ރައްޔިތު މީހާގެ ރަސްމީ ވާޖިބަކީ ކޮބާ

ރައްޔިތު މީހާގެ ރަސްމީ ވާޖިބަކީ ކޮބާ

ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި އެބާރުތައް ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގާ ކަމަށް ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ކަޅާއި ހުދުން ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާން ކޮށްފައިވެއެވެ. އަދި އެހެންމެ ރައްޔިތަކު ނުވަތަ ރައްޔިތުން ތަކެއް މަގުމައްޗަށް ނުކުމެ ސަރުކާރު ހިންގާ ގޮތާއި މެދު ހިތް ހަމަ ނުޖެހި ހިތުގައި އުފެދޭ ޝުޢޫރުތަކާއި ނުތަނަވަސް ކަން ފައުޅުކުރުމަކީ ކޮންމެ ރައްޔިތަކަށް މެ ގާނޫނުއަސާސީ އިން ކަށަވަރު ކޮށްދީފައިވާ ޙައްގެކެވެ. ކަން މިހެން ހުރުމާއެކު ރައްޔިތުންނަށް ގާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ މިޙައްގަށް ހުރަސް އެޅުމަކީ ރައްޔިތުންގެ ރަސްމީ ވާޖިބަށް ހުރަސް އެޅުމެވެ.

ރައްޔިތުން އެބައިމީހުންގެ ޙައްގުތައް ހޯދުމަށްޓަކާ މަގުތަކަށް ނުކުމެ ސުލްޙަވެރިކާއެކު ރައްޔިތުންގެ ޝުޢޫރުތައް ފާޅު ކުރަމުންދާދިއުމަށް ހުރަސް އަޅައި ރައްޔިތުމީހާ ހައްރުކުރުމަށްފަހު އެމީހާ ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށް ބުނިނަމަވެސް އެއީ އެއްވެސް ގާނޫނީ ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. ރައްޔިތުންގެ ރަސްމީ ވާޖިބަށް ފުލުހުން ހުރަސް އަޅައި ރައްޔިޔުމީހާ ހައްޔަރަށް ގެންދެވޭނީ ކޮންހަމައަކުން ކޮންގާނޫނެއްގެ ދަށުން ހެއްޔެވެ. ރައްޔިތުމީހާ ނުކުތީ ގާނޫނަކުން ކަށަވަރުކޮށްދީފައިވާ ބަރެއްގެ ދަށުންނެވެ. ފުލުހުންގެ ވާޖިބަކީ ރައްޔިތުންނަށް ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ހައްގު ބަސް ބުނުމުގެ މިނިވަންކަން ޙިމާޔަތް ކުރުމެވެ.

އެހެން ކަމާއެކު ރައްޔިތުންގެ ރަސްމީ ވާޖިބަށް ހުރަސްއަޅައި ރައްޔިތުމީހާއަށް ގޯނާކޮށް އަނިޔާވެރި ވާނަމަ އެ ޢަމަލު ހިންގި ބަޔަކު ގާނޫނުގެ ކުރިމަށްޗަށް ގެންދާން ޖެހޭނެއެވެ. އެހެންކަމުން ހަގީގީގަތުގައިވެސް ރައްޔިތުންގެ ރަސްމީ ވާޖިބަށް ހުރަސް އަޅައި ގޫނޫނު އަސާސީގެ ސިޔާދަތީ ބާރު ކަނޑުވާލަނީ ފުލުހުންނެވެ. ރައްޔިތުން އެބައި މީހުންގެ ރަސްމީ ވާޖިބު އަދާކުރަން ނުކުތުމުން ރައްޔިތުންގެ ލޮލަށް ބޮލަށް އަރައި އެއްވެސް ރައްޔިތެއްގެ ކަރާމާތް ގެއްލޭ ފަދަ އިހާނެތި ޢަމަލެއް ނުވަތަ އިންސާނިއްޔާތާއި ޚިލާފު އަނިޔާ އެއް ކުރެވިގެން ނުވާނެއެވެ. ރައްޔިތުން ޔަޢުނީ ގައުމުގެ ވެރިން މަގުތަކަށް ނުކުންނަނީ ގައުމު ހިންގަން ރައްޔިތުން ޙަވާކުރި ފަރާތުން ގާނޫނުއަސާސީ އަށް ގޮންޖަހައި ރައްޔިތުންގެ ޙައްގުތައް ލޫޓުވަމުން ދާތީ އެކަން ހުއްޓުވުމަށެވެ.

ގާނޫނުން ލިބިދީފައިވާ ހައްގު ބަސް ބުނުމުގެ މިނިވަންކަމަށް ދިވެހި ފުލުހުން އަރައިގަނެ ރައްޔިތުންގެ ކަރުގައި ހިފައި ތަޅައި އަނިޔާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ގާނޫނުއަސާސީ އިން ރައްޔިތުންނަށް ލިބިދީފައިވާ ގާނޫނީބާރެއްގެ ބޭނުން ކުރަމުން ދާހިނދު އެބާރަށް ހުރަސް އެޅުމަކީ ގާނޫނުއަސަސީ ގެ ބާރު ކަނޑުވާލުމެވެ. ރައްޔިތަކު މަގުމައްޗަށް ނުކުމެ އޭނާގެ ގައުމީ ވާޖިބުއަދާކުރަން ހުއްޓާ އޭނާގެ އަތާއި އިނގިތަށް ބިންދާލާ ވަކިއަޅައި ދަތްއަޅައި ހެދުމަކީ އެއްވެސް ފުލުހަކަށް އެއްވެސް ގާނޫނެއްގެ ދަށުން ކުރެވޭނޭ ކަމެއް ނޫންކަން ރައްޔިތުންނަށް ވަރަށްސާފުކޮށް ގާނޫނުއަސާސީ ވަނީ ބުނެދީފައެވެ.

ކަން މިހެން އޮތުމާއި އެކު ރައްޔިތު މީހާގެ ރަސްމީ ވާޖިބަށް ހުރަސް އަޅައި ރައްޔިތުމިހާއަށް އަނިޔާކުރި ފުލުސްމީހާގެ ވަނަވަރާއި އެ އަނިޔާވެރި އަމަލުގެ ތަފްޞީލު ހާމަނުކުރުމަށް ރައްޔިތުމިހާއަށް ފުލުހުން މަޖުބޫރު ކުރުމަކީ ޒަމާނީ ޑިމޮކްރަސީ އާއި އަދި ސަރުކާރު ހިންގުމުގެ ނިޒާމާއި ވެސް ޚިލާފަށް ހިންގާ އަދި ރަށްޔިތުންނަށް ގާނޫނު އަސާސީއިން ލިބިދޭ އަސާސީ ހައްގުތަކާއި ޚިލާފަށް ކުރެވޭ ކަމެއް ކަމަށް ގާނޫނީ މާހިރުން ބުނާތީ އަޑުއިވެއެވެ.

ގާނޫނީ މާހިރުން މިފަދަ ކަންކަމުގައި މިސާލު ނަންގަވަނީ ގެވެށި އަނިޔާއާއި ކުޑަކުދީންނަށް ކުރާ ޖިންސީ ގޯނާއާއި މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ޖިންސީފުރައްސާރަ ކުރުންފަދަ ނުރައްކާތެރި އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާފަދަ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން ހިންގޭ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކުން ވެސް އެފަދަ އަނިޔާ ލިބޭ ފަރާތްތަކުން އެކަން ކަން ސިއްރުނުކޮށް އަވަހަށް ހާމަކުރަން ބާރުއަޅާތީ ކަމަށް ބެލެވެއެވެ.

ރާއްޖެއިން އެއްބަސްވެ ރުހިގަބޫލުވެ ސޮއިއަޅައިގެން ތިބި ބައިނަލް އަގުވާމީ މުޢާހަދާތަކުން ރައްޔިތުންނަށް އެފަދަ ބާރު ތައް ލިބިދޭ ކަން ފުލުހުންނަށް އެނގެން އެބަޖެހެއެވެ. އަދި މިފަދަ މުޢާހަދާތަކުގައި ބަޔާން ކުރެވިފައިވާ ފަދައިން ފުލުސްމީހާ ރައްޔިތުމީހާގެ ގަޔަށް ބޮލަށް އަރައި އެމީހާއަށް ކުރާޖިސްމާނީ އަދި ލާއިންސާނީ އަނިޔާތަކުގެ ޒިންމާ ކޮންމެވަގުތަކުވެސް ފުލުސްމީހާ ނަގަން ޖެހިދާނޭކަން ފުލުސްމީހާއަށް ކިޔައިދީ ފުލުހުންގެ ޚިދުމަތަކީ މަދަނީ ޚިދުމަތެއްކަން ކަށަވަރުކޮށްދީގެން މެނުވީ ރައްޔިތުންގެ ޙައްގުތައް ހިމާޔަތެއް ނުކުރެވޭނެއެވެ.