ޖުޑިޝަރީ ހަށިވިއްކުން

ޖުޑިޝަރީ ހަށިވިއްކުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒުމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު ސަސްޕެންޑު ކުރެއްވުމަށްފަހު އުންތަމަ ފަނޑިޔާރު މުޢުތަސިމް ޢަދުނާނު އެދެބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެނބުރި ވަޑައި ނުގަންނަވާނޭ ކަމަށް ވިދާޅުވި ހިސާބުން އެ ދެފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީއިން  ގާނޫނަކަށް މޫނަކަށް ކަނދުރާއަކަށް ނުބައްލަވާނޭ ކަން ރައްޔިތުންނަށް ކަށަވަރު ވާނެތާއެވެ. މީގެ ކުރިންވެސް އެމަގާމުގައި ޙިސާން އިންނަވައިގެން ކަންކުރެއްވިގޮތަށް ބަލާލުމުންވެސް އެކަމަނާ މިދެންނެވި ދެފަނޑިޔާރުން ވަކިކުރައްވާނޭކަން ރައްޔިތުންވަނީ ޔަގީން ކޮށްފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ކަމުގައިވާ އަޒްމިރަލްދާ ޒާހިރާއި މަހާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރައްވާފައިވަނީ ގާނޫނުގެ އެންމެހައި ހަމަތަކާއި އިޖްރާޢަތްތަކާވެސް ޚިލާފަށް ކަމަށެވެ. 

އެހެން ކަމާއެކު ޖޭއެސްސީއިން އެ ދައްކަވާ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ކަމަށް ގަބޫލު ކުރާނޭ ގާނޫނީ އެެއްވެސް މިންގަޑެއް ފެންނާކަށް ނެތެވެ. އަނެއްކޮޅުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށް އެކޮމެޓީއަށް އެހެން މެންބަރުން ހުށަހެޅި ހެޅުއްވުންތަކަށް ޖަވާބުދާރީ ވުމެއްނެތި އެކޮމެޓީގެ ސުޕަރމެޖޯރިޓީ އޮތް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ބޭނުންފުޅު ގޮތަކަށް ނިންމެވި އެނިންމެވުން ތަކަކީ ހަމަބުއްދީގެ އަހުލުވެރި ބަޔަކު ބަލައިގަންނަން ފަސޭހަ ނިންމުން ތަކެއް ނޫނެވެ. އަދި އެ ދެފަނޑިޔާރުން މަޖިލީހުގައި ނުވަތަ ޖޭއެސްސީގައި ވިޔަސް ޖަވާބުދާރީ ވުމަށް ފުރުޞަތު ނުދީ ކަނޑާ ކަނޑާ ބަންގަޅީސް ކޮށްލިކޮށްލުން މިރާއްޖޭގައި ބުއްދި ސަލާމަތުން ހުރި އެއްވެސް ރައްޔިތަކު ގަބޫލުކުރާނޭ ކަމަށް ހީފުޅު ނުކުރައްވާށެވެ. 

އެމްޑީޕީގެ ވެރިކަމުގައިވެސް ޖޭއެސްސީއިން ވަނީ ވަރަށް ހުތުރުގޮތަކަށް ގާނޫނަކަށް ގަވާޢިދަކަށް އަދި އުޞޫލަކަށް ވެސް ބެއްލެވުމެއްނެތި އެތަކެއް ފަނޑިޔާރުން މަގާމުން ބޭރު ކޮށްފައެވެ. އެހެން ކަމާއެކު ޖޭއެސްސީއިން ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި އުޞޫލުތައް މުގުރާލާ މިފަދަ ނިންމުމެއް ނިންމެވީ ކޮންފަރާތެއްގެ ފިއްތުންތަކަށް ބިރުންތޯ ރައްޔިޔުންނަށް ސާފުވާން ޖެހެއެވެ. އެހެން މިދެންނެވީ މި ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެކޭ ބުނާތީއެވެ. އެހެން ކަމުން ދައުލަތުން ޖަވާބުދާރީ ވާންޖެހޭނީ ސީދާ ރައްޔިތުންނަށެވެ.

ޖޭއެސްސީ އުވާލާ  ފަނޑިޔާރުގެއަށް ބާނަމުންދާ އަތްތައް ބުރިކުރެވެން އެބަޖެހެއެވެ. ރާއްޖޭގައި ޢަދުލު އިންޞާފު އޮތް މިންވަރު ރައްޔިތުންނަށް ކަށަވަރު ވެގެން ދާނީ މިފަދައިން ކަންކުރެވިގެން ކަމަށްވެސް ވާތީއެވެ. ޢަދުލު އިޞާފަށް ބާނާއަތްތައް ބުރިކުރަން ޖެހޭކަމަށް ބުނެވޭ ބަހުގެ މުރާދަކީ އަތްބޭނޭ ހެން ހެދިފައިވާ މުވައްސަސާތައް ނުވަތަ ބާގަނޑުތައް ނައްތާލުމެވެ. އަދި މީގެއިތުރުން މަގާމުގެ ދަހިވެތި ކަމުގައި ހެއްދެވިފަރާތަށް ބިރުވެތިވުމެއް ނެތި އިންޞާފުން ބޭރުވެ ރައްޔިތުންނަށް އަނިޔަވެރިވާ ފަރާތްތައް ވެސް މަގާމުން ދުރުކުރުމެވެ.

ޙިސާންގެ ވާހަކަފުޅުތަކަށް ވިސްނާލުމުން އެކަމަނާ ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ވަކިކުރަން ނިންމެވީ ކޮންމެވެސް ފަރާތެއްގެ ޕްރެޝަރު އެކަމަނާގެ މައްޗަށް އޮވެގެން ކަން ހާމަކޮށްދެއެވެ. އަދި އެކަމަނާ އަކީ މަގާމު ދިފާޢު ކުރެއްވުމަށްޓަކާ މީގެ ކުރިންވެސް ގާނޫނާއި ޚިލާފަށް އެތަކެއް ފަނޑިޔާރުން މަގާމު ގެެއްލުވާލެއްވި ބޭފުޅެކެވެ. އެފަހަރު ފަނޑިޔާރުންތައް ކަނޑާލުމަށްފަހު އެޅުވީ ރައީސް ނަޝީދުގެ އިސްތަށިފުޅުގައެވެ. ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަލީ އާދަމް މަގާމުގައި ބަހައްޓަވައިގެން ސާބިތު ނުހިފޭ ދޮގު އިލްޒާމުތައް އެމަނިކުފާނުގެ ބޮލުގައި އަޅުވައި  އަބުރު ކަތިލައްވާ ގާނޫނާއި ޚިލާފުވެ އުޞޫލުން ބޭރުވެ އެމަނިކުފާނުގެ މަގާމު ގެއްލުވާލެއްވި ގޮތުންވެސް ޙިސާނަކީ މަގާމު ދިފާޢުކުރެއްވުމަށްޓަކާ ހަށިވެސް ވިއްކަފާނެ ކަނބަލެއްކަން  ހާމަވެގެން ގޮސްފިއެވެ.

Leave a Reply

Your email address will not be published. Required fields are marked *