މުއިއްޒުއަށް އާސަންދައިން ޓީވީ ޗެނަލެއް ހަދައިދިން ކަމުގެ ތުހުމަތު
އާސަންދައަކީ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ކޮށް ދިނުމަށްޓަކާ ދައުލަތުން އުފައްދާފައިވާ ދަރުމަ ސްކީމެކެވެ. މިސްކީމަކީ ދައުލަތުގެ ވެރިންނަށް ގެއާއި ގެސްޓް ހައުސް އާއި އަދި ޓީވީ ޗެނަލް ތަކާއި ރެސޯޓްތައް ތަރައްގީ ކުރަން ފައިސާ ޚަރަދު ކުރާ ސްކީމެއް ނޫނެވެ. މި ސްކީމްގެ ކަންކަން ބަލަހައްޓާ މުވައްސަސާއަކީ އެންސްޕާއެވެ. އެހެން ކަމުން މި މުވައްސަސާ އަށް އެއްވެސް ފަރާތެއްގެ ޒާތީ ނުފޫޒެއް ވަދެގެން ނުވާނެއެވެ.
މާޒީގެ ތަޖުރިބާއަށް ބަލާއިރު މި މުވައްސަސާއަށް ވެރިޔަކު އައްޔަން ކުރަނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވުމުން ސަރުކާރުގެ ބައެއްވެރިންގެ ބާރާ ނުފޫޒު މި މުވައްސަސާއަށް ފޯރަމުން ދެއެވެ. އޭގެސަބަބުން ރައްޔިތުންނަށް އާސަންދައިގެ ދަށުންލިބެންޖެހޭ ރަސްމީ ބޭސްފަރުވާއަށް ހުރަސްއެޅި އާސަންދަ ނުލިބޭ ޙާލަތްތައް މެދުވެރިވަމުން އައިސްފައިވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. އެގޮތުން ބައެއްސަރުކާރުތަކުން މި މުވައްސަސާ އަށް ބާރުފޯރުވާ ރިޔާސީ އިންތިޚާބުގެ ކެންޕެއިނަށް އާސަންދައިން ފައިސާ ޚަރަދު ކޮށްފައިވެސް ވެއެވެ. އަދި ދައުލަތުގެ ބާރުގަދަ ވެރީން ޔަޢުނީ ރައީސުލްޖުމްހޫރިއްޔާގެ އަރިސް ބައެއް ބޭފުޅުން ޗުއްޓިހޭދަކުރުމަށް ބޭރުގައުމުތަކަށް ދިއުމަށް އާސަންދައިގެ ތެރެެއިން އޮޅުވާލައިގެން އެތައްފަހަރެއްގެ މަތިން ފައިސާނަގާފައިވާކަން ފާހަގަ ކުރަމެވެ.
މި މުވައްސާއަށް ވެރިން އައްޔަނު ކުރަނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވުމުން މިހިނގާ ވެރިކަން ފެށުމާއެކު ރައީސްގެ ނުފޫޒާބާރު މިމުވައްސަސާގެ ތެރެއަށް ވަދެ އެމަނިކުފާނުގެ އަމިއްލަ ފުޅު ޓީވީ ޗެނަލެއް އުފައްދަން އާސަންދައިން އެތައްމިލިއަން ރުފިޔާ އެސްކީމުން ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ޕެރަލައިޒްކޮށްގެން ނަގާފައިވާ ވާހަކަ އެވަނީ ފެންމަތިވެފައެވެ.
އެހެން ކަމާއެކު ރައްޔިތުންގެ މިހާބޮޑު ޙައްގެއް އެކުލެވުފައިވާ އާސަންދަ ސްކީމަށް ވެރިކަމުގެ ބާރުގެ ތެރެއިން ނުފޫޒު ވަދެ އެ ސްކީމުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ފުރުޞަތު ފަހިވެގެން އެދަނީ އެންސްޕާއަށް ވެރިޔަކު އައްޔަން ކުރައްވަނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވުމުން ކަމަށް ބެލެވެއެވެ.
އެންސްޕާއަކީ މުސްތަގިއްލު މިނިވަން މުވައްސަސައެއްގެ ގޮތުގައި އޮވެގެން މެނުވީ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު އާސަންދައިގެ ޚިދުމަތް ފުރިހަމަ ގޮތުގައި ލިބުމަށް ހުރަސްއެޅެއެވެ. އެހެން ކަމާއެކު އެންސްޕާއަކީ މިނިވަން މުސްތަގިއްލު މުވައްސަސާއެއްގެ ގޮތުގައި ކަނޑައަޅަން ގާނޫނު އަސާސި އަށް އިސްލާޙު ގެންނަން ޖެހޭ ކަމަށް ދެކެމެވެ.
ރާއްޖޭގެ ރައްޔިތުންނަށް މިހާރު އާސަންދަ ލިބުމުގައި ގިނަގުނަ ދަތިތައް ކުރިމަތިވަނުން އެދަނީ ސަރުކާރުން އާސަންދަ ސްކީމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާތީ ކަމަށް ދެކެވެމުން އަންނަ ވާހަކަތަކަށް ބަލާ އެއީ ޙަގީގަތެއް ކަމަށް ވާނަމަ އެކަމުގައި އިހުމާލުވާ ފަރާތް ތަކާމެދު ފިޔަވަޅު އެޅެން ޖެހޭނެއެވެ.
މިނިވަން މުވައްސަސާތަކަކީ ނަމެއްގައި މިނިވަންކަން ލިބިދީފައިވާ ތަން ތަނެއް ނޫނެވެ. އެއީ ގާނޫނުން މިނިވަން ކޮށް މުސްތަގިއްލު ކުރެވިފައިވާ ތަންތަން ކަމުގައި ވިޔަސް އެ މުވައްސަސާތަކުގެ މިނިވަންކަން ހިނގަނީ ކަނޑައެޅިފައިވާ ޙުދޫދުގެތެރެއިންތޯ ބަލާ ޗެކްކުރެވޭނެ މެކެނިޒަމެއްވެސް ގާއިމް ވެފައި އޮންނަން ޖެހޭނެއެވެ.
ފެންމަތިވެފައިވާ ޚިޔާނާތް ތަކުގެ ތެރޭގައި ހިމެނޭ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެންޕެއިނަށް ޚަރަދު ކުރި ކަމަށް ބުނާ އެތައް މިލިއަން ރުފިޔާގެ ޚިޔާނާތާއި ރައީސުލް ޖުމްހޫރިއްޔާގެ އަމިއްލަފުޅު ޓީވީ ޗެނަލެއް އުފައްދަން އާސަންދައިގެ ތެރެއިން ހިންގާފައި ވާކަމަށް ބުނާ ޚިޔާނާތުގެ މައްސަލަ ބަލާ އެފައިސާ އަނބުރާ ހޯދުމަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ފަރާތުން ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް ދެކެމެވެ.
