ފަށްޓަވައި ދެއްވީ ތޭރަހާސް ފުލެޓުގެ މަޝްރޫޢެއް، ނިމުނީ ހަތަރުހާސް ފެލެޓް، ކަމުދިޔައީ ދެހާސްފުލެޓް
ފުލެލެޓް ލިސްޓް ޢިއުލާން ކުރީ ތިންފަހަރުއެވެ. އެއިން ކޮންމެ ފަހަރަކު އެތައް ހާސް ޝަކުވާ ހުށަހެޅެއެވެ. އަނެއްކާވެސް އެވަނީ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިފަހަރުގެ ލިސްަޓަށް މިހާތަނަށް އަށްހާސް ޝަކުވާ ހުށަހަޅައިފިއެވެ. ސުވާލަކީ ފްލެޓް ކޮމެޓީ އިން ރައްޔިތުން ޝަކުވާ ނުކުރެވޭ މިންވަރަށް ފުލެޓް ލިސްޓެއް އެކުލަވާލެވިގެން މިވެރިކަމުގައި ނެރެދޭނެތޯއެވެ. ނިމިދިޔަ ސަރުކާރުން ފަށްޓަވައި ދެއްވީ ތޭރަހާސް ފުލެޓްގެ މަޝްރޫޢެކެވެ. އެސަރުކާރު ނިމުނުއިރު ހަތަރުހާސް ފުލެޓް ވަނީ އަޅާނިމިފައެވެ. އެހެނަސް އެ ހަތަރުހާސް ފުލެޓްގެ ތެރެއިން ދެހާސް ފުލެޓް ކަމުނުދާކަމަށް އެ ދެކެވޭ ވާހަކަ ތަކުގެ ޙަގީގަތަކީ ކޮބައިބާވައެވެ.
ފުލެޓް ލިސްޓްގައި ދިރިއުޅޭނެ ތަނެއް ޙަގީގަތުގައި ވެސް ނެތް އެތައްސަތޭކަ ރައްޔިތުން ހިމެނިފައިވާއިރު މިހާތަނަށް އިޢުލާނުކުރި ކޮންމެ ލިސްޓެއްގައިވެސް މާލޭގައި އަމިއްލަ ގެދޮރު ހުރީމީހުންނާއި ރާއްޖެ ތެރޭގެ ރަށްރަށުގައި ގެދޮރު ހުރި ބައެއް ފަރާތްތަށް ހިމަނާފައިވެއެވެ. އިޢުލާން ކުރި ބައެެއް ފްލެޓް ލިސްޓްތަކަށް ބަލާއިރު ޝަރުރުތު ހަމަވާވަރަށް ޕޮއިންޓް ލިބި ފްލެޓް ލިބެން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ބައެއް ރައްޔިތުންނަށް ވަނީ ޖެހިގެން އިޢުލާން ކުރާ ލިސްޓްގައި ޝަރުތު ހަމަނުވާކަމަށް ބަލައި ޕޮއިންޓް މަދުވެފައެވެ. މީ އަރަތެއްބާވައެވެ. ވާ އެއްނުވާއެއް ނޭނގެއެވެ.
މިވާގޮތާމެދު ފުންކޮށް ވިސްނާލާން އެބަޖެހޭ ނޫންތޯއެވެ.
ބައެއްފަރާތްތަކުން ތުހުމަތު ކުރާގޮތުގައި އުޅޭ ނުބަޔަކީ ޝަރުތު ހަމަވިޔަސް ރިޝްވަތާ ނުލައި އެ ޝަރުތު ދެވަނަ ފަހަރަށް ގަބޫލުނުކުރުމެވެ. ނޫންނަމަ ޝަރުތު ހަމަނުވާ މީހުންވެސް ރިޝްވަތު ހުށަހެޅުމުން ޝަރުތު ހަމަވާވަރަށް ޕޮއިންޓް ލިބޭނެ ގޮތް ހަމަޖެހިގެން ދިއުމެވެ. އެހެން ސަރުކާރަކުން ނިންމައިދީ އަދި ޝަރުތު ހަމަވާފަރާތްތައް ކަނޑައަޅާފައި ވާހިނދު އެލިސްޓްތައް އޭސީސީއަށް ހުށަހަޅައި ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް އޭގެ ތެރެއިން ފުރާނައިގެން ޝަރުތު ހަމަވާ ކަމަށް ހޮވާފައިވާ މީހުން ކަޓަމުން ދާދިއުމަކީ ގިނަބަޔަކު ކަންބޮޑުވާ މައްސަލައެކެވެ.
ބޯހިޔާވަހިކަމެއް ނުލިބި އެއްފުރާޅު ދަށުން އަނެއްފުރާޅު ދަށަށް ދުވެދުވެ ތިބި އެތައްހާސް ރައްޔިތުންނަށް ފުލެޓް ނުދީ ގަނަތަޅުވަނީ ކޮންމެވެސް ޒާތީ މަންފާއެއް އޮތީމައެވެ. ބައެއް މީހުނަށް އަށްޑިހަ މާރކްސް، ނުވަދިހަ މާރކްސް ލިބިފައިވާކަމަށް ލިސްޓް އިޢުލާންކުރާއިރު ހިމަނާފައި ހުރެއެވެ. އެހެނަސް މިއިން އެއްވެސް ބަޔަކަށް އެއިން އެއްވެސް ފުލެޓެއް އަދި ލޮލަކަށް ނުފެނެއެވެ.
އެހެން ކަމުން އެވަނީ ކިހިނެއްކަން ނޭނގި ރައްޔިތުން ތިބީ މާޔޫސް ވެފައެވެ. ފުލެޓް ޙައްގުވާ މީހުން ދެނެގަނެވޭ ފެންވަރުގެ ގާބިލް ބޭފުޅުން ފުލެޓް ކޮމެޓީގައި ނެތީ ހެއްޔެވެ. ނޫނީ ރައްޔިތުންނަށް ޖެއްސުން ކުރަނީ ހެއްޔެވެ. ބޮޑަށް ލަފާ ކުރެވެނީ އެހެން ކަމަށެވެ. ނޫންނަމަ މިސަރުކާރަށް ދޮޅުއަހަރު ފުރިގެން ދާއިރު އެކަކަށް ނަމަވެސް އެއިން ފުލެޓަކަށް ވަދެވުނީސްތާއެވެ. މިއީ ލިސްޓަކަށްފަހު ލިސްޓެއް އިޢުލާން ކޮށްލަކޮށްލާ އެއްވެސް މީހަކަށް ފުލެޓެއް ނުދީ މި ފަސްއަހަރު ނިމެންދެން ތިއްބަވަން ޖައްސަވާފައިވާ ދަންތުރައެއް ތޯއެވެ. އަޖައިބެއްފަހެ ނުވާނޭހެއްޔެވެ. ޝަކުވާތަކުން ބަރީވެފައިވާ ފުލެޓްލިސްޓެއް ލިޔެއެއް ނުދެވުނެވެ. މީ ކޮންކަހަލަ ކަމެއްބާވައެވެ.
ގިނަބަޔަކު ގަބޫލުކުރާގޮތުގައި މިފުލެޓްތައް ދޫކުރުމުގައި ފަހަތުފަޔަށް ބުރަވަމުން އެދަނީ އެބޭފުޅުން ހަދިޔާ ބޭނުންފުޅު ވާތީއެވެ. އެއްލިސްޓްގައި ޝަރުތު ހަމެފައި އަނެއް ލިސްޓްގައި ޝަރުތު ހަމައެއް ނުވެއެވެ. ޕޮއިންޓް މަދުވާ މީހުން ދެން އިޢުލާންކުރާ ފްލެޓްމަޝްރޫއެއްގައި ހިމަނާ ޝަރުތު ހަމަވާވަރަށް ޕޮއިންޓް ލިބިފައިވާ މީހުނަށް ފުލެޓް ދީ ނިންމާލަންވީ ނޫންތޯއެވެ.
ރައްޔިތުން ގަނަ ނުތަޅުވާށެވެ.
