
އެސްޓީއޯއިން ދަގަނޑު އިމްޕޯޓު ކުރުމުގައި ބޮޑު ކޮރަޕްޝަނެއް ހިނގަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައުލޫމާތުތަކެއް އެ ކުންފުނީގެ ތެރެއިން ލީކުވެއްޖެއެވެ. މި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރެވިފައި ނުވިނަމަވެސް، މިކަން ހިނގާތާ 5 އަހަރަށްވުރެ ގިނަ ވެއްޖެ ކަމަށާއި އެސްޓީއޯގެ އިސް ފަރާތްތަކެއް މެދުވެރިވެގެން މިފަދަ ކަންކަން ހިނގަމުންދާ ކަމަށް ތުހުމަތު ކުރެވެއެވެ. މިއީ އަހަރުތަކެއް ވެފައިވާ ފެހިޖަހާފައިވާ ކޮރަޕްޝަނެކެވެ.
ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެސްޓީއޯއަށް އެކި ގައުމުތަކުން ދަގަނޑު އެތެރެކުރާ ކަމަށާއި، އޭގެތެރޭގައި ސިންގަޕޫރު، ތުރުކީ، ޗައިނާ އަދި ޑުބާއީ ހިމެނޭ ކަމަށް ބުނެވެއެވެ. މި ތަކެތި އެތެރެކުރަނީ އެސްޓީއޯގެ ކޮންސްޓްރަކްޝަން ޓީމުންނެވެ.
ލީކުވެފައިވާ މައުލޫމާތުތަކުގައި ވާގޮތުން، އެސްޓީއޯއަށް އެންމެ ގިނައިން ދަގަނޑު އެތެރެކުރާ އެއް ގައުމަކީ ޑުބާއީއެވެ. ޑުބާއީއަކީ އެކި ގައުމުތަކުން ދަގަނޑު އެތެރެކޮށް ރީއެކްސްޕޯޓް ކުރާ ގައުމެއް ކަމަށާއި، އެސްޓީއޯއިން ހަދާ ގޮތަކީ ޑުބާއީގައި ދިވެއްސަކު އަޑީގައި ހުރެގެން މި ވިޔަފާރި ހިންގާ ކަމަށް ތުހުމަތު ކުރެވެއެވެ. ޗައިނާއިންނާއި ސިންގަޕޫރާއި ތުރުކީގެ ދަގަނޑު ސީދާ ޑުބާއީ މެދުވެރިކޮށް އެސްޓީއޯއަށް އެތެރެކުރާ ކަމަށާއި، މީގެ އިތުރުން ސީދާ އެ ގައުމުތަކުންވެސް އެސްޓީއޯއަށް ދަގަނޑު އެތެރެކުރާ ކަމަށް ބުނެވެއެވެ.
ލީކުވެފައިވާ މައުލޫމާތުތަކުގައި އެންމެ ސީރިއަސް ތުހުމަތަކީ، ދުނިޔޭގެ އެންމެ މޮޅު ކޮލިޓީގެ ދަގަނޑު ހުންނަ ތުރުކީއިން ދަގަނޑު ގަތުމުގައި ހިންގާ ކަމަށް ބުނާ ކޮރަޕްޝަނެވެ. މި މައުލޫމާތުތަކުގައި ވާގޮތުން، ތުރުކީގެ ދަގަނޑުގެ އަގަކީ ޓަނަކަށް 680 ޑޮލަރު ކަމަށާއި، ނަމަވެސް ޑުބާއީގެ ކުންފުނި މެދުވެރިކޮށްގެންނާއި އަދި ތުރުކީގައި އެސްޓީއޯގެ ވެރިން ގާއިމްކޮށްފައިވާ ކަމަށް ބުނާ “މެޓަލް މާކެޓް” ނަމަކަށް ކިޔާ ކުންފުނިންނާއި “ގަލްފް ސްޓީލް” ކިޔާ ކުންފުނިން ވެސް އިންވޮއިސްތަކުގައި ވަކި އަދަދެއް ޖަހައިގެން ކޮމިޝަން ފައިސާ ޑުބާއީގެ އެކައުންޓަކަސް ޓްރާންސްފާ ކުރެއެވެ. އެސްޓީއޯގެ އިންވޮއިސްތަކުގައި ޖަހާފައި ހުންނަނީ 800 އާއި 930 ޑޮލަރާ ދެމެދުގެ އަގެއް ކަމަށް ބުނެވެއެވެ. މިގޮތުން ކޮންމެ ޝިޕްމަޕްމަންޓެއްގައި އެންމެ މަދުވެގެން 2 ލައްކަ ޑޮލަރުގެ ކަޓެއް އެސްޓީއޯގެ އިސް ވެރިން ނަގާ ކަމަށް ތުހުމަތު ކުރެވެއެވެ. އެސްޓިއޯއިން ކޮންމެ މަހަކު ޝިޕްމެންޓު ޖަހައެވެ.