ޕޮލިސް ކުންފުނި ހިންގަން ބޭރުގެ ސީއީއޯ އެއް…

ޕޮލިސް ކުންފުނި ހިންގަން ބޭރުގެ ސީއީއޯ އެއް…

ކުންފުންޏަކީ ޕޮލްކޯ (ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ) ޕްރައިވެޓް ލިމިޑެވެ. މި ކުންފުންޏަކީ ތެދުވެރި އިޚުލާޞްތެރި ޢިލްމީ ގާބިލް ސީއީއޯއެއް ބޭރުން ފެންނަން ޖުބޫރުވެފައިވާ ކުންފުންޏެކެވެ‏!‎

އިހަށްދުވަހު މާލެއިން ހުޅުމާލެއަށް އައި މަގުމަތީގައި ހިތުގައި އުފެދުނު ސުވާލެއް ޙިއްސާކޮށްލާނަމެވެ. ފުލުހުންގެ މަރުކަޒުތަކާއި މެދުގައެވެ. ރާއްޖޭގައި ގޭންގްކުށްތަކާއި ވައްކަމާއި ފޭރުމާއި އިންސާނުން ވަގަށް ނެގުމާއި ރޭޕްކުރުމާއި ރިޝްވަތު ނެގުމާއި މިހެންގޮސް ކުށްކުރުމުގައި ހައްދުން ބޭރުވެފައެވެ. މާލޭގެ ހަތަރު އަވަށުގައާއި އަދި މޯލްޑިވްސް ޕޮލިސްސާވިސްގެ ނަމުގައި ހައިބަތު ބޮޑު ބިލްޑިންގެއްވެސް ފުލުހުންނަށް ދައުލަތުން ބޮޑުޚަރަދު ކޮށްގެން އަޅާދީ އެތަންތަނަށް ފުދޭ މިންވަރަށް ފުލުހުންލައި ބަރާބަރަށް ޑިއުޓީ ކުރަމުން ދެއެވެ.

މި މުވައްސަސާތަކަށް ރައްޔިތުންގެ ފައިސާއިން ހިފެހެއްޓުމެއް ނެތް މިންވަރަށް ޚަރަދުވެސް ކުރަމުން ދެއެވެ. އަދި މިވަރުން ފުދުނީއެއް ނޫނެވެ. ހުޅުމާލޭ ފޭސް އެކެއްގައާއި ފޭސް ދޭއްގެ އިތުރުން ރާއްޖޭގެ މަދު ރަށެއް ނޫނީ ފުލުހުންގެ މަރުކަޒެއް ނެތް ރަށެއްނެތެވެ. އަދި ކޮންމެ މަރުކަޒަކަށް އެމަރުކަޒުން ޚިދުމަތް ފޯރުކޮށްދޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެވޭ މިންވަރަށް ފުލުހުން ލާފައި ތިބެއެވެ.

ކަންމިހެން ހުރި އިރު ދައުލަތުގެ ބަޖެޓްގެ ޙާލަތު ނުހަނު ސީރިއަސް މި ދަނޑިވަޅުގައި ހުޅުމާލޭގައި އަނެއްކާވެސް ފުލުންގެ މަރުކަޒެއް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ފެށި ވާހަކަ އަޑުއިވުމުން ހިތުގައި އުފެދުނު ސުވާލުތައް ވީގިނައެވެ.

ކުށްތަކުން ތަޣައްޔަރުވެފައިވާ ރާއްޖޭގެ ވެށީގެ ސަލާމަތާއި ރައްކާތެރިކަން އިސްވެ ބަޔާންކުރެވުނު ފުލުހުންގެ މަރުކަޒުތަކުން ކަށަވަރު ކޮށްނުދެވެނީ ރާއްޖޭގައި ގާއިމް ކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތައް މަދުވީމާ ހެއްޔެވެ. ނުވަތަ އެތަންތަނަށް ލާފައި ތިބި ފުލުހުން މަދުކަމުން ހެއްޔެވެ. ނޫނެކެވެ. އެހެން ވެގެނެއް ނޫނެވެ.ދައުލަތުގެ ބަޖެޓުން އެތައްމިލިއަން ރުފިޔާ ޚަރަދު ކޮށްގެން ފުލުހުންގެ އައު މަރުކަޒެއް ޢިމާރާތް ކުރަމުން ދައުލަތުގެ ބަޖެޓް ހުސްވުން ނޫން އެހެން ކުރިއެރުމެއް ގައުމަކަށް ނުލިބެއެވެ.

ރާއްޖޭގައި ހިނގާ ގޭންގު ކުށްތަކާއި މަގުމަތީގައި ހާމަ ކަމާއެކު ކުރަމުން އަންނަ ޑްރަގް ވިޔާފާރިތައް ނުހުށްޓުވެއެވެ. އަދި ގޭންގު ކުށްތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ގާނޫނެއް ހަދާ އެގާނޫނުވެސް ތަންފީޒުކުރެވިފައިވާ ހިނދު ރާއްޖޭގެ ސަލާމަތާއި ރައްކާތެތިކަން ކަށަވަރު ކޮށްދިނުމުގައި ފުލުހުން ވަނީ ފެއިލްވެފައިކަން އެތައް ބަޔަކު ބުނަމުންދާކަން ހިތާމަޔާއެކު ފާހަގަ ކުރަން ޖެހެއެވެ.

ކަން މިހެން ހުރިނަމަވެސް ދައުލަތަށް ޚިޔާނާތެރިވުމުގައި ފުލުހުން ޙާޞިލްކޮށްފައިވާ ކުރިއެރުންތަކަކީ އަތްތިލަބަޑިޖަހާވަރުގެ ޝަރަފެއް ލިބިގެން ދާވަރުގެ ކަމެއްތާއެވެ. ފުލުހުންނާއި ފުލުހުންގެ މަޒުކަޒުތަކަށް ރައްޔިތުންގެ ޖީބުން ކުރާ ބޮޑު ހޭދައިގެ އެއްވެސް ފައިދާއެއް ރައްޔިތުންނަކަށް ނުފެނެއެވެ.

ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެގެން ފުލުހުންގެ މުވައްސަސައަށް ހުށަހަޅާ މައްސަލަތަކަށް އިންޞާފު ނުލިބޭނަމަ ދައުލަތުގެ ބަޖެޓުން އެތައްމިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ފުލުހުންގެ އައު މަރުކަޒުތައް ތަރައްޤީ ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ދައުލަތުގެ މުދަލާފައިސާއަށް ޚިޔާނާތްތެރިވާ ދައުލަތުގެ ވެރިންގެ މައްސަލަތައް ފުލުހުންގެ މުވައްސަސާއަށް ހުށަހެޅުނު ނަމަވެސް ވެރިންގެ ނުފޫޒަށް ތަބަޢަވެ ޤާނޫނުގެ ބާރު ފުލުހުންގެ މުވައްސަސާތަކުން ކަނޑާލުމަކީ ރާއްޖެއިން ފުލުހުންގެ ބޭނުން ކެނޑިގެންދާ ސަބަބެކެވެ.

ކަން މިހެން ހުރުމާއެކު ރައްޔިތުންގެ ފައިސާ ބޭކާރު ކަމަކަށް ޚަރަދު ނުކޮށް ސެކިއުރިޓީ ބަލަހައްޓާ ބޭރުގެ ކުފުންޏަކާއި ޙަވާލުކޮށްގެން ނުހަނު ކުޑަޚަރަދަކުން ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓެން އޮތް ހިނދު ބޭކާރު ބަޔަކަށް ރައްޔިތުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި ބޭކާރު ޚަރަދު ކުރުމަކީ ދައުލަތުގެ ބަޖެޓަށް ބާރުބޮޑުވެދާނެ ކަމެކެވެ.

ގޭންގު ކުށްތައް ހުއްޓުވަން ފާސްކުރި ޤާނޫނު ތަންފީޒުކުރިތާ ތިންމަސް ފުރެނީއެވެ. ހުއްޓުވުނީ ކޮންކަމެއް ހެއްޔެވެ؟ މިހާރު މި އޮތް ފުލުހުންގެ މުއައްސަސާ ހިންގުމަށް ލާފައި ތިއްބެވި ވެރިންތޯ ނުވަތަ އެތަނުގައި އުޅޭ ޕްރައިވެޓް ކުދިންގެ ސަބަބުން މަސައްކަތްތައް ލަސްވަނީ ތޯ ނުވަތަ މިނިސްޓްރީގެ މެންޑޭޓުގެ ސަބަބުން ކަންކަން ނުވަނީތޯ މިއީ އުފެދޭ ސުވާލުތަކެވެ.