސާއަކަށް ނޫނެވެ. މަދުވެގެން ދުވާލަކު ދެއިރު ކާނެ ކާއެތިކޮޅެއް ނުލިބޭ ނަމަ ދުޅަހެޔޮމުޖުތަމަޢެއް އެގައުމަކު ބިނާވެފައެއް ނުއިންނާނެއެވެ. އެހެން ކަމުން މަދުވެގެން ދުވާލަކު ދެފަހަރު ކާންނުލިބޭ ބަޔަކަށް ސަރުކާރުން ސޯޝަލް ހައުސިންގ ގެ ނަމުގައި ވިޔާފާރި އުޞޫލުން ދޫކޮށްފައިވާ ފުލެޓްތަކަކަށް ގަވާޢިދުން ކުލި ދެއްކޭނެތޯ ވިދާޅުވެ ބައްލަވާށެވެ.
ދުޅަހެޔޮ ފުދުންތެރި މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރެއްގެ އެންމެ މުހިންމު އަމާޒު ކަމުގައި ނުވާނަމަ އެގައުމެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދުވަހެއް ދުވަހެއް ދާނީ ދަށަކަށް ނޫންތޯއެވެ
ބާޒާރުގެ ތަކެތީގެ އަގު އަތްނުފޯރާފަށުގައި ވާހިނދު ރައްޔިތުމީހާގެ އަސާސީ ޚިދުމަތުން ދައުލަތަށް ނަގާ އަގުވެސް ކުޑައެއް ނުވެއެވެ. އަދި ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި ވަޒީފާއަދާކުރާ ރައްޔިތުންނަށް ލިބޭ މުސާރައިން ދިރިއުޅުމުގެ ޒަރޫރީ ކަންކަން ފޫނުބެދޭ ކަމީ ފުދުންތެރި ދުޅަ ހެޔޮ މުޖުތަމަކަށް ދިވެހިން ކުރަމުން އަންނަ އުންމީދު ތައް ގެއްލެމުންދާ ކަމުގެ ހެއްކެކެވެ. ރައްޔިތުން ޙާލުގައި އުޅޭހާހިނދަކު އެގައުމެއްގައި އޮންނަ ސަރުކާރަކަށް ރައްޔިތުން ކުރާ ޕްރެޝަރު ކުޑައެއްނުވާނެއެވެ. އެހެން ކަމާއެކު ފުދުންތެރި ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް މުޅި ދިވެހިއުންމަތް ޝާމިލްވާހެން ރައްޔިތުންނަށް އެއްހަމައަކުން އެއްމިން ގަނޑަކުން މިނެދެއްވާށެވެ.
