ގައުމެއްގެ ވެރިކަން ކުރާން ލިބުމަކީ އިއްޒަތެއްތޯ ނުވަތަ އެއީ މުއްސަނދި ވާން ހުޅުވޭ ދޮރެެއްތޯ؟
ރައްޔިތުން ގެ މައްޗައް ވެރިކަން ކުރާން ރައްޔިތުން އިންތިހާބު ކުރުމަކީ ގައުމުގެ މާލިއްޔަތާއި މުދަލަށް ބޭނުން ގޮތެއް ހަދައި އަމިއްލަ ފައިދާ އަށް ކަންކަން ކުރުމެއް ނޫނެވެ. ވެރިކަމަކީ ޚިދުމަތެކެވެ އަދި ހިދުމަތްކޮއްދިނުމެވެ. ވައްކަން ކުރުމާއި ފޭރުމަށް ލިބޭ ތަޅުދަނޑި އެއް ނޫނެވެ.
ގައުމެއް ތަރައްގީވެ ކުރިއަރައި ދަނީ ވަތަނީ އަދި ގައުމީ ލޯތްބަށް އެދޭ އަދި އެފަދަ ވިސްނުން ހުންނަ ތެދުވެރި ވެރިން ގެ މިންނަތް މަސައްކަތުން ނެވެ. އެ ވެރިންގެ ތޫނުފިލި ވިސްނުމާއި އެކު ގައުމުގެ މުސްތަގުބަލު ބިނާކުރަނީ ތެދުވެރި ކަމާއި އަމާނާތް ތެރި ކަމާއެކުއެވެ.
ރާއްޖޭ ގެ ބިމާއި ކަނޑާއި ރީތި ކަމަކީ މިދުނިޔޭގެ ސުވަރުގެ ކަމަށް ދެކޭ މީހުން މަދެއް ނުވިޔަސް އަދު މި ގައުމު ރައްޔިތުން ތަހަންމަލު ކުރާ ހިތްދަތި ކަމާއި، ނުތަނަވަސް ކަމާއި، މާޔޫސް ކަމަކީ ގައުމުގެ ރީތި ކަމުގެ ފަރުދާގެ އަނދިރި ފަރާތް ކަން ކޮންމެ ރައްޔިތަކަށްމެ ހިތާހިތުން ބުނެވޭނެއެވެ. ސަބަބެއް ނެތި އެއްނޫނެވެ. ރައްޔިތުން އިތުބާރު ދޭ ވެރިން ރައްޔިތުންނަށް “ހަރާމްކޯރުވުމުގެ” ނަތީޖާ އަކަށްވަނީ ރައްޔިތުންގެ ހުރިހާ ބާރުތަކެއް ވެރިޔާގެ މުށުތެރެއަށް މަހާލާ ރައްޔިތުންގެ ހަރު މުދާތައް ރައްޔިތުން ގާތު އެހުމެއް ނެތި ވިއްކާ ހުސްކުރާނެ މަގުތައް ކޮށާ އަމިއްލަ ތަނަވަސްކަން އިތުރުކުރުމެވެ. އިސްރަށްވެހިން ބުނާހެން އަމިއްލަ ބާލިހަށް ބަންޑާރަ ކަފަ ގެޅުމޭ ބުނާ ބީދައިންނެވެ.
ރައްޔިތުން ރުއްސާން ހަނޑޫ ނާޅި އަކާއި މަސްދަޅެއް ދިއްކޮލުމުން ރައްޔިތުން އިތުބާރު ދިން ވެރިން ރައްޔިތުންނާއި ދޭތެރޭ ދެކޭ އަދި ގެންގުޅޭ ގޮތްތަކާއި ސިޔާސަތު ތައް ސިފަކޮއްދެނީ ރައްޔިތުން އަޅުވެތި ކުރުމުގެ ސިލްސިލާއެއް ގެ ފެށުމެއް ކަން ކަށަވަރުވެެ.
ގައުމުގެ ތަރައްގީ އަކީ ހިތުހުރި ގޮތަކަށް ވައުދު ވުމެއް ނޫނެވެ. ތަރައްގީ އަކީ އެ ގައުމެއް ގެ އަމިއްލަވަންތަކަމާއި އުފެއްދުންތެރިކަން އިތުރުކޮށް އިގްތިސާދު ކުރުމެވެ. ގައުމުގެ އިސްތިގްލާލް އާއި މިނިވަން ކަން ދެމެހެއްޓުމެވެ. ދަރަނިވެރި ކުރުމާއި ރައްޔިތުންނަށް ނުކަތާވަރަށް ދަރަނި ނެގުމެއްވެސް ނޫނެވެ. އަދި ތަރައްގީގެ ނަމުގައި ކަނޑާއި ފަޅުހިއްކާ ކަނޑު އަޑީން ހޮޅި އެޅުމެއްވެސް ނޫނެވެ. ތަރައްގީ އަކީ ރައްޔިތުން ފުއްދުންތެރިވެ ރިވެތި އަހްލާގީ ޖީލެއް ބިނާކުރުމެވެ.
ގައުމު އެދި ގޮވަމުން ދަނީ “ އޭ ވަތަން އެވެ. މި ގައުމަށްޓަކާ ތިބާމެން ތެދުވެ މި ގައުމު ސީދާކުރާށެވެ”
