ބާރުގެ ބޭނުން ކޮށްގެން ރައްޔިތުންގެ ތާއިދާއި ރުހުން ލިބޭނެ ކަމަށް އުންމީދު ނުކުރައްވާ
ރައްޔިތުންގެ ރުހުން ލިބޭނީ ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ އިޙުސާސްތަކަށް އިޙުތިރާމް ކުރާ ވެރިކަމެއް ކުރުމުންނެވެ. އަދި ހަމަ އެހެންމެ ރައީސުލް ޖުމްހޫރިއްޔާ ވަޢުދުވެވަޑައިގަންނަވާނީ ދައުލަތުގެ ތަނަވަސް ކަން ހުރި މިންވަރެއްގެ މައްޗަށް ރަނގަޅަށް ބެއްލެވުމަށްފަހުގައެވެ. ދައުލަތުގެ ތަނަވަސްކަން ނެތްނަމަ ކިތަންމެ ގިނަ ވަޢުދެއް ވިޔަސް އެ ވަޢުދުތަކެއް ނުފުއްދޭނެއެވެ.
ވެރިކަމަށް ވަޑައި ގަންނަވާ ބޭފުޅުން ރައްޔިތުންނަށް ވަޢުދުވެ ވަޑައި ގަންނަވާ މައިގަޑު ދެސަބަބެއް އޮވެއެވެ. އެއްސަބަބަކީ ރައްޔިތުންގެ ރުހުމާ ލޯބި ހޯދުމެވެ. ދެވަނަ ސަބަބަކީ ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމެވެ. ރައްޔިތުން ވެރިޔަކު އިންތިޚާބު ކުރުމަށްފަހު ކުރީގެ ސަރުކާރުން ކޮށްފައި ހުރިޚަރަދާއި ދައުލަތް ދަރާފައިވާ މިންވަރާއި ދައުލަތުގެ ރިޒާވުގައި ހުރި މިންވަރާއި އެ ސަރުކާރަކުން ވެފައިވާ ޚިޔާނާތައި މިކަންކަން ބަލާ ދިރާސާކުރުމަށްޓަކާ ދެމަސްދުވަހުގެ ޕްރޮބޭޝަން ޕީރިއަޑެއް ލިބެއެވެ. އެ ޕީރިއަޑުގެތެރޭގައި ނިމޭ ސަރުކާރުން ދައުލަތުގެ ފައިސާ ބޭނުންކޮށްފައިވާ ގޮތުގެ ސައްޙަމަޢުލޫމާތު އަލަށް އިންތިޚާބުކުރި ސަރުކާރުން ރައްޔިތުންނާ ހިއްޞާކުރަން ޖެހޭނެއެވެ. އިޚުލާޞްތެރި ނިޔަތެއްއޮވެގެން ވެރިކަމާ ޙަވާލު ވާނަމަ ދައުލަތުގެ ދަރަންޏާއި އަރަނީގެ ތަފުޞީލު ރައްޔިތުންނަށް ދޭނެއެވެ.
ދައުލަތް ދަރާފައިވާ މިންވަރާއި ދައުލަތް ދަރަން ޖެހުނު ސަބަބު ރައްޔިތުންނަށް ސާފްކޮށްދޭންވާނީ ވެރިކަން ކުރާތާއެތައް އަހަރެއް ފަހުންނެއް ނޫނެވެ. ކޮންމެ ވެރިކަމެއް ނިމުމަށްފަހު އެސަރުކާރުން ދައުލަތުގެ ފައިސާ ބޭނުންކޮށްފައިވަނީ ކިހިނެއްތޯއާއި ހިސާބު ކިތާބު ރަނގަޅަށް ބަލާ ދައުލަތް އޮޑިޓްކުރަން ޖެހޭނެއެވެ. އެގޮތުން މުޅި ދައިލަތް އިންޞާފުވެރި އޮޑިޓަކުން އޮޑިޓް ކުރުމަށްފަހު ދައުލަތުގެ ފައިސާއަށް ބަޔަކު ޚިޔާނާތްތެރި ވެފައިވާނަމަ އެބަޔަކާއި ޚިޔާނާތެރި ވެފައިވާ މިންވަރާއި ތަފްޞީލު ރައްޔިތުންނަށް ހާމަކުރުމަށްފަހު އެފަރާތްތައް ޝަރީޢަތުގެ ކުރިމަށްޗަށް ޙާޒިރު ކުރަން ޖެހޭނެއެވެ. އަދި އެ ސަރުކާރުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދާ އެފައިސާ ބައިތުލްމާލަށް ވައްދަންޖެހޭނެއެވެ.

ކަންމިހެން ހުރިނަމަވެސް ރައްޔިތުން އަލަށް ވެރިޔަކު އިންތިޚާބު ކުރުމުން އެ ވެރިމީހާ ރައްޔިތުންނަށް ޣައްދާރުވެ ނިމުނު ސަރުކާރުން ދައުލަތުގެ ރިޒާވްގައި ބަހައްޓާފައި ހުރި މަދު ފައިސާކޮޅު ވެރިކަންހޯދައި ދޭން މަސައްކަތް ކުރި ފަރާތްތަކަށް ބައްސަވާ ލެއްވުމަށްފަހު ނިމުނު ސަރުކާރުގެ ބޮލުގައި ސާބިތުނުހިފޭ ދޮގު އިލްޒާމް އަޅުވާ އާސަރުކާރުން ވައްކަންކުރުން ޖަހަނީ މެކުހަށެވެ.
ނަތީޖާއަކީ ގައުމާއި ރައްޔިތުންގެ ތަރައްގީއަށް ހޭދަކުރާނެ ފައިސާދައުލަތުގެ ތިޖޫރީގައި ނެތުމުން ފާޑުފާޑުގެ ޓެކްސް ތަޢާރުފްކޮށް ރައްޔިތުން އޮރިޔާން ކުރަން ފެށުމެވެ. މާލޭ ސަޙަރަޙައްދުގައި ރާއްޖޭގެ އާބާދީގެ ބޮޑުޕަސެންޓެއް ދިރިއުޅޭއިރު މާލޭ ސަރަޙައްދުގައި ދިރިއުޅެންބޭނުންވާ ކޮންމެ ދެމަފިރިއަކު ސާޅީސް ހަ ހާސްރުފިޔާ ހޯދަން ޖެހޭކަން ފާހަގަ ކުރަމެވެ.
ކޮންމެ އާސަރުކާރަކުން ނިމޭސަރުކާރުގެ ބޮލުގައި ދައުލަތުން މަދުވާ ފައިސާގެ އިލްޒާމު އެޅުވުން ނޫން ކަމެއް ކުރައްވާތަނެއް ނުފެނެއެވެ. ކަންކަން މިހެން ދިމާވަމުން ދަނީ ރާއްޖޭގެ ވެރިކަން ކާމިޔާބުކުރަނީ ވަގުންނަށް ވާތީކަމަށް ތަޖުރިބާކުރާ ފަރާތްތަކުން ބުނެއެވެ. ދައުލަތް ދަރަނީ ރައްޔިތުންނަށް ދައުލަތުގެ ފައިސާ ބަހާތީ ނޫންކަން ކޮންމެ ރައްޔިތަކަށް ވެސް އެނގޭނެއެވެ. އެހެން ކަމާއެކު ނުފޯރާފޮތިން ފޫނުގަޅާ ދައުލަތުގެ ތަނަވަސްކަމާ އެކަށޭނެ މިންވަރަކަށް ތަރައްގީގެ ޕްލޭންތައް ރޭވެން ޖެހެއެވެ. ދައުލަތުގެ ވެރިންނަށް ކޮންމެ މަޝްރޫޢަކުން އޭގެ ދެމަޝްރޫޢު ހިންގޭހާ ފައިސާ ދީގެން ދައުލަތުގެ ތަނަވަސް ކަމާ ނުބައްދަލު އެތައްމަޝްރޫޢެެއް ހިންގާ ދައުލަތް ދަރުވާލާފައި އެ ވިދާޅުވަނީ ދައުލަތުގެ ދަރަނި ބޮޑުވާ ވާހަކައެވެ.
ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދާ ރައްޔިތުންނަށް އިންޞާފު ހޯދައިދޭނެ ކަމުގެ ދޮގުވަޢުދާއެކު ވެރިކަން ހޯދުމަށްފަހު އަލަށް އިންތިޚާބުވާ ސަރުކާރުން ވެސް ކުރަނީ ވައްކަމެވެ. އަނެއް ކޮޅުން ރައްޔިތުން ސަރުކާރާމެދު ނުރުހި ރައްޔިތުންގެ އަޑުސަރުކާރަށް އިއްވަން މަގުމައްޗަށް ނުކުތުމުން ރައްޔިތުންގެ އަނގަޔަށް ތިޔަގޭސްޖަހާ އައިކޮޅަށް އަނބުރާ ފޮނުވާލަނީއެވެ. އެހެންކަމާއެކު ރައްޔިތުންގެ ރުހުން ނެތުމުން ދައުލަތުގެ ތިންބާރު އަތަށް ކަހާލާ މުޅިއޮަޑި ގައި އޮތީ ހަސަނުގެ ދެފައެވެ. ވެރިކަމުގެބާރަށް ރައްޔިތުންގެ ރުހުން ލިބޭނީ ކުރެއްވި ހުވަޔާއެއްގޮތަށް އިޚުލާޞްތެރި ކަމާއެކު ރައްޔިތުންނަށް ވެރިކަން ކޮށްދޭނަމައެވެ. މިގައުމަކީ ކުޑަކުޑަ އާބާދީއެއްގެ މައްޗަށް ބިނާވެގެންވާ ދުނިޔޭގެ ނިސްބަތުން ތަނަވަސް ގައުމެކެވެ. އެހެނަސް ވެރިން ވައްކަން ކުރާތީ ރައްޔިތުންނަށް ދައުލަތުގެ ތަނަވަސް ކަމުގެ ތެރެއިން ޙައްގުވާ މިންވަރު ނުލިބި ރައްޔިތުން ކުރާ ބުރަމަސައްކަތުގެ ފައިސާކޮޅުވެސް ސަރުކާރުން ފެލާލަނީއެވެ.
