ގޭންގު މާރާމާރީ ހުއްޓުވާނީ ކިހިނެއް؟

ގޭންގު މާރާމާރީ ހުއްޓުވާނީ ކިހިނެއް؟

ގޭންގް ތަކުން ހިންގި މާރާމާރީގެ ވީޑިއޯ ފުލުހުންގެ އަތުން ގެއްލި އެ މާރާމާރީ އާއި ގުޅިގެން ހައްޔަރު ކުރެވުނު އެންމެން ދޫކޮށްލަން ޖެހުނު ވާހަކަ ހޯމްމިނިސްޓަރު ވިދާޅުވުމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މިންވަރާމެދު ކޮންމެ ރައްޔިތަކުވެސް ކަންބޮޑުވާނެއެވެ.

މިގައުމުގެ ރައްޔިތަކަށް ދެންއޮތީ ކޮން ރައްކާތެރި ކަމެއްތޯއެވެ. ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ ރައްޔިތުން މަތިލޮށްފައިވާ ފަރާތެވެ. ރާއްޖޭގައި ޙަރަކާތްތެރިވަމުން އަންނަ ގޭންގް ތަށް ފުލުހުންނާއި ސިފައިނަށް އެގެން ޖެހޭނެއެވެ. އަދި ގޭންތަކުގެ ނަންތަކާއި  އެފަދަ ގޭންގްތަކަށް ނިސްބަތްވާ އެންމެންނާއި ހަރުކަށި ފިކުރަށް ތަބަޢަވާ އެންމެން ފުލުހުންނާ ސިފައިންނަށް އެނގޭކަން އެކި އެކި ނޫސްކޮންފަރެންސް ތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ. 

ކަން މިހެން ހުރިނަމަވެސް ރާއްޖޭގައި ޙަރަކާތްތެރިވާ ބައެއް ގޭންގްތައް ރެކްރޫޓްކުރަނީ ބައެއް ސިޔާސީ ޕާޓީތަކުން ކަމަށް ފުލުހުންގެ ނޫސްކޮންފަރެންސް ތަކުން ރައްޔިތުންނަށް ވަނީ ހާމަ ކޮށްދީފައެވެ. އެހެންކަމާއެކު ގޭންގަކުން ހިންގާފައިވާ ޣައިރު ގާނޫނީ ކުށެއް ތަޙުގީގު ކުރުމަކީ ފުލުހުން ފަސްޖެހޭ ކަމެއް ކަން ދޭހަވާ ޢިބާރާތަކުން މީގެ ދެއަހަރެއްހާ ދުވަސް ކުރިން ފުލުހުން ބޭއްވި ނޫންސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި ކަން އަޅުގަނޑު ހަނދާނަށް އާދެއެވެ. އަދި ގޭންތަކަށް ނިސްބަތްވާ އެންމެންގެ ނަންތަކާއި އެބައިމީހުން ދިރިއުޅޭ ތަންތަންވެސް ފުލުހުންނަށް އެނގިލައްވާކަމަށް އެނޫސްކޮންފަރެންސް ގަައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ތިބި ވަޅިންނާއި މަރުތޭލުން އިންސާނުންނަށް ޙަމަލާދޭން ޖެހިލުންނުވާ މީހުންނާއި ނުރައްކާތެރި ބޮން އުފައްދަން އެނގޭ އެންމެންނާއި އެމީހުން ތިރިއުޅޭތަންތަންވެސް ފުލުހުން މޮނިޓްކުރަމުންދާ ކަންވެސް އެ ނޫސް ކޮންފަރެންސުގައި ހާކުރައްވާފައިވެއެވެ.

 ކަން މިހެން ހުރިނަމަވެސް ބާރުގަދަ ބައެއްސިޔާސީ ޕާޓީތަކާއި ދައުލަތުގެ ބާރުގަދަ މަގާމްތަކަށް ނިސްބަތްވާ ބައެއްވެރިންގެ ޙިމާޔަތް ލިބިގެން ޙަރަކާތްތެރިވާ ގޭންގްތަކުން ހިންގާ އެފަދަ ޣައިރުގާނޫނީކަން ބަލައި އިންޞާފުވެރި ތަޙުގީގެއް ހިންގުމަކީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫންކަން ވީޑިއޯ ގެއްލުނުވާހަކަ ހޯމްމިނިސްޓަރ ވުދާޅުވުމުން ވެސް ރައްޔިތުންނަށް އެކަން ސާފުވާނެއެވެ.

ހޯމް މިނިސްޓަރަކީ މިސަރުކާރުގެ ބްރޯ ކަމަށް ގިނަބަޔަކު ދެކެމުން އަންނައިރު ގޭންގްތަށް ކޮންޓްރޯލްކުރުމުގެ މޭސްތިރިއަކީ ހޯމްމިނިސްޓަރު ކަމަށް ގިނަބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ. އެހެން ކަމުން ގޭންގްމަރާމަރީގެ ވީޑިއޯ ގެއްލި ދިއުމަކީ ނުވާނެ ކަމެއް ނޫންތާއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން މާލޭގެ ގެއެއްގައި ކާޓަލް ހަދައިގެން ގޭންގަކުން އެތާގައި މަސްތުވާ ތަކެތި ވިއްކައި އެތަކެތި ބޭނުންކޮށް އެޢިމާރާތަށް ކުންޏާއި ނަޖިސް އަޅަމުންދާތީ އެކަން ހުއްޓުވަން ފުލުހުނަށް ތަކުރާރުކޮށް ދެންނެވުމުންވެސް އަޅާނުލިކަން އެއީ އެފަދަ ކަންކަން ބަލާ އެ ޢަމަލުތައް ހުއްޓުވަން ފުލުހުން ނުކުޅެދިފައިވާކަން ހާމަވެގެން ދިޔަ ސަބަބެކެވެ.

މިހެން ކަންތައް ވާނަމަ މާރާމާރީ ހުއްޓުވޭނީ ކިހިނެއްހެއްޔެވެ؟ ފުލުހުންގެ އަތުގައި އޮންނަ ވަކި ގޭންގަކަށް ނިސްބަތްވާ ވީޑިއޯތައް ގެއްލެންވީ ކޮން ސަބަބަކާ ހުރެ ތޯއެވެ؟ ފުލުހުންގެ ތަޙްޤީޤަށް ގެންދާ ތަކެއްޗަކީ ސިސްޓަމުގައި ރައްކާކުރެވިފައިވާ ތަކެއްޗެވެ. އެއެއްޗެހިތަކަކީ ވަކި އޮފިސަރެއްގެ ޕާސްވޯޑު ޖަހައިގެން ބެލޭނެ ތަކެއްޗެވެ. އެތަކެތި ޑިލީޓް ކުރެވޭނީ އެ އޮފިސަރަށެވެ. ނުވަތަ އައިޓީ ޑިޕާޓްމެންޓަށެވެ. އެހެންކަމުން، މިނިވަން މުއައްސަސާތަކުގައި ހުންނަ މިފަދަ ހައްސާސީ ތަކެތި ގެއްލޭނަމަ މާރާމާރީ ނުހުއްޓުވޭނެއެވެ. ޤައުމެއް އިޞްލާޙެއް ނުވާނެއެވެ.