“ވެރިކަމުން ނަގާ ހޫރާ އެއްލާލަންވީއެވެ. ރައްޔިތުން ވެރިންނަށް ދޭ އިންޒާރެވެ”

“ވެރިކަމުން ނަގާ ހޫރާ އެއްލާލަންވީއެވެ. ރައްޔިތުން ވެރިންނަށް ދޭ އިންޒާރެވެ”

ރައްޔިތުން ވެރިންނަށް ދޭ އިންޒާރެވެ. 

ވެރިކަމުން ނަގާ ހޫރާ އެއްލާލާންވީއެވެ. މީ ހަމަ އިންޒާރެއް ހެއްޔެވެ. ނުވަތަ  ފުން މައުނަވީ ސިއްރުތަކެެއް ދޭހަކުރުވާ އިންޒާރެއް ހެއްޔެވެ. ހެޔޮކޮށް ވެރިކަން ކުރާނަމަ ރައްޔިތުންގެ ރުހުމާއި ލޯތްބާއި އެކު ގަދަރާއި އިއްޒަތް ދޭނެއެވެ. ހުރިހާ ވިޔަންނަކުން ގަތާލެވޭ ރަންއަކުރު ތަކުން އިއްޒަތުގެ ތާޖު އަޅުވާ އެ ވެރިއަކަށް ހުޝާމަތު ކުރުން އެއީ ދިވެހިން ކޮށް އަދި ކުރައި އުޅޭ ކަމެކެވެ .

ކޮންމެއަކަސް ގައުމުގެ ވެރިކަމާއި ރައްޔިތުން ހަވާލުކުރާ މީހާ އެއީ ވެރިއެއް ނޫނެވެ. އެއީ ރައްޔިތުން ގެ ޕިޔޯނެވެ ނުވަތަ ހާދިމެވެ. ނުވަތަ ރައްޔިތުންގެ ކަންކަން ބަަލަހައްޓާ ސަރުދާރެވެ. ނަމަވެސް ވެރިކަން ލިބުމާއި އެކު އެ ސަރުދާރަށް  ނަފްސާއި ހައިބަތު އޮޅި، ޒުވާނުންގެ ބަހުރުވައިން ނަމަ ސައިޒް އޮޅިދަނީ އެވެ. ސައިޒް އޮޅި ދާނަމަ ގައުމުގެ ވެރިން ނުކުމެ އެ ސަރުދާރު ހަމަ ސައިޒަޒަށްލާ ތިރިކުރާނެއެވެ. ނުވަތަ ސައިޒްކޮށްލާ  ވެެރިކަމުން އަޒުލް ކޮށް ބާލާ ކަމީ ދިވެހިން ވަރަށް ފަރިތަކޮށް ކޮށްލާ ކަމެކެވެ. 

ރައްޔިތުން ސަރުކާރަށް ކުރާ އިލްތިމާސް އަކީ ދޭ އިންޒާރެއް ނޫނެވެ. އެއްވެސް ސިފައެއްގައި ވަކި މީހަކަށް ނުވަތަ ވަކި ސަރުކާރުގެ އިދާރާ އަކަށް ދޭ އިންޒާރެއް ވެސްނޫނެވެ. އެއީ ހާދިމުން ކަންކަން ހިންގާ ގޮތަށް ފާރަވެރިވެ ނުކިއްސަރަށް ހިންގާ ކަންކަން ނުކުރުމަށް ސަރުކާރަށް ރައްޔިތުންކުރާ އިލްތިމާސް އެކެވެ. އެއީ އިންޒާރެއް ކަމަން ނުވަތަ ބިރުދެއްކުން ކަމަށް ސަރުކާރުން ދެކޭނަމަ އެ ސަރުކާރެއް އެތިބެވެނީ ހަމައިން ނެއްޓި ކޮންމެވެސް ނުރަނގަޅު ކަމެއްގެ ތެރެއަށް އަތްބޭނި އަތް މުޑުދާރުވެފައެވެ. 

އެފަދަ އިލްތިމާސް ތަކުގެ މައުނަ އޮޅުވާލާ ސަރުކާރުން ސިފަކުރާނަމަ އެ ކުރެވެނީ މަގާމުގެ ބާރު ނަހަމަގޮތަށެވެ. ގާނޫނު އަސާސީ އާއި ހިލާފަށް ރައްޔިތުން ގެ ބާރަށް އަރައިގަންނަން މަސައްކަތް ކުރެވެނީ އެވެ. ނުވަތަ ރައްޔިތުންނަށް އަނިޔާވެރި ވެވެނީއެވެ. އެހެން ވާކަމަށް ވާނަމަ ރައްޔިތުންގެ މައްޗަށް ގާނޫނުތަކުން ލާޒިމު ކުރަނީ އެ ސަރުކާރެެއް ގާނޫނީ ހަމަތަކުގެ މަތިން “ ރައްޔިތުން އެދޭ ގޮތަށް އެ ސަރުކާރު “ ބަދަލު ކުރުމަށެވެ. ބާޒާރު މަތީ ބަހުރުވައިންނަމަ އެ ސަރުކާރު ވައްޓާލުމަށެވެ. ބައެއް ފަހަރު ދިވެހިން ވާހަކަ ދެއްކުމުގެ ވައްޓަފާޅި އާއި ބަސްމޮށުންތެރިކަން ހުންނަ ގޮތުން އިވޭމީހާއަށް މާނަ ކުރެވޭ ގޮތް ތަފާތުވުން އެކަށީގެން ވެއެވެ. އެފަދަ ހާލަތެއްގައި ސަރުކާރުން ތެޅިގަނެ އަމުުރުވެރި ވާން ފަށައިފިނަމަ، ދެން ރައްޔިތުން ވެސް ގޮތްދޫނުކުރާ ސަބަބުތަކަކީ ރައްޔިތުން އެއީ ވެރިން ކަން ރައްޔިތުން ނަށް ކަށަވަރު ވާތީވެ އެވެ. 

ވިސްނާލާން ވީ ގައުމު ހިންގާން ވީ ގޮތާއި ހިންގާން ރައްޔިތުން މަތިކުރި  ނިޒާމަށެވެ. ރައްޔިތުން ނުވަތަ ގައުމުގެ ހަގީގީ ބާރުވެރިން އެދި ގޮވަމުން އެދަނީ ދެފުންފެންނާން އޮންނަންޖޭނެ ކަމަށާއި  ރައްޔިތުންގެ ހާދިމުން ރައްޔިތުންނަށް ތެދުވެރި ވުމަށާއި ވައްކަމާއި ދައުލަތް ލޫޓްވުން ހުއްޓުމަށެވެ. އެއްވެސް ސިފައެއްގައި ވަކި މީހަކަށް އަނިޔާވެރި ވުމަކަށް ނޫނެވެ. ގައުމުގެ ހަގީގީ ވެރިންގެ އެދުމަކީ މި ގައުމު އަންނާން އޮތް ޖީލުތަކާއި ހަމައަށް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު ފޯރުކޮށްދިނުމަށެވެ. ގައުމުގެ ވެރިންއެދޭ ގޮތަށް ގައުމުގެ ކަންކަން ނުހިންގޭނަމަ ގައުމުގެ ހަގީގީ ބާރުވެރިން ނުކުމެ ތިޔަ ބުނާ ސާރުކާރެއް އެފުށުން މިފުށަށް ޖަހާ ހީޔާނާތްތެރި ހުރަގެތަކަށް ލައި ގާނޫނީ ގޮތުން ދޭންޖެހޭ އެންމެ ބޮޑު އަދަބު ދީ ގައުމުގެ ހަގީގީ ބާރުވެރިން ގައުމު ގެ ކުރިމަގު އަލުން ބައްޓަން ކުރާނެ ކަމީ ކަށަވަރު ކަމެކެވެ.

މާޒީއަށް ޖެހިލާ އިހު ގައުމުގެ ހަގީގީ ވެރިން ކަން ކުޅަ ގޮތާއި މެދު ކުޑައިކޮށް ކަޅިއެއްލާ ތާރީހީ ސޮފުހާތަކެއް ވެސް އުކައިލާނަމެވެ. 

އަދިރިއަދިރީންނާއީ ޕޯޗްގީސުން ބޭރު ކުރުމާއި އެކި ކަންކަމުގައި ހަވަރު އެއްވުމާއި  ބޮޑުތިލަދުންމަތީ ގަޑުބަޑާއި ދެކުނު ގަޑުބަޑާއި ބޮޑު ހުޅުގެ ތާރީހަށް ކަޅި އެއްލުމުން ގައުމުގެ ހަގީގީ ބާރުވެރިންނަކީ ގައުމުގެ ރައްޔިތުން ކަން ތާރިހު ހެކި ކޮށްދީ ދައްކުވައިފާވެއެވެ. މީ ތާރީހު އިޔާދަ ވުމަށް ދޭ ހިއްވަރެއް ނޫނެވެ. އެހެނަސް ގައުމެއްގެ ކަންކަން ފާލުން ނެއްޓިދާ ކޮންމެ ހިނދަކު ގައުމުގެ ހަގީގީވެރިން އެ ގައުމެއް ހަމަ މަގަށް އަޅުވާ ކަމީ މި ކައުނުގައި ކަންހިނގާ ގޮތެވެ.

ގައުމެއް ހިންގުމަށް އެކުލަވާލެވޭ މަޖްލީހެއް ނުވަތަ ސަރުކާރަކުން ވިސްނާންވީ ގައުމުގެ ވެރިން ރުހޭ ގޮތައް ގައުމުގެ މިސްރާބް ބައްޓަން ކޮށް ގައުމުގެ ހަގީގީ ވެރިންގެ ކުރިމަތީ ތިމާމެންނަކީ އަބުރުވެރި ތެދުވެރިން ކަމުގައި ވެ ލޯތްބާއި އިހްތިރާމު ހޯދުމަށެވެ. އެއްވެސް ސިފައެއް ރައްޔިތުން މެދުގައި ނާތަހްޒީބީ އަނިޔާ ވެރިކަން ދައްަކައި ގޮއްމުށުގެ ބާރުން ރައްޔިރުން ގެ އިހްތިރާމެއް އަދި ލޯތްބެއް ވެސް ނުލިބޭނެވެ. ގޮއްމުަށުގެ ބާރު ދައްކާނަމަ މުލައްދަނޑީގެ ބާރު ގޮއްމުށުގެ މައްޗައް ތެދުވާނެއެވެ.