ޝަރުޢީ ނިޒާމު އޮތީ ހައިޖެކް ކޮށްފައި

ޝަރުޢީ ނިޒާމު އޮތީ ހައިޖެކް ކޮށްފައި

ރައްޔިތުންގެ މަޖިލީހުން އެ މަޖިލިސްގެ މެންބަރުންގެ ގޮނޑި އެ މެންބަރަކު ހިމެނޭ ޕާޓީއަކުން ބޭނުންވެއްޖެ ނަމަ ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ވަނީ ބަދަލު ގެނެސްފައެވެ. މި ބަދަލަކީ އެއްވެސް ފަރާތަކަށް ގާނޫނު އަސާސީ އިން ރައްޔިތުންދީފައި ނުވާބާރެއް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓި ލިބިފައިވާ ޕީއެންސީއަށް ނިސްބަތްވާ މެންރުން ގާނޫނުއަސާސީ އަށް ގެނައި އެ އިސްލާޙާއި މެދު ހިތްހަމަނުޖެހި މެންބަރުންތަކެއް ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި އެމައްސަލަ ވަނީ ދުނިޔޭގެ ސަމާލުކަމަށްވެސް ގެނެސްދީފައެވެ.

ކަންމިހެން އޮއްވާ ގާނޫނުއަސާސީ އަށް އެ ގެނައިބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަން ނިންމެވި ހިސާބުން އެކޯޓްގެ ތިންފަނޑިޔާރަކު ސަސްޕެންޑު ކުރިމައްސަލަ ބައިނަލް އަގުވާމީ ސަމާލުކަމަށް އައިސް އަދި ރައްޔިތުންގެ ހިތްތަކުގައި އެކަމާމެދު އުފެދިފައިވާ ނުތަނަވަސްކަން ވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރުވެސް ޢަބުދު ﷲ ދީދީ އާއި އަދި ކުރީގެ ޕީޖީ ޝަމީމުގެ ނަޒަރުގައިވެސް ރާއްޖޭގެ ޝަރުޢީނިޒާމްގެ އިތުބާރު ދެމެހެއްޓެވުމަކީ އުއްތަމަ ފަނޑިޔާރުގެ މައްސޫލިއްޔަތެކެވެ.

މިހާރުގެ އުއްތަމަ ފަނޑުޔާރަކީ އަލް އުސްތާޒު މުޢުތަސިމް ޢަދުނާނެވެ. އެމަނީކުފާނުވަނީ 2008 ވަނަ އަހަރުވެސް އުއްތަމަ ފަނޑިޔާރުގެ މަގާމް ފުރުއްވާފައެވެ. އަދި އެމަނިކުފާނަކީ ގިނަރައްޔިތުންގެ ލޯބި ލިބިވަޑައިގެން ހުންނެވި ނަޒާޙަތްތެރި ބޭފުޅެކެވެ. އަދި އެމަނިކުފާނުގެ ކާފާފުޅު ޙުޞައިންސަލާހުއްދިނަކީ ވެސް ރާއްޖޭގައި އުއްތަމަފަނޑިޔާރުކަން ކުރެއްވި ގަދަރުވެރި ނަޒާހަތްތެރި ބޭފުޅެއް ކަމަށްވެފައި އަދި އެޢާއިލާގެ ގިނަބޭފުޅުންވެސް ފަނޑިޔާރުކަން ކުރައްވާފައިވައިރު އަލްއުސްތާޒު މުޢުތަސިމް ޢަދުނާނު އެމަނިކުފާނުގެ ޒިންމާ އަދާކުރައްވަން ޖެހިލުންވެ ވަޑައިގަންނަވަނި ކީއްވެގެންތޯ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމުން ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުޢޫދު ވަނީ ރައީސް ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރައްވައި މަގާމުން އިސްތިއުފާ ދެއްވާފައެވެ. ސުޕްރީމް ކޯޓުގެ އަނެއް ދެފަނޑިޔާރުން ކަމުގައިވާ އަލްއުސްތާޒު މަހާޒު ޢަލީޒާހިރާއި އަލްއުސްތާޒާ އަޒްމިރަލްދާ ޒާހިރު މަގާމުވަކިކުރަން ނިންމާ ޖޭއެސްސީ އިން ވަނީ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅަމަށް ފޮނުވައި އެ ފަނޑިޔާތުން ވަކިކުރައްވާފައެވެ.

ދުނިޔޭގެ ޣައިރު މުސްލިމް ގައުމުތަކުގައިވެސް އެގައުމުތަކުގެ ރައްޔިޔުންގެ މެދުގައި ޝަރުޢީ ނިޒާމާއި މެދު އުފެދޭ ޚިޔާލު ތަފާތުވުންތަކާއި ހިތްހަމަނުޖެހުންތައް ޙައްލުކޮށްދީ އެފަދަ ގައުމުތަކުގެ ރައްޔިތުންނަށް ޢަދުލުއިންޞާފު ކަށަވަރު ކޮށްދީ ހަދަނީ އެގައުމެއްގެ ނުވަތަ އެސިޓީއެއްގެ އުއްތަމަ ފަނޑިޔާރެވެ.

އެހެން ކަމާއެކު މިގައުމުގެ ރައްޔިތުންގެ ހިތްތަކުގައި މިރާއްޖޭގެ ޝަރުޢީ ނިޒާމަށް ވެރިކަމުގެ ފަރާތުން ނުފޫޒު ފޯރުވާކަމަށް އެ ކުރެވޭތުހުމަތު ތަކަކީ ޙަގީގަތެއްތޯ ނުވަތަ ނޫންތޯ ބައްލަވާ ރައްޔިތުންނަށް ޢަދުލުއިންޞާފު ކަށަވަރު ކޮށް ދިނުމަކީ އުއްތަމަ ފަނޑިޔާރުގެ ދުސްތޫރީ ޒިންމާއެއް ކަމުގައި މެނުވީ ނުވެއެވެ.

ރައްޔިތުން ބުނަމުން އެދަނީ ރާއްޖޭގެ ޝަރުޢީ ނިޒާމު އޮތީ ވެރިކަމުގެ ފަރާތުން ހައިޖެކް ކޮށްފައި ކަމަށެވެ. އެހެން ކަމުން ރައްޔިތުން އެ ކުރާ ތުހުމަތަކަކީ ރަނގަޅު ތުހުމަތެއްތޯ ނުވަތަ ނޫންތޯ ރައްޔިތުންނަށް ހާމަކޮށްދީ ގައުމުގައި ރޯވަމުން އެދާ ފިތުނައިގެ  އަލިފާންގަނޑު ރޯވިޔަ ނުދީ ނިއްވާލުމުގެ ޒިންމާ މިއަދު ވަނީ އުއްތަމަ ފަނޑިޔާރު އިސްތަށިފުޅުގައި އެޅިފައެވެ. ސުޕްރީމް ކޯޓުގައި ތިއްބެވި ނަޒާޙަތްތެރި ޢިލްމީ ގާބިލް ދެފަނޑިޔާރުން މަގާމުން ދުރުކުރުމަށް ނިންމާ ޖޭއެސްސީ އިން މަޖިލީހުގެ ތަޅަމަށް އެމައްސަލަ ފޮނުވާފައި އެވަނީ މިދެންނެވި ދެ ފަނޑިޔާރުންނަށް އެ ދެބޭފުޅުންގެ ނަފުސުގެ ދިފާޢުގައި ބަސްބުނުމުގެ ފުރުޞަތު ވެސް ނުދީކަން ފާހަގަ ކުރެވި ރައްޔިތުން ކުރަމުން އެގެންދާ ތުހުމަތުތަކަށް އުއްތަމަ ފަނޑިޔާރު ރައްދު ދެއްވަން ޖެހެއެވެ. އެހެނީ މިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށް ވީހިނދު މިގައުމުގެ ޢަދުލުއިންޞާފު ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަކީ ދީނީ އަދި ގާނޫނީ ވާޖިބެއް ކަމުގައި ވާތީއެވެ.

ގައުމުގެ ހަމަޖެހުން ބިނާވެފައި ވަނީ ހަމަހަމަ ކަމާއެކު ރައްޔިތުންނަށް ޢަދުލުވެރި އަދި އިންޞާފުވެރި ޝަރުޢީ ނިޒާމެއް ކަށަވަރު ކޮށް ދިނުމުގެ މައްޗަށެވެ.

Leave a Reply

Your email address will not be published. Required fields are marked *