އިސްލާމް ދީނުގައި ޢިލްމަށް ދީފައިވާ އަހައްމިއްޔަތުކަން
علم އުގެނުމަށް إسلآم ދީނުގައި ދެއްވާފައިވާ އަހަމިއްޔަތާއި އުނގެނޭ މީހުންނަށް މިންވަރުކޮށްދެވާފާއިވާ މަތިވެރި ނިޢުމަތްތަކާއި ، ޢިލްމު އުނގެނުމުން ﷲ ގެ ކަށުކުޅަދުންވައްތަކަމާއި އެއްކައުވަންތަކަން ދެނެގަނެވޭނެ ކަމާއި، އުޑާއި ބިމުގައިވާހާ އެއްޗަކާއި ކާއިނާތުގައި ވާހާ އެއްޗަކީ އެކަލާންގެ އަށް މިލްކުވެ ވޮޑިގެންވާ ތަކެތިކަމާއި ދަންނަ މީހުންނާއި ނުދަންނަ މީހުން ހަމަހަމަ ނުވާނެކަން ވެސް ޢިލްމުން އިންސާނާއަށް ދެނެގަނެވެއެވެ.
ޢިލްމުގެ ތެރޭގައި ސައިންސާއި ޓެކްނޮލޮޖީ އާއި ފަލަކީ އިލްމާއި ހިސާބު ޢިލްމު ހިމެނޭނެއެވެ، ދަންނަންޖެހޭ އަނެއްކަމަކީ ،ޢިލްމާއި ހުނަރަކީ ދެއެއްޗެއްކަމެވެ، ޢިލްމު އުނގެނުމުން ހުނަރު އިތުރުކޮށްދީ އިތުރު ފުރިހަމަކަމެއް ހުނަރުވެރިކަމަށް ގެނެސްދެއެވެ.
ކީރިތި ޤުރުއާނުގެ ޢިލްމު އުނގެނޭ މީހަކު ޝަރުޢީ އިލްމާއި ފިޤުހީ ،އިލްމާއި އުޞޫލުލް ފިޤުހު އުނގެނިފައި ހުރެއްޖެނަމަ ، ދުނިޔެވީ ޢިލްމުތައް އުނގެނުމުގެ ތެރޭގައި މަގުއޮޅި ސީދާމަޤުން ކަށިޔާރު ވެގެން ދިޔުމަކީ ވަރަށް ނާދިރު ކަމެކެވެ.
يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ }
( سورة المجادلة 11)
ތިޔަބައިމީހުންގެ ތެރެއިން إيمان ވި މީހުންނާއި، علم ލިބިގެންވާމީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (11)
{وقل رب زدني علما} (طه:114)
އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ! (114)
އަދި ކަލޭގެފާނުގެ ޙަޔާތަށް އަލިކަން ލިބިދޭނޭ ފައިދާ ހުރި ޢިލްމު އިތުރުކޮށްދެއްވުން އެދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ދަންނަވާށެވެ.
{ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ }(الزمر:9)
ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރިންނެވެ. (9)
މާތް ﷲގެ ޙަޟްރަތުގައި އަޅުވެރި ތަޤްވާވެރި މުއުމިން މީހާއާއި، އަބާއްޖަވެރި ފާފަވެރި ކާފިރު މީހާ ހަމަހަމަ ނުވާނެއެވެ. އެހެންކަމުން އެވާހަކައާއި ވިއްދައިގެން ގެންނެވީ މާ ސާފުވެ ބަޔާންވެގެންވާ މިސާލެކެވެ. އެކަލާނގެ ވަޙީކުރައްވަނީ ﴿هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَـٰبِ﴾ ދަންނަ މީހާއާއި ނުދަންނަ މީހާ ހަމަހަމަ ވާނެހެއްޔެވެ؟ އެފަދައިން، ކިޔަމަންތެރި މީހާއާއި އުރެދުންތެރި މީހާ، ތަޤްވާވެރިޔާއާއި، އަބާއްޖަވެރިޔާ ހަމަހަމަ ނުވާނެއެވެ. މި މިސާލުތަކުން ޢިބްރަތް ޙާޞިލްކޮށް ނަސޭހަތް ލިބިގަންނަނީ ސަލާމަތް ބުއްދީގެ ވެރީންނެވެ. މިއާޔަތުގައި މިވަނީ ޢިލްމުގެ މާތްކަމަށް ތަޢުރީފުކުރައްވާފައެވެ.
وقال ﷲتعالى {قُلْ سِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ بَدَأَ الْخَلْقَ ۚ ثُمَّ اللَّهُ يُنشِئُ النَّشْأَةَ الْآخِرَةَ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ}(العنكبوت:20)
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! އަދި اللَّه، خلق ތަކުން ފުރަތަމަ އުފެއްދެވިގޮތް، ތިޔަބައިމީހުން ވިސްނައިބަލާށެވެ! ދެން އެއަށްފަހު، اللَّه އެންމެފަހުގެ އުފެއްދެވުން އުފައްދަވާނެތެވެ. (އެބަހީ: އަލުން ދިރުއްވައި إعادة ކުރައްވާނެތެވެ.) ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (20)
{قُلِ انْظُرُوا مَاذَا فِي السَّمَاوَاتِ وَالْأَرْضِ} (يونس:101)
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ! އަދި إيمان ނުވާ ބަޔަކަށް آية ތަކުންނާއި، إنذار ކުރައްވާ رسول ންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެތެވެ. (101)
قال ﷲ تعالى: ﴿ إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ وَالْهُدَى مِنْ بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ أُولَئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللَّاعِنُونَ * إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا ﴾ [البقرة: 159، 160]ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއި ތެދުމަގުގެ ތެރެއިން ތިމަންރަސްކަލާނގެ ބާވައިލެއްވި ތަކެތި މީސްތަކުންނަށް ތިމަންރަސްކަލާނގެ އެފޮތުގައި ބަޔާންކޮށް ދެއްވުމަށްފަހު، އެތަކެތި ވަންހަނާކުރާ މީހުން (ދަންނާށެވެ!) އެއުރެންނަށް اللَّه، ލަޢުނަތް ލައްވާނެތެވެ. އަދި ލަޢުނަތް ދޭ މީހުންވެސް އެއުރެންނަށް ލަޢުނަތް ދޭނެތެވެ. (159)
އެއުރެން ތައުބާވެ (އެއުރެންގެ ޢަމަލުތައް) އިޞްލާޙުކޮށް (ވަންހަނާކުރި ކަންތައް) ބަޔާންކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް ތިމަންރަސްކަލާނގެ ތައުބާ ލައްވާހުށީމެވެ. ތިމަންރަސްކަލާނގެއީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ. (160)
: { فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ وَاللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ }(محمد:19) .
ފަހެ، اللَّه މެނުވީ إله އަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ކުށަށާއި، مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް ކަލޭގެފާނު ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! ތިޔަބައިމީހުން ހިނގާބިނގާއުޅޭ ތަނާއި، އަރާމުކުރަންތިބޭ ތަން اللَّه ދެނެވޮޑިގެންވެތެވެ. (19)
ތަފްސީރު:
ބާއްޖަވެރިކަން ބިނާވެފައިވަނީ އެއްކައުވަންތަކުރުމުގެ މައްޗަށްކަން ކަލޭގެފާނަށް އެނގިވަޑައިގެފައިވާ ހިނދު، ޢާލަމްތަކުގެ ވެރިރަސްކަލާނގެ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަން ކަލޭގެފާނު ޔަޤީންކުރައްވާށެވެ. އަދި މާތް ﷲގެ އެއްކައުވަންތަކަމާމެދު ކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ޢިލްމުގެ މަތީގައި ސާބިތުވެ ހުންނަވާށެވެ.
އަދި ކަލޭގެފާނާއި، މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންގެ ފާފަފުއްސެވުން އެދިވަޑައިގެން މާތް ﷲގެ ޙަޟްރަތުގައި ދަންނަވާށެވެ. ﴿وَٱللَّـهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَىٰكُمْ﴾ އަދި ދުނިޔޭގައި ތިޔަބައިމީހުން އުޅޭ ގޮތާއި، ރެއާއި ދުވާލު ތިޔަބައިމީހުން ޢަމަލު ކުރާ ގޮތާއި، އަދި އާޚިރަތުގައި ތިޔަބައިމީހުންގެ ނިމުން ހުރި ގޮތް މާތް ﷲ މޮޅަށް ދެނެވޮޑިގަންނަވައެވެ. އެހެންކަމުން، އެނބުރިދާން ޖެހޭ ދުވަހަށްޓަކައި ދަތުރުގެ ކޮއްތު ތައްޔާރުކުރާށެވެ. މާތް ﷲ މިއާޔަތް ޢިލްމުން ފައްޓަވާފައި ވަނީ، އިސްލާމްދީނުގެ އަސާސީ ތަނބަކީ ޢިލްމުކަން އެންގެވުމަށެވެ.
ފަހެ، ނަބީބޭކަލުންގެ ތަރިކައިން ބައެއް ލިބިގަތުމަކީ މުސްލިމުންގެ މައްޗަށް ލާޒިމު ކަމެކެވެ. ނަބީބޭކަލުން ދިރުހަމެއް ނުވަތަ ދީނާރެއް ވާރުތަނުކުރައްވައެވެ. އެބޭކަލުން ދޫކުރައްވާފައި ވަޑައިގަތީ ޢިލްމެވެ. ވާރެއިން ބިންގަނޑު ދިރިގެން އަންނަ ފަދައިން ހިތްތަކަށް ދިރުން ލިބެނީ ޢިލްމުންނެވެ. ޝާޢިރަކު ބުނެފައި ވަނީ ވަރަށް މޮޅަށެވެ. فَفُزْ بِعِلْمٍ تَعِشْ حَيًّا بِهِ أَبَدًا النَّاسُ مَوتَى وَأَهْلُ العِلْمِ أَحْيَاءُ (އެއިން ތިބާ އަބަދަށް ދިރިހުންނާނޭ ޢިލްމެއް ހޯދާށެވެ. މީސްތަކުން މަރުވެގެން ދަނީއެވެ. ޢިލްމުގެ އަހުލުވެރިން ދިރި ތިބޭނެއެވެ.)
