ދިރިއުޅޭނެ ތަނެއް ނެތިގެންނޭ ބުނެ ދޮގުހަދައި ފުލެޓް ދިނީމާ އެންމެން ވިޔަފާރި ފަށައިފި

ދިރިއުޅޭނެ ތަނެއް ނެތިގެންނޭ ބުނެ ދޮގުހަދައި ފުލެޓް ދިނީމާ އެންމެން ވިޔަފާރި ފަށައިފި

މާލޭގެ ރަށްވެހީންނަށާއި މާލޭގައި ފަނަރައަހަރު ދިރިއުޅެފައިވާ ރާއްޖެތެރެއަށް ނިސްބަތްވާ ރައްޔިތުންނަށް ދައުލަތުން ފުލެޓް ދީފައިވަނީ ދިރިއުޅުމަށެވެ. ކުށްޔަށް ދޭކަށެއްނޫނެވެ. އެހެނަސް ބޯހިޔާވަހިކަންނުލިބި ދިރި އުޅޭނެ ގޮތެއް ނެތިގެން ރޮއިހޭރިގެން ދައުލަތުން ދިންފުލެޓް ކުށްޔަށްދީގެން ފުލެޓްލިބުނުމީހާ ދިރިއުޅެނީ ކޮންތާކު ހެއްޔެވެ. ބޯހިޔާވަހިކަމެއް ނުލިބި ވަންނާނެ ތަނެއް ނެތް މީހާއަށް ފުލެޓް ދިނުމާއެކު އެ ފުލެޓް ކުށްޔަށް ދިނީ ފުލެޓް ލިބުނުމީހާ ކޮންތާކަށް ވަދެފާހެއްޔެވެ. ދައުލަތުން މަހަކު ހަތަރުހާސްރުފިޔާ ނަގާގޮތަށް ދިންފުލެޓް އެހެން މީހަކަށް ސަތާރަހާސް ރުފިޔާއަށް ކުށްޔަށްދިނުމުން ހާމަވެގެން އެ ދިޔައީ ކުރިން ފްލެޓްނުލިބިގެން ރޮއި ހޭރި އާދޭސްކުރިމީހާ ފުލެޓްހޯދީ މަކަރާއި އޮޅުވާލުމުގެ ތެރެއިންކަމެވެ.

ފުލެޓްގެ ވެރިމީހާ ދިރިއުޅުމަށްޓަކާ ދައުލަތުން އޭނާއަށް ފުލެޓެއް ދިނީ އެހެންބަޔަކަށް ކުއްޔަށް ދޭކަށެއް ނޫނެވެ. އެފުލެޓް އެހެންބަޔަކަށް ކުއްޔަށް ދެވުނީ ފްލެޓްލިބުނުމީހާ ވަންނާނެ ބޯހިޔާވައްސެއް ހުރީމަތާއެވެ. ނޫންނަމަ އެފުލެޓްގައި ދިރިއުޅޭނީ ފުލެޓް ލިބުނުމީހާ ތާއެވެ.
ފުލެޓަކީ ފުލެޓް ލިބުނުމީހާ ވިއްކާ ވިޔާފާރި ކުރުމަށް ދައުލަތުން ދީފައިވާ ތަނެއްނޫނެވެ. އެހެން ކަމުން ވަކިމީހަކު ދިރިއުޅުމަށްޓަކާ ދައުލަތުން ދީފައިވާ ފެލެޓެއް އެހެންބަޔަކަށް ކުށްޔަށް ދިނުމަކީ ބޯހިޔާވަހިކަން ނުލިބިފައިތިބި އެތައްރައްޔިތުންގެ ޙައްގަށް މަކަރާހީލަތުން އަރައިގަތުމެވެ. ބޯހިޔާވަހިކަމެއް ނެތްކަމަށްބުނެ ދައުލަތަށް އޮޅުވާލައިގެން ފުލެޓް ހޯދިކަމުގެ ދައުވާ އެމީހާގެ މައްޗަށް އުފުލުމުގެ ޙައްގު ބޯހިޔާވަހިކަން ނުލިބިފައި ހުރި ކޮންމެ ރައްޔިތަކަށް އޮނާނާނެއެވެ.

މާލޭގައި ދިރިއުޅޭތާ ފަނަރަ އަހަރުވުމަކުން ފުލެޓް ލިބުމުގެ ޝަރުތު ހަމައެއް ނުވާނެއެވެ. މާލޭގައި ދުރިއޫޅޭ އަތޮޅުތެރޭގެ ރަށްރަށަށް ނިސްބަތްވާ މީހުންގެ މައިންބަފައިންގެ ގެދޮރާއި އަމިއްލަ ގޯތި އޮތްތޯ ބައްލަވަން ޖެހެއެވެ. އެއީ ފުލެޓްލިބުމުން ފުލެޓް ކުއްޔަށް ދިނުމަށްފަހު އެފަދަ ބައެއް މީހުންގެ ދިރިއުޅުން ރަށަށް ބަދަލު ކުރަމުން ދާތީއެވެ. އެހެން ކަމުން މާލެއަށް އުފަން މާލޭގެ ރަށްވެހިންނަށް ފުލެޓްނުލިބި ރަށްރަށުގައި ގެދޮރު ހުރި ފަރާތްތަކަށް ފްލެޓް ދިނުމުން މާލޭގެ ރަށްވެހި ރައްޔިތުމީހާ ދިރިއުޅެން ދާނެ ރަށެއް ބޯހިޔާވައްސެއް ނެތް ހިނދު މާލޭގެ ގެދޮރު ވެރިންނަށް ބޮޑު ކުލިދީގެން މާލެއަށް އުފަން ރައްޔިތުމީހާ އަށް ފުލެޓް ނުލިބި ބާކީވާގޮތް މެދުވެރިވެއެވެ. އެހެން ކަމުން ދައުލަތުގެ ފަރާތުން ރައްޔިތުންނަށް މާލެއިން ފުލެޓް ދިނުމުގައި އިސްކަން ދޭން ޖެހޭނީ މާލޭގެ ރައްޔިތު މީހާއަށެވެ.

މިހާރުވެސް ހިޔާފުލެޓްތަކުގައި އިސްވެ ބަޔާން ކުރެވުނު ފަދައިން ރާއްޖެތެރޭގެ ގެދޮރުހުރި ގިނަފަރާތްތަކަށް ފުލެޓް ދީފައިވާތީ މާލޭގެ ރައްޔިތުން އުޅެނީ އެ ފުލެޓްތަކަށް ބޮޑުކުލި ދީގެން އެ ފްލެޓްތަކުގައެވެ. ރާއްޖެތެރޭގެ ރައްޔިތުމީހާ ރަށުގައި އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުން އެދަނީ މާލޭގެ ރަށްވެހިންގެ އަތުން ނަގާ ބޮޑުކުލި ބޭނުން ކޮށްގެންއެވެ. މީގެ އަނެއްކޮޅު ވެސް އެބައޮތެވެ. ގެދޮރު ނެތިގެން ވަންނާނެ ތަނެއް ނެތިގެން މާލޭ މީހާ ކުރި އާދޭހަށް އޭނާއަށް ފުލެޓް ދިނީމާ އެތަން 23000ރުފިޔާއަށް ކުއްޔަށް ދީފައި އޭނާ އެ ދިރިއުޅެނީ ސިރީލަންކާގައެވެ.

މިއީ ވެގެންވާނެ ގޮތެއް ނޫނެވެ. ފުލެޓް ލިބުމުގެ ޝަރުތަކަށް ވާންޖެހޭނީ ދުނިޔޭގެ އެއްވެސް ބިމެއްގައި ބޯހިޔާވަކަމެ ނެތް މީހުންނަށެވެ. ރަށުގައިވެސް އަދި އެހެންތަނެއްގައިވެސް ބޯހިޔާވައްސެއް ނެތް ރާއްޖެތެރޭގެ އެތަކެއް ހާސް ރައްޔިތުން މާލޭގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން އެބަދާކަންވެސް ގަބޫލު ކުރަމެވެ. އެހެން ކަމާއެކު ދައުލަތުން ރައްޔިތުންނަށް ފުލެޓް ދިނުމުގައި ބަލަންވާވަރަށް ނުބައްލަވާ ފުލެޓް ދެމުން ގެންދިއުމަކީ ރައްޔިތުންނަށް ދެވޭ ވަރަށްބޮޑު އަނިޔާއަކަށް މެނުވީ ނުވާނެއެވެ.