ދެފުށް ދެގޮތް ސިޔާސަތު
ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއަކުން ފެންނަ ގޮތުގައި ފިހާރައަކުން ކުޑަ އެއްޗެއް ވަގަށް ނެގި މައްސަލައެއްގައި މީހެއްގެ ތަހުގީގު ޖައްސައި އޭނާއަށް އަމިއްލައަމިއްލައަށް ހުކުމް އިއްވުމުގެ ގޮތުން މުޅި ގައިގައި ކުލަހާކައި ދަވާދުލައި އޭނާއަށް ހެޓަކަށް ދިނެވެ. އެމީހުން
އޭނާއަށް އިންސާފު ދެއްކީ މަގުމަތިންނެވެ. ބައެއް މީހުން އެކަމަށް ތަރުހީބުދީ އަތްތިލަބަޑި ޖަހައި މަޖާކޮށް ހެދިއެވެ. މިއީ ގައުމު އޮތް ހާލަތެވެ. މިއީ ލާއިންސާނީ، ދަށުދަރަޖައިގެ އަމަލެކެވެ. މި ހާދިސާ ވެފައިވަނީ މި މުޖުތަމަޢުގައި ކުށްތަކާއި އަދަބުތަކާމެދު އަޅުގަނޑުމެން ކަންތައްކުރާ ދެފުއްކެހެރި މިންގަނޑެއްގެ ރަމްޒަކަށެވެ.
މުޅި ރާއްޖޭގައި ކުށްކުރުން އިތުރުވެ މާޔޫސްކަން ބޮޑުވެއްޖެއެވެ. ހަމަހަމަ ގޮތެއްގައި އިންސާފެއް ނުހިނގައެވެ. ރައްޔިތުންނަށް ފެންނަނީ މަގުމަތީގައި އުޅޭ އަތުގައި ސައިބޯލާނެ 20 ރުފިޔާގަނޑުވެސް ނެތް “ޕާޓޭ”އެކޭ ބުނާ ޒުވާނަކު ވައްކަމެއް ކޮށްފިއްޔާ އޭނާއަށް ހަރުކަށި އަދަބު ލިބޭތަނެވެ. ކުޑަގޮޅީގައި ވާނުވާ ޖަހާލާ މަންޒަރެވެ. ނުވަތަ މަގުމަތިން އޭނާއަށް ހުކުމް އިއްވައި ގަންހިންގާ މަންޒަރެވެ.
ނަމަވެސް މަސްތުވާތަކެތިވިއްކައިގެންނާއި މީހުން މަރައިގެންނާއި ތަންތަނުގައި ހުޅުޖަހައިގެންނާއި ތިޖޫރިތައް ދޮވެލައިގެންނާއި އަދި ކިއެއްތަ ވަގަށް ރިސޯޓްތައް ދިރުވާލައިގެން މުއްސަނދިވާ މީހުންނަށް މިފަދަ އަދަބުތަކެއް ގިނަފަހަރު ނުދެއެވެ. ބައެއް ފަހރު ކޮރަޕްޝަންގެ ޒިންމާ ނަގަން ޖެހޭ މީހުން އުޅެނީ ލަގްޒަރީ ދިރިއުޅުމާއި އާންމުންގެ ތައުރީފު ލިބިގެންނެވެ.
ސުވާލު އުފެދިފައި ވަނީ އަޅުގަނޑުމެން ބިނާކުރަނީ ކޮންކަހަލަ އިންސާފުވެރި ނިޒާމެއް ހެއްޔެވެ؟ ސިޔާސީ މީހެއްނަމަ އެމީހެއްގެ ގައިގައި ހިފަން ވިސްނާނީ ވެސް އެއީ ސަރުކާރާއި އިދިކޮޅު މީހަކަށް ވެއްޖެނަމައެވެ. ނުވަތަ އެމީހެއްގެ ސަބަަބުން ސަރުކާރުގެ އެޖެންޑާއަށް ހިރަފުހެއް އަރައިފާނެތީއެވެ. މީހަކު މުޅި ގައުމު ދަވައިލިޔަސް ވެސް އެމީހަކީ ސަރުކާރަށް ތާއީދުކުރާ މީހަކަށް ވެއްޖެނަމަ އޭނާއަށް ތައުރީފް އޮހެއެވެ.
އެއާމޯލްޑިވްސް ވައްކަންކުރި މީހުން އެނގެއެވެ. އެމީހުންނަކަށް ކަމެއް ނުވިއެވެ. އެފްޕީއައިޑީ ރޮލާ ކައިލި މީހާ އެނގެއެވެ. އަތްލާކަށް ނުކެރުނެވެ. އެސްޓިއޯގެ ތިޖޫރީގައި ހުރި ލާރިތައް ނެގި މީހުން އެނގެއެވެ. ގަޔަކު ހިފާކަށް ނުކެރުނެވެ. މިފްކޯ ދަވައިލި މީހުން އެނގެއވެ. އަތެއް ނުލެވުނެވެ. އެމްއެމްޕީއާރުސީ ވައްކަން ވެސް އެއޮތީއެވެ. ހަމަ އެއްކަ ެއް ވެސް ނުވިއެވެ. މިއީ ހާލަތެވެ. މުއައްސަސާތަކުގެ މައްސަލައެވެ.
ކުށްތަކަށް އަޅުގަނޑުމެން ރައްދުދޭ ގޮތަކީ އަޅުގަނޑުމެން ދިރިއުޅެން ބޭނުންވާ މުޖުތަމަޢުގެ ބާވަތާއި ބެހޭގޮތުން ވަރަށް ގިނަ ކަންތައްތަކެއް ހާމަކޮށްދޭ ކަމެކެވެ. މީހަކު ޖިނާއީ ކުށެއް ކުރިޔަސް އާންމުން ނުކުމެ ޝަރީޢަތް ކުރާނަމަ އެއީ ޤާނޫނާއި ޚިލާފް ކަމެކެވެ. ފުލުހުންނަށް އެކަމަށް ފިޔަވަޅު ނޭޅޭނަމަ މުއައްސަސާ އުވައިލާށެވެ. ނުވަތަ ޕޮލިސް ކޮމިޝަނަރު ބަދަލުކޮށްލާށެވެ.
މާފުށީގައި ހިނގި ހާދިސާއަކީ އެއީ ރުޅިވެރިކަމުގެ ތެރޭގައި ބިނާވެފައިވާ ބަދަލު ހިފުމެވެ. މުއައްސަސާތަކުގެ އިންސާފުވެރިކަމާމެދު އަޅުގަނޑުމެންގެ އިތުބާރު ނެތްކަން ބޮޑުވަމުންދާ ކަމެކެވެ.
އަމިއްލައަށް ޙުކުމް އިއްވުމުގެ ސަބަބުން، ބިރުވެރިކަމާއި، އަނިޔާވެރިކަމާއި، ބައިބައިވުމުގެ ސަގާފަތެއް އުފެއްދުމުގެ ނުރައްކާ ކުރިމަތިވެއެވެ.
އަޅުގަނޑުމެން ހަގީގަތުގައިވެސް މިއަށްވުރެ އުފާވެރި، މިއަށްވުރެ ތަނަވަސް ރާއްޖެއެއް އުފައްދަން ބޭނުންނަމަ، އަޅުގަނޑުމެން ދާންޖެހޭނީ ތަފާތު މަގަކުންނެވެ. ގާނޫނާއި ހިލާފުވާ އެންމެނަށް ފިޔަވަޅު އަޅަންޖެހެއެވެ.
އަޅުގަނޑުމެންނަށް ބޭނުންވަނީ އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކޮށް، ވަގުތުން އިންސާފުވެރި ޝަރީއަތްތައް ކަށަވަރުކޮށްދީ، ވެރިކަމުގައި ތިއްބަވާ ބޭފުޅުންގެ ކިބައިން އެއްވެސް ކަމެއް. ނުފޮރުވައި، ތެދުބަހުން ކަންކަން ހާމަކުރުމެވެ. ހުރިހާ ރައްޔިތުންނާމެދު ހަމަހަމަ ގޮތެއްގައި އަމަލުކުރާ މުއައްސަސާތަކުގެ ތެރެއިން އިތުބާރު ބިނާކުރުމެވެ. އިންސާފު އެއީ ނިކަމެތި އެއްޗެއް ކަމަށް ހަދައިގެން ނުވާނެއެވެ. އިންސަފަކީ އެއީ ޝިފާ ލިބޭ އެއްޗެކެވެ. އިންސާފު ނައްތައިނުލާށެވެ. އޭގެ ބަދަލުގައި ކުރަންވީ އިސްލާހެވެ.
