މަސްތު ނަތީޖާ ގޯސް! ހުއްޓުވަން އަވަސްކުރޭ!

މަސްތު ނަތީޖާ ގޯސް! ހުއްޓުވަން އަވަސްކުރޭ!

މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން ރިހެބިލިޓޭޓް ކޮށް އަނބުރާ މުޖުތަމަށް ނެރުމަށްޓަކާ ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅެއް ނޫނެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ %90 އިންސައްތަ އަކީ އެ ވަބާއިން ސަލާމަތްވާން ބޭނުންވާ ޒުވާނުންނެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމަށްޓަކާ އަމިއްލައަށް އެންޑީއޭއަށް ގޮސް ރިހެބިލިޓޭޓް ވާން އެދެމުންދާ ޒުވާނުން ގިނަވި ނަމަވެސް ސެންޓަރުގެ ޖާގަ ނެތިގެން އެތައްސަތޭކަ ޒުވާނުން މިހާރުވެސް ތިބީ ކިޔޫގައެވެ.

އަނެއްކޮޅުން މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ ބައެއް ޒުވާނުން ޑިޓޮކްސިފައި ވުމަށް އެދި އެންޑީއޭގައި އެ ދަނީ ނަންނޯޓް ކުރަމުންނެވެ. އެހެނަސް ޑިޓޮކްސިފައި ވާން ބޭނުންވާ އެތަކެއް ޒުވާނުންނަށް ސެންޓަރުގެ ޖާގަ ނެތިގެން އެވަނީ ފަރުވާ ނުދެވިއެވެ. ކަން މިހެން ހުރުމާއެކު ޚަރާބުގެ މަގުން ޒުވާނުން އެއްފަރާތްކުރުމަށް ސަރުކާރުގެ ވިސްނުން ހުރީ ކިހިނެއްބާވައޭ ހިތަށް އަރައެވެ.

ސެންޓަރުގެ ޖާގަ ނެތުމަކީ މިގައުމުގެ ޒުވާން ޖަނަރޭޝަން ސަލާމަތް ކުރަން އޮތް ގޮންޖެހުމަކަށް ވާއިރު އެކަން ޙައްލު ކުރުމަށް ސަރުކާރުން ފިޔަވަޅު އަޅާތަނެއްވެސް ނުފެނެއެވެ. ސެންޓަރުން ޖާގަ ނުލިބި ޒުވާނުން ފަނާވަމުން އަންނައިރު އެބުނާ ސެންޓަރު ބޮޑުކޮށް އެވަބާއިން ޒުވާނުން ސަލާމަތް ކުރަން އެއްވެސް ސަރުކާރަކުން ކުރި މަސައްކަތެއް ނެތެވެ. 

ފަރުވާދޭ ސެންޓަރު އަދިވެސް ހުރީ މީގެ ފަނަރަވަރަކަށް އަހަރުގެ ކުރިންވެސް ހުރިބޮޑުމިނުގައެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދާ ޒުވާނުން ވަނީ ހައްތާގިނައެވެ. އެހެނަސް ޖާގަލިބޭ ވަރަކުން އެކަމަށް ބޭނުންވެފައި ތިބި ޒުވާނުންނަށް ލިސްޓްކުރެވިފައިވާ ތަރުތީބުން ފަރުވާދެމުން ގެންދާކަން އުފަލާއެކު ފާހަގަ ކުރަމެވެ. އުފެދޭ ސުވާލަކީ ފަރުވާދެނީ އެކަމުގެ އިލްމާއި ހުނަރު ލިބިފައިވާ ތަޖުރިކާރު ބޭފުޅުންބާވައެވެ. މި ސުވާލު އުފެދެނީ މަސްތުވާތަކެއްޗާއި ދުރަށް ދިއުމަށް އަމިއްލައަށް ބޭނުންވެ އެދިގެން ފަރުވާހޯދާ ޒުވާނުން ސެންޓަރުން ދޫކުރުމާއެކު އެނބުރި ގެއަށް އަންނަރޭވެސް އިނގިލިން ގުނާލެވޭވަރުގެ މަދު ޒުވާނުން ކޮޅެއް ފިޔަވާ ތިބެނީ މަސްތުވާތަކެތި ހޯދައި އޭގެ ބޭނުން ކޮށްގެންނެވެ.

ޒުވާނުންނަށް ދެވޭ ފަރުވާއަކީ އެކަށޭނެ ރަނގަޅު ފަރުވާ ކަމަށް ވާނަމަ މިހެން ދިމާވުމުގެ ފުރުޞަތު ކުޑަވާން ޖެހޭނެތާއެވެ. އެހެންކަމާއެކު ފަރުވާގެ ފެންވަރު ރަނގަޅުކޮށް ވަގުތީ ޖާގަ އުފައްދައިގެން ނަމަވެސް ގައުމުގެ މާދަމާގެ މުސްތަގްބަލް ކަމުގައިވާ ޒުވާން ޖީލު ހޮޔޮގޮތުގައި ބިނާކުރަން އެބަޖެހޭ ނޫންހެއްޔެވެ. މަސްތުވާތަކެތި ވިއްކާ ދައުލަތުގެ ބާރުގަދަ ބައެއް އިސް ބޭފުޅުންނަށް މަސްތުވާ ތަކެތި ވިއްކަން ހުޅުވިފައިހުރި އެއްވެސް ދޮރެއް ބަންދުވެގެން ދާކަށް ބޭނުމެއް ނުވެއެވެ. އެހެން ކަމުން ގިނަ މުވައްސަސާތަކަށް މިދެންނެވި ފަރާތްތަކުގެ ނުފޫޒު ވަދެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން އެތަކެތި ގަންނަން ލިބެނީ ފިހާރަތަކުން ހަކުރު ކިލޯ ގަންނަން ލިބޭހާ ފަސޭހަ ކޮށެވެ. އެހެން ކަމުން އެވަބާގައި އިތުރުޒުވާނުން ޖެހުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މިއީ ގައުމަށް ދިމާވެފައިވާ ނުރައްކާތެރި އެހާމެ ބިރުވެރި ވަބާއެކެވެ. އެހެން ކަމާއެކު މިކަމަކީ ހައްލުކުރަން ޖެހޭ ގައުމީ މައްސަލައެއް ކަމަށް ދެކި ސަރުކާރާއި ރައްޔިތުން ގުޅިގެން ރާއްޖޭގެ ޒުވާން ޖީލު ސަލާމަތް ކުރަން އެބަޖެހެއެވެ.

މަސްތުވާތަކެއްޗާ ދުރު މުޖްތަމަޢެއް ބިނާކުރެވޭނީ އެކަމަކަށް ސަރުކާރުތަކުން ދެއްވާ އަހަންމިޔަތު ފުޅާވެގެންނެވެ. އެހެން ކަމުން ގައުމުގެ ވެރިކަމުގެ މަގާމަށް ވެރިޔަކު އިޚުތިޔާރު ކުރަން ވަނީ އެވެރިޔަކީ ގައުމާ ރައްޔިތުންދެކެ ލޯބިވާވެރިއެއްތޯ ބެލުމަށްފަހުގައެވެ. ފެންނަން އޮތް ހަގީގަތަކީ ޒަމާނުއްސުރެ މަސްތުވާ ތަކެއްޗާއި ދެކޮޅަށް ދައުލަތުން ކުރާ މަސައްކަތްތަކުން އެ ބޭނުންކުރާ މީހުން މަދުވުމުގެ ބަދަލުގައި ހައްތަހާ ވަނީ ގިނައެވެ.

ދައުލަތް މަސްތުގައި އޮންނަނަމަ ޒުވާންޖީލެއް ބުިނާއެއް ނުކުރެވޭނެއެވެ. ރައީސް މައުމޫނުގެ ދުވަސްވަރު ވެސް ދައުލަތުގެ ނުފޫޒު ހިނގާ ފަރާތްތައް މަސްތުވާތަކެތީގެ ވިޔަފާރީގައިއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ދައުލަތުގެ ބާރުގަދަ މީހުން މަސްތުވާތަކެތީގައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް ދައުލަތުގެ ތެރޭގައި މަސްތު ވިޔަފާރިއެވެ. ރައީސް އިބޫގެ ވެރިކަމުގައި ވެސް އަދި މިހާރުގެ ވެރިކަމުގައި ވެސް މިކަންކަން ހިނގަނީ މި މަގުންނެވެ.

ވީމާ، ދައުލަތުގެ އެންމެ އިސް މީހާ އެކަނިމާއެކަނި ކިތަންމެ މަސައްކަތެއް ކުރެއްވިޔަސް، ސަރުކާރާއި އެންޑީއޭ އިސްލާހް ނުވާނަމަ ޒުވާނުން އިސްލާހުވާނީ ކިހިނަކުން ހެއްޔެވެ؟ ދައުލަތްވެސް އެއޮތީ ބޮއެގެންނެވެ