ރާއްޖެއަށް ގެނެސްފައިހުރި ތެޔޮ ހުސްވެއްޖެނަމަ ހަދާނީ ކިހިނެއް

ރާއްޖެއަށް ގެނެސްފައިހުރި ތެޔޮ ހުސްވެއްޖެނަމަ ހަދާނީ ކިހިނެއް

ޤައުމިއްތަށް ސަމާލުކަން ނުދޭ ގައުމެއްގެ ރައްޔިތުން ބޭނުންކުރަމުން އަންނަ ޒަމާނީ ފަރުވާ ހުއްޓިއްޖެ ނަމަ ދެން ކުރާނެ އަމިއްލަ ފަރުވާއެއް ނެތީ ރައްޔިތުންގެ ކިބައިން ގައުމިއްޔަތުކަން ގެއްލި ދިއުމުންނެވެ. ގައުމިއްޔަތު އާލާކޮށް ކުރެވުނު ނަމަ ކަރަންޓާނުލައިވެސް ރައްޔިތުން އުޅެމުންއައި އުފާވެރި ދުވަސްތައް މާޒީވެ ހިރަފުހާ އެކުވެ ވަޔަށް އަރައިގެން ހިނގައްޖެ ކަމުގެ ހިތިހަނދާން ހިތަށް ތަޞައްވުރުވެގެން އަންނާނީ ކަރަންޓް ނެތިގެން ފެންނުބޮވި، ގަޟާޙަޖަތް ނުކުރެވި ގެއިން ނުކުންނަން ހުރި ލިފްޓް މަސައްކަތް ނުކުރުމުންނެވެ. ގައުމިއްޔަތު ނޭނގި ދިދައަކާ ދިމާލަށް ފަސާޙަތްތެރި ކޮންމެބަހަކުން މުޚާތަބު ކުރިނަމަވެސް ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ ވިސްނުން ނެތްބަޔަކަށް ވާނޭ ގައުމިއްތުގެ ފައިދާއެއްނެތެވެ.

އަޅުގަނޑުމެން މަހަށްފުރަނީ އަމިއްލައަށް ބަނދެފައި އޮންނަ އެންދަމާ ދަލާއި އަމިއްލަ އަތުން ތައްޔާރުކުރި އެންއުކާ ވަށްޓާއި އަމިއްލައަށް ހައްދާ އޮނުފީނިން މަސްބާނާ ދޮށިކަނޑައިގެން ވަލުން ގަސްކަނޑައިގެން ފައްޔާއި ރިތްދަނޑި އަދި ކުނބު ތައްޔާރުކޮށްގެން ކިއްސަރުވަޑާން ކުރަންދަންނަ ދިވެހިން އަމިއްލައަށް މަސްދޯނި ފަހަރު ބަނދެގެންނެވެ. ރިޔާ ހަދަނީ ފަނުންނެވެ. ވާވެލާވެލި ހަދަނީ ރޯނާއި ވަކަ ބޭނުން ކޮށްގެންނެވެ. މަސްބާނާ ބުޅިތައްޔާރުކުރަނީވެސް ދިވެހިންގެ އަމިއްލަ ވަންތަ ސިފައެއްގައެވެ. ދޮށީގެ މިޔަވާލި ތައްޔާރު ކުރަނީ ވަކައިންނެވެ.

މަސްބާނައިގެން ރަށަށް ލަފައި ގޮނޑުދޮށުގައި މަސްކަނޑައި، އެ މަސް ގެއަށް ގެންގޮސް މަސްކައްކަނީ ދިވެހިން އަމިއްލައަށް ޓިނުން ތައްޔާރުކުރާ ލޯގަނޑެއްގައެވެ. މަސްކައްކަން ބޭނުންކުރަނީ ފުރައްދެ ލޮނެއްނޫނެވެ. މޫދުލޮނާއި ވަޅުންނަގާ ފެނުގައެވެ. ގޭގެ ވޮށް ދިއްލަން ބޭނުންކުރަނީ ކާށިތެލެވެ. ލާހެދުންވެސް ވިޔަނީ ދިވެހިވަންތަ ކަމުގެ ސިފަޔަށް ދިވެހިން އަމިއްލަ އަށެވެ. ބޮލުގަލާ ތެލާއި މީރުވަސްދުވާ ހުވަނދު އުފައްދަނީ ތެޔޮދޮވެ ސާފުކޮށް މާވަހަރާއި ލާދަން ފަދަތަކެއްޗާއި މާމެލާމެލީގެ އަރަގު ބޭނުން ކޮށްގެނެވެ. ގޭގެ ޢިމާރާތްކުރެވިފައި ވަނީ ހޫނުނުވާނޭ ފޯމިއުލާއެއްގައި އަމިއްލައަށް ބިންމަތީގައެވެ. ބޭރުގެ ކަރަތަކުގެ ބާޒާރުގައި ހުންނަ މުދަލާއި ތަކެއްޗަށް ބަރޯސާނުވެ ދިވެހި ގައުމިއްޔަތު ކުލަތަކާއެއްގޮތަށެވެ.

ކައްކަނީ ދަރުއުނދުނުގައެވެ. ގޭހަކުން ނޫނެވެ. ގައުމިއްޔަތަކީ ތިމާމެން ދިރިއުޅޭ ފަސްގަނޑާއި ކަނޑުގެ ބޭނުން ހިފައި ފަރަންޖީންނަށް ބަރޯސާނުވެ ދިރިއުޅޭ އަމިއްލަ ދިވެހިވަންތަ ދިރިއުޅުމަށް ކިޔާނަމެކެވެ. އޭގެ ތެރޭގައި ދިވެހި ސަގާފަތާއި މާދަރީބަހާއި އަދަބާއިސަދަބު ކަނޑައެޅިފައި ވެއެވެ.

ރާއްޖޭގެ ގައުމިއްޔަތު ރައްޔިތުންނަށް ޚުދާޙާފިޒް ކިޔައިފިއެވެ. އެހެންކަމުން ތެލާއި ނުލާ ބަނޑުފުރާނަވެސް މުއްތިކުރެވޭ ކަށެއް ނެތެވެ. ކިހާދެރަހެއްޔެވެ؟ ދިވެހިން ކައިބޮއި އުޅުނީ ދިޔާހަކުރާއި ކާށްޓާއި ދޮންކޭލާއި ފިހުނުމަސްފަދަ ދިވެހި އުފެއްދުންތަކެވެ. އޮޅުއަލައާއި ކައްޓަލަ، ދޮނަޅަ ،ޒުވާރި ، ބަރަބޯ ، ބަނބުކެޔޮ ، އަނބު ، އަތަ ، ފޭރު ، ފިނިފެންޖަންބު، ޖަންބު، ޖަނބުރޯލު ފަދަ ގިނަގުނަ މޭވާ ތައް ދިވެހިންގެ ބާޒާރުތަކުން ލިބެންހުރި ގައުމިއްޔަތު އަޅުގަނޑުމެންނާއި ފެއަށް ޖައްސާލީ ސަރުކާރުތަކުންނެވެ.