އެމްޑީޕީން ފޭބީ ވީ ގިނަ ވަޢުދު ނުފުއްދާ

އެމްޑީޕީން ފޭބީ ވީ ގިނަ ވަޢުދު ނުފުއްދާ

އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް އައީ ރައްޔިތުންނަށް އެތަކެއް ވަޢުދު ވެގެންނެވެ. އެހެނަސް އެމްޑީޕީ ވެރިކަމުން ފޭބީ އެވަޢުދު ތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ވަޢުދުތައް ނުފުއްދައެވެ.

ފަނޑިޔާރުގެ މިނިވަން ކުރުމާއި ކުރީގެ ސަރުކާރުތަކުން ދައުލަތަށް ވެފައިވާ ޚިޔާތުގެ މައްސަލަތަކާއި އަދި ކޮރަޕްޝަނާއި ފަސާދަ ހުއްޓުވާނޭ ކަމުގެ ވަޢުދު ތަކާއެކު ރައްޔިތުން ގެނައި އެމްޑީޕީގެ ސަރުކާރު ނިންމާލީ ރައްޔިތުންނަށް ކަނޑުން ގޯތި ދީފައެވެ.

ކުރީސަރުކާރު ތަކުން ދައުލަތަށް ވެފައިވާ ޚިޔާނާތުގެ މައްސަލަތައް ނުބެލި ތަނުގައި އެސަރުކާރު ނިންމާލީ ރައްޔިތުންގެ ނޭވާލާ ހޮޅިންވެސް ވައްކަން ކޮށް އެމައްސަލަ އަށް ވެސް ފަސްއަޅާ ފޮރުވާފައެވެ.

އެމްޑީޕީއިން ވެފައިވާ ވަޢުދު ފުއްދުމަށްޓަކާ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތާއެކު އެސަރުކާރަށް ރައްޔިތުން ވަނީ ވަރަށް ބޮޑުތަނުން އިތުބާރު ކޮށްފައެވެ. އެހެނަސް ކަން ނިމިގެން ދިޔައީ ރައްޔިތުން ކުރި އިތުބާރު ވެސް ގެއްލުވާލާފައެވެ.

ރައްޔިތުން އެމްޑީޕީގެ ނިމިދިޔަ ސަރުކާރަށް ރަށްޔިތުން ކުރި އިތުބާރަކީ ރައީސް ނަޝީދު އަށްޓަކާ ކުރި އިތުބާރެވެ. އަދި ރައްޔިތުން އެމްޑީޕީއަށް ދިންވޯޓަކީވެސް ރައީސް ނަޝީދު ވިދާޅުވެގެން ދިން ވޯޓެވެ. އެހެނަސް އެމްޑިޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަން ކުރެއްވީ ވަރަށް ގޮތްކުޑަ ގޮތަކްށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށް ހުންނެވި އެޕާޓީގެ ބާނީ މުޙައްމަދު ނަޝީދު މަގާމުން ދުރުކުރުމަށް ރައްޔިތުންދިން މަޖީހުގެ އަޣުލަބިއްޔަތު ވެސް ބޭނުން ކުރެއްވީއެވެ.

ކަން މިހެން ހުރުމާއެކު އެމްޑީޕީ ސަރުކާރު ރައްޔިތުންނުކުމެ ބަދަލުކުރީ އެ ސަރުކާރުން ޢަމަލު ކުރި ޚުދުމުޚުތާރު ގޮތްތަކުގެ ސަބަބުން ފޫހިވެގެންނެވެ. އެހެން ކަމާއެކު މިސަރުކާރަށް ވޯޓުދީގެން މެނުވީ އެމްޑީޕީގެ ވެރިކަން ނިންމާލެވެން ނެތިގެންނެވެ. މިސަރުކާރުން ވަނީ ރައްޔިތުން އެދުނުހާ ކަމެއް ކޮށްދިނުމަށް ވަޢުދުވެގެންކަން މިސަރުކާރުގެ ސަމާލު ކަމަށްޓަކާ ދަންނަވަމެވެ.

ރައްޔިތުން މިސަރުކާރު ވެރިކަމަށް ގެނައީ އެމްޑީޕީ ސަރުކާރުން ކަންކުރި ގޮތަށް މިސަރުކާރުން ކަންކަން ނުކުރާނޭ ކަމުގެ ހުވަފެންދެކެމުންނެވެ. ރާއީސް މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ. ފަނޑިޔާރުގެއަށް އަތްބޭނުން މިއަދުން ފެށިގެން ނިމުނީއެވެ. އެމަނިފާނުގެ މިވާހަކަ ފުޅަކީ ރައްޔިތުން އެންމެ އުފާވި އެއްވާހަކަ ފުޅެވެ.

އެހެން ކަމާއެކު މިސަރުކާރު ދަމަހައްޓަން ރައްޔިތުން ތިބީ އަތުކުރި އޮޅާލައިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ މިސަރުކަށް ރައްޔިތުން ދިނުމުގެ އެންމެ ފޮނި އުންމީދަކީ ރައްޔިތުންނަށް ޢަދުލުއިންޞާފު ކަށަވަރުވުމެވެ.

ކަން އޮތީ މިހެންނެވެ. އެހެނަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ ބާރުވެސް ރައީސް މުޢިއްޒު އެމަނިކުފާނުގެ އަތްޕުޅަށް ނެންގެވީނޫންހެއްޔެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންނެވެ. ޕީއެންސީ އަށް މެންބަރުން ނިސްބަތް ވުމަކުން ރައްޔިތުން އެބޭފުޅުންނާއި ޙަވާލުކުރި ޒިންމާއަދާކުރުމަށް ހުރަހެއް ނޭޅޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ދައުލަތުގެ އެއްބާރެވެ. އެބާރަކީ ވެރިކަމުގެ ބާރުން އެއްވެސް ނުފޫޒެއް ފޯރުވޭނެ ބާރަކަށް ނުވާއިރު ރައީސް މުޢިއްޒުވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ވެސް ނަންގަވާފައެވެ. ދައުލަތުގެ ތިންބާރަކީ އެއްބާރުން އަނެއް ބާރަށް އަރައި ނުގަނެވޭ ގޮތަށް ގާނޫނުއަސާސީއިން ބާރުދީފައިވާ މުސްތަގިއްލު ތިންބާރެވެ.

ނަމަވެސް ރައްޔިތުން މިސަރުކާރަށް ދިން ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީގެ ނާޖާއިޒު ފައިދާ ނަންގަވާ ގާނޫނުއަސާސީ އިން ދީފައިނުވާބާރެއް ގާނޫނުއަސާސީ ބަދަލުކޮށް އެބާރު ރައްޔިތުންގެ ކިބައިން ކަނޑުވާލި ކަނޑުވާލުމަކީ ކުރެއްވި ހުވަޔާޚިލާފު ޢަމަލެކެވެ.

އެމްޑީޕީ ސަރުކާރުން ފަނޑިޔާރުގެ އަށް އަތްބޭނީތީ މިސަރުކާރުން ފަނޑިޔާރުގެއަށް އަތް ބާނާކަށް ނުޖެހެއެވެ. ރައްޔިތުން އެމްޑީޕީގެ ވެރިކަން ބަދަލުކުރީ އެ ސަރުކާރުން ރައްޔިތުންނަށް ދޯކާ ދިނުމުންނެވެ.އެހެން ކަމާއެކު ރައްޔިތުން ބޭނުންވީ އެސަރުކާރުން ކަންކުރިގޮތަށް ކަންކަން ނުކުރާނޭ ސަރުކާރެކެވެ.

ނަމަވެސް ވަރިކުރި ފުޅަށްވުރެ ދެން އިނދެވުނު ފުޅު ވެގެން އެދިޔައީ އެއަށްވުރެ ހަގުނަ ނުބައި ފުޅަކަށެވެ. އިންނަން އުޅުނު އިރު ހާދަ ލޮނެއް ދެއްކިއެވެ. އެހެނަސް ކައިވެންޏަށް ދޮޅުމަސް ދުވަސް ނުވެ އުޅެނިކޮށް ވަގުފިރިން ގެންގުޅެން ފަށައިފިއެވެ. ތިޔަބޭފުޅުންވިދާޅުވެ ބައްލަވާށެވެ. އަޅުގަޑު ދެން ހަދަންވީ ކިހިނެއްތޯއެވެ. ވަރިކޮށްފަ ފޮނުވާލަން ވީހެއްޔެވެ.

Leave a Reply

Your email address will not be published. Required fields are marked *