މަހާނަ މަައްޗަށް މަޑިއަކަށް ޖެހުން

މަހާނަ މަައްޗަށް މަޑިއަކަށް ޖެހުން

އަޅުގަނޑުމެން އިހު ގެންގުޅުނު އެއްބައިވަންތަކަމާއި އެކުވެރި އުހުއްވަތްތެރި ކަމަކީ ދިވެހިންގެ ސަގާފަތާއި ގުޅިލާމެހިފައިވާ ކަންތައްތަކެވެ.

 އަވަށްޓެރިއަކު ނިޔާވެ 40ވަންދެން ބާރަށް އަޑެއް އިއްވާނުލާއިރު ރޭޑިޔޯ އިން ލަވައެއް ޖަހާނުލާ ތިބި އެކުވެރި އެއްބައިވަންތަ ދިވެހިންނެވެ. ސަކަރާތާއި ހީ މަޖާ ކުރުމުން ދުރުވެ އެ ހިތާމައިގައި ނަމޫނާ ދެއްކި އަވަށްޓެރިނެވެ.

އިހު ދިވެހިންނަކީ ގަބުރުސްތާން ނުވަތަ ސަހާރާތަކަށް ޒިޔާރަތްކޮށް  ހާއްސަ އަހުމިއްޔަތެއް ދީ  ހުކުރު ހޯމަ ދުވަހު ތިމާގެ މީހުންގެ މަހާނަ އަށް ޒިޔާރަތްކޮށް  އެ މަހާނަ ސާފުކޮށް އެ މައްޔިތާ އަށް އިހުތިރާމާއެކު  ސުވަރުގެ ލެއްވުން އެދި ދުއާ ކުރި ބައެކެވެ.  ގަދަރުކުރުމާއި އިހްތިރާމު އަދާކުރުމުގެ ލާމަސީލު ދިވެހިންނެވެ.

ފުރަމާލޭގެ މާފަންނު ސަހަރާ އެފުށްމިފުށަށް ޖަހައި،  ގަބުރުސްތާނު ކޮނެ، ގަބުރުގެ ކަށި ނެގުމަށްފަހު އެ މަހާނަތައް ހުރި ތަނުގައި އެ މަހާނަތަކުގެ މައްޗަށް

މަޑިއަކަށް ޖައްސުވަނީއެވެ. އާނއެކެވެ! ފުރަމާލޭގެ މޭޔަރު  ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމައްޓަކައި  ޒުވާނުން ރުއްސާލާ ހައްލުވައިލާން އަޅައިދޭ “ބައިބަލާ މުގޯއްޔެވެ”.

ކޮންމެ ސިޔާސީ އިސްވެރިޔަކުމެ އަޑުގެ ނެތްވަރަށް ގޮވައި ނަގަނީ ގައުމިއްތު ނެތި ގައުމުގެ ޒުވާނުންގެ އަހްލާގީ ފެންވަރު ދަށްވަމުންދާ ހިތާމައިގެ ވާހަކައެވެ.

ޒުވާނުންގެ އަހުލާގާއި  އަދުބު ގުޅިފައިވަނީ ވެރިންގެ އަހުލާގަށެވެ. މައިންބަފައިންގެ އުޅުމަށެވެ. މުދައްރިސުން ނަގައިދޭ ފިލާވަޅަށެވެ. ގައުމު ހިންގުމުގެ އިސްސަފުގައި ތިބި ވެރިން ޒުވާން ޖީލަށް ނަގައިދޭ ފިލާވަޅަކީ ސަގާފަތާއި ދުރޮކޮށް އިސްރަށްވެހިންނަށް ގަދަރު ކުޑަކުރާނެ ހުރިހާ ފިލާވަޅުތަކެވެ.

ވިސްނާލާށެވެ! ފުންކޮށް ވިސްނާލާށެވެ! ފުރަމާލޭގެ މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ މުގޯއްޔެއް އަޅައި ޒުވާނުން ލައްވާ މަހާނަ ހުރިތަނަށް މުޑި ތިޔަ ނަގުވާ ނާޗަރަންގީ ކުޅުވުމުގެ ހިތި ނަތީޖާ އަކަށް ވެދަނީ ޒުވާނުންގެ މެދުގައި އިސްރަށްވެހިންނަށް ގަދަރު ކުޑަކުރުމަށެވެ. 

ގައުމު ހިންގުމުގެ އިސް ސަފުގައި ތިބޭ ވެރީން ގައުމުގެ އިސްރަށްވެހިންނަށް ގަދަރު ކުޑަކުރާނަމަ އެ އިސްރަށްވެހިން ނުވަތަ ގައުމު އަދާ ހަމައަށް ގެނެސްދިން އަބްތާލުންނަށް ދެނީ ކޮން އިއްޒަތެއް ތޯއެވެ؟