ނުވަންޏާ ދިޔައީމަ އެނިމުނީ، ކޮންހާ ވާހަކަތަކެއް
ދައުލަތުގެ މުދަލާއި ފައިސާ އާއި ރައްޔިތުންގެ ފުރާނަ އާއި ޢަބުރު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަކީ ، ކޮންމެ ސަރުކާރެއްގެ މައްޗަށް ވެސް މަތި ކުރެވިފައިވާ ޤާނޫނީ ޒިންމާއެކެވެ.
ރާއްޖެ އަށް ހުޅަނގުގެ ޑިމޮކްރަސީ އައި ފަހުން ރަނގަޅު ކަންކަމަށް ވުރެ ބޮޑަށް ޕްރޮމޯޓް ކުރަމުން އަންނަތަން ފެންނަނީ، ގެއްލުންހުރި ކަންކަމާއި މަންޒަރު ތަކެވެ. މިކަން މިގޮތަށް މެދުވެރިވީ ހެޔޮވަރުވޭތޯ ނުބަލައި ، ރާއްޖެއަށް ފިޓް ވާވަރަށް ވުރެ ބޮޑު ޑިމޮކްރަސީއެއް ގެނަސް ބާރުކޮށް ލައްވަން އުޅުމުން ފަތިތައް ކޮށައިގެން ގޮސް އިރައިގެން ދިޔުމުންނެވެ. ރައްޔިތުންގެ ހޭލުންތެރިކަން ހުރިވަރަށް ވުރެ އަވަހަށް އެ ޑިމޮކްރަސީ ތަންފީޛްކުރަން އުޅުމެވެ.
ފުރަތަމަ ޑިމޮކްރަސީގެ ދަށުން އެކުލަވައިލި ސަރުކާރު އުފެއްދުމުގެ ފުރުޞަތު ލިބުނީ ، ހުޅަނގުގެ އާދަކާދަ ތަކާއި ދިރިއުޅުމަށް އާދަވެފައިވާ މުޅިން އައުފިކުރެއްގެ ޕާޓީގެ ސިޔާސަތާއި ، ރައީސް މައުމޫނާއި ދެކޮޅު އަދި ޒާތީ އެޖެންޑާއެއް ގެންގުޅުނު ބަޔަކަށް ވުމެވެ. ރާއްޖޭގެ ކަންކަން ހަމަ މަގަށް އަޅުވައި ޤިބުލައަށް ސީދާ ކުރާނަމަ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، ޙައްޤަކާްި ނުލައި ސިޔާސީ ބޭނުމަށް ޤަތުލު ކުރެވިފައިވާ މީހުންގެ ޢާއިލާތަކަށް އިންޞާފު ހޯދައި ދިނުމެވެ.
ނިއު މޯލްޑިވްސްގެ ނަމުގައި، އަދި އެއަށްފަހު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓިގެ ނަމުގައި އިޞްލާޙީ މަސައްކަތްތައް ފެށި މަގަކީ ވެސް އިންސާފު ޤާއިމްކުރުމަށް ކަމަށް ބުނެއެވެ. ނަމަވެސް، މިކަމަކީ މިހާރު ހުއްޓިފައިވާކަމެކެވެ. ރައްޔިތުން ބޭނުމީ އިންސާފެވެ. ޑރ.އަފްރާޝީމް ޤަތުލު ކުރުމަށް ފައިސާ ދިން މީހުންނާއި އެކަމަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޙައްޤު އަދަބު ދިނުމެވެ. އެނޫން ގޮތްގޮތުން ޤަތުލު ކޮށްފައިވާ މީހުންގެ ޢާއިލާތަކަށް ވެސް އިންޞާފު ހޯދައި ދިނުމެވެ.
ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން އެމް.ޑީ.ޕީ ވެރިކަން ކުރި ދެދައުރުގައްޔާއި، ރައީސް ޔާމީނުގެ ވެރިކަމުގަ އާއި އޭގެ ފަހުވެސް ދައުލަތުގެ މުދަލާއި ، ފައިސާ އަށް ވެފައިވާ ޚިޔާނާތްތަކާއި ، ވައްކަންތައް ބަލައި ، އެފައިސާ ތައް ދައުލަތަށް ހޯދުމަށް މަސައްކަތް ކުރެވިގެނެވެ. އަދި ޚިޔާނާތާއި ވައްކަމުގައި ބައިވެރިވި މީހުންނަށް ޙައްޤު އަދަބު ދެވިގެންނެވެ. މި
ހުރިހާކަމެއް ދޫކޮށްލައި ރެއާއި ދުވާލު އެހެންކަމެއް ކުރަން ޖެހޭ ސަބަބެއް ނެތެވެ. ނުވަންޏާ ދިޔައީމަ ނިމުނީއެވެ. ކޮންމެހެން ތިޔަ ގޮނޑީގައި ތިބުމުގެ ބޭނުމެއް ނެތްތާއެވެ. ދައްކަންވާނީ ކުރެވޭނެ ކަންތަކުގެ ވާހަކައެވެ. ނުވަންޏާ އެވާހަކަ ނުދައްކާށެވެ. ގެޔަށް ދާށެވެ. ނުވަތަ އައި ތަނަކަށް ދާށެވެ. މިޤައުމު މިދާ ގޮތަށް ދިޔުމަށް ވަރިހަމަ ކޮށްލައިފި ނަމަ ވެރިކަމުގައި ތިބި ބަޔަކު ފިޔަވައި، މިރާއްޖޭގައި މުޅިން ވެސް ތިބޭނީ މޮޔައިންނެވެ. ނުވަތަ އެންމެން ތިބޭނީ ޑިޕްރެޝަންގައެވެ. މަހުޖަނުންގޮތުގައި ތިބޭނީ ވެރިކަމުން ޖާގައެއް ލިބުނު މީހެކެވެ.
