ހުރިހާ ސަރުކާރު ތަކުންވެސް ވައްކަން
ﷲ ގަންދީ ހުވާކޮށްގެން ތިބެ ސަރުކާރުތަކުން ހޭނާރާ ވައްކަން ކުރަނީއެވެ. އެހެން ކަމުން މައްސަލަތައްބަލާނެ ސަރުކާރެއް ނެތެވެ. ދައުލަތުގެ މިނިވަން މުސްތަގިއްލު މުވައްސަސާތަކުން ވެސް ހިންގަނީ ކޮރަޕްޝަނާއި ފަސާދައެވެ.
އެހެނަސް އެންމެންނަކީ ޝަހާދަތް ކިޔައި ނަމާދުކޮށް ނިތްކުރީގައި ކުރަލާފައި ތިބި އިސްލާމުންނެވެ. ﷲ އަށް ކުޑަނަމަވެސް ބިރެއްގަންނަން އެންމެ ރަނގަޅުތާއެވެ. އަނބިދަރީންނަށް އަލިފާން ކާން ދެމުން ދާއިރު މިނޫން ދުވަހެއް އަންނާނެ ކަމުގެ ކުޑަވިސްނުމެއްވެސް ނެތެވެ. ނިމިދިޔަ މާލޭ ސިޓީ ކައުންސިލް މޭޔަރ ނެންގި ރިޝްވަތުގެ ފައިސާ 307 މިލިއަނަށް އަރާކަމަށް ހިސާބުތަކުން ދައްކަމުން އެއްބަޔަކު ގެންދާއިރު އޭގެތެރޭގައި ޕާކިންސްލޮޓްތަކުން ނެންގެވި ރިޝްވަތުގެ މިންވަރު ވެސް ހިމެނޭ ކަމަށް ވެއެވެ. އަދި އެހެނެހެން ކަންކަމުން ނެގީ ކިހާމިންވަރެއްކަމެއް އަދި ބިތުފަންގި ނުނެގެއެވެ.
މިހާރު އިދިކޮޅުން އެ ގޮވަނީ ތައީސުލްޖުމްހޫރިއްޔާ ވައްކަންކުރައްވާ ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާއަކީވެސް އިސްލާމެކެވެ. ރައްޔިތުންގެ ޚަޒާނަގައި ރައްކާކުރެވިފައިވަނީ ރައްޔިތުންގެ ޙައްގެވެ. އެހެނަސް ލަދެއް ބިރެއް ސިހުމެއް ނެތި ރައްޔިތުންގެ ބައިތުލްމާލުން ވައްކަން ކުރަމުން ދާކަމުގެ އަޑުތައް ހެއްކާ ގަރީނާއާއި ކިތާބީ ހެކިތަކާ އެކު ސޯޝަލް މީޑިޔާގައި އެދަނީ ހާމަވެ ބޮލާފޮށާއެޅެމުންނެވެ. ސަރުކާރުތަކުން މިގޮތަށް ވައްކަން އެ ކުރަނީ ރައްޔިތުންގެ މަންދޫބުން ވެސް ރިޝްވަތު ކައި ބަނޑުފުރަމުން ދާތީއެވެ. އަނެއްކޮޅުން ބޮޑުންނާއިއެކު ރައީސް ވައްކަން ކުރައްވަނީ ދައުލަތުގެ ކަމާއިބެހޭ އިދާރާތައް ޝާމިލްވާގޮތުން ކަމަށްވާތީ ނޯއޭ ބުނެ އިނގިލި ހިއްލާލެވޭވަރުގެ ވެރިޔަކު ވެސް ދައުލަތުގެ މިނިވަން މުސްތަގިއްލު އިދާރާއަކު ނެތެވެ. އެބޭފުޅުންވެސް ގޮވަނީ ބައެއް އެޅުމަށެވެ.
ކަންމިހެން ހުރުމާއެކު ދިވެހި ރައްޔިތުންތިބީ ބޯނެތް މަންޖެ ވިހޭދަރި ބޯނެތް ލޮލުން ބަލާފަދައިން ވާނުވާ ބަލަބަލައެވެ. ރައްޔިތުންނަށް ވެސް ކެތް ވާނީ ވަކި މިންވަރަކަށް ތާއެވެ. ދިވެހި ރައްޔިތުންގެ ތެރޭގައި މިއަށްވުރެ މާ އަނިޔާވެރި ޚުދުމުޚުތާރު އެތައްވެރިކަމެއް ބިމާހަމަކުރި ދިވެހި ލޭހިނގާ އެތަކެއް ފަހުލަވާނުން ބަލަން އެބަތިއްބެވެ. ދުވާލަކު ވެރިކަމެއް ބަދަލު ކުރުމަކީ ރައްޔިތުންބޭނުންވާ ގޮތެއް ނޫނެވެ. އެހެން ކަމާއެކު އިސްލާހުވެ ގެއްލިފައިވާ ރައްޔިތުންގެ ފައިސާ އަނބުރާ ހޯދާ ރައްޔިތުންގެ ޚަޒާނާއަށް ވެއްދުމަށް ރައްޔިތުންގެ ފަރާތުން ފުރުޞަތު ލިބޭނެއެވެ. އެހެން ކަމާއެކު ރައްޔިތުންގެ ޚަޒާނާއިން ކޮށްފައި ހުރި ވައްކަމުގެ ބަދަލު ހޯދައިދީ ކުރަމުންދާ ވައްކަން ހުއްޓާލާ އެ ކުރި ވައްކަމުން ރައްޔިތުންނަށް ވި ގެއްލުން ފޫބައްދާދިނުން އަވަސް ކުރުމަށް ފަރުދީ ހައިސިއްޔަތުން ސަރުކާރަށް ގޮވާލަމެވެ.
މިހާރު ފުލުހުންގެ މުވައްސަސާއިން ބަލަމުން ދާކަމަށް އެބުނާ ކޮރަޕްޝަންގެ މައްސަލަތައް އިންޞާވެރިކަމާއެކު ބަލައި ފިޔަވަޅު އަޅައިދިނުމަކީވެސް ރައްޔިތުންގެ އިލްތިމާސެކެވެ.
ދައުލަތުގެ ތިންބާރު މިހިދު އޮތީ ޕެރަލައިޒް ކޮށްފައެވެ.
އެހެން ކަމާއެކު ރައްޔިތުންނަށް އިންޞާފު ލިބުމަކީ މުސްތަޙީލުކަމެކެވެ. ދައުލަތުގެ 3 ބާރު މުށުތެރެއަށް ހެޔޮވަރު ކުރައްވައިގެން ރައީސް ހުންނަވަނިކޮށް އެމަނިކުފާނުގެ ހިރިޔާފައިތުރާދަށުން ސަރުކާރުގެ ބޮޑަކަށް ދެއްވާ ނާޖާއިޒު މުއްސަނދިކަން އަނބުރާލެވޭވަރުގެ މިނިވަން މުސްތަގިއްލު މުވައްސަސާއެއް ނުވަތަ އެފަދަ ވެރިއެެއް މިރާއްޖެއަކު ނެތެވެ.
މިސަރުކާރުގެ ވައްކަމާއި ކޮރަޕްޝަން ޢާންމުވާން ފެށީ ސަރުކާރަށް ދެއަހަރުވެސް ނުވަނީހެވެ. ކުރީގެ ސަރުކާރުތަކުންވެސް ރައްޔިތުންގެ ޚަޒާނާ ހޭއަރުވާލާފައިވަނިކޮށް އޭގެ ސަބަބުން ރައްޔިތުންނަށްވީގެއްލުން ދެކޮޅުޖައްސައި ނުދީ މިސަރުކާރުގެ ވެރިން ވައްކަން ކުރުން ކުރުދޮށީގައިލައިފިއެވެ. އެހެން ކަމުން ރައްޔިތުން މިވަނީ އަނގަޔާ އަތާދިމާނުވެފައެވެ.
ކޮންމެއަހަރަކު އަތްގުޅި ނުކާވަރުގެ ބިޔަބޮޑު ބަޖެޓެއް ރައްޔިތުން މަޖިލީހުން ފާސްކުރަމުން ދާއިރު އެ ބަޖެޓުން ކުރަނީ ކޮން ބޭނުމެއްކަން އެނގޭ ރައްޔިތަކު ނެތެވެ. ރައްޔިތުންނަށް ބަޖެޓުން ކުރަނީ ކޮން ކަމެއްކަން އަންގާނުލާ އިރު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅުޕާޓީތަކަށް ނިސްބަތްވާ މެންބަރަކަށްވެސް ބަޖެޓުގެ ތަފުޞީލެއް ނުދެއެވެ. ކޮންމެއަހަރެއްގެ ބަޖެޓް އެ އަހަރު ދެބައިނުވަނީސް ހުސްކޮށްލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަމުން އެބަގެންދެއެވެ. ނަމަވެސް މަޖިލީހުގައި ހިމެނޭ ރައްޔިތުންގެ މަންދޫބުންގެ ތެރެއިން ސަރުކާރަށް ސަނާކިޔާ މެނަބަރުން ލައްވައި ވާނުވާ އޮޅޭގޮތަށް އެބަޖެޓް ފާސްކުރުވުމުން ވެރިންނަށް ވައްކަން ކުރުމުގެ ފުރުޞަތު ހުޅުވިގެން ދެއެވެ. އެކަމުގެ ސަބަބުން ކޮރަޕްޝަނާއި ވައްކަމާއި ޚިޔާނާތާއި ފަސާދަ އިތުރުވެ ގައުމުގެމާލިއްޔަތު އެދަނީ ވަކިބައެއްގެ ޖީބަށް އަޅާ ހުސްކުރަމުންނެވެ.
ރައްޔިތުންގެ ޙައްގުތަކަށް ރައްކާތެރިވެ ހުރުމަތްތެރިވަނޭ ކަމަށްބުނެ ﷲ ގަންދީ ހުވާކުރުމަށްފަހު ރައްޔިތުންގެ މުދަލާއި ފައިސާއަށް އެދަނީ ޚިޔާނާތް ތެރިވަމުންނެވެ. މާތްވެގެންވާއިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުއަސާސީއަށް ވެސް ޚިޔާނާތް ތެރިވެއްޖެއެވެ.
ރާއްޖޭގެ ޢަދުލު އިންޞާފުވެސް އުވި ހިނގައްޖެއެވެ. ދައުލަތުގެ ތިންބާރު ރައީސުލް ޖުމްހޫރިއްޔާ ނަންގަވައިފި މަންޒަރު ރައްޔިތުންނަށް އެބަ ސިފަ ވެއެވެ.

https://shorturl.fm/Fnsbo