މިރަމަޟާންމަހު ހުޅުމާލޭގައި  ނަމާދުކުރަން އުފުލަންޖެހުނު ތަކުލީފުތަކުން  އެކަނިވެސް މިސަރުކާރުގެ  ދީނީސިޔާސަތު ހާމަވޭ

މިރަމަޟާންމަހު ހުޅުމާލޭގައި  ނަމާދުކުރަން އުފުލަންޖެހުނު ތަކުލީފުތަކުން  އެކަނިވެސް މިސަރުކާރުގެ  ދީނީސިޔާސަތު ހާމަވޭ

     ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެކަނިވެސް ދޮޅުލައްކައަށްވުރެ ގިނަ ދިވެހި މުސްލިމުންނާއި ފަންސާސް ހާހާއި ގާތްކުރާ ޢަދަދަކަށް ބިދޭސީ މުސްލިމުން ދިރިއުޅެއެވެ. އެހެން ކަމުން ނިމިދިޔަސަރުކާރުތަކުން މިފިޔަވަހީގައި ހުރި ފަސްމިސްކިތުގެ އިތުރުން ވަގުތީ ދެމިސްކިތް ބިނާކޮށްފައިވެއެވެ. މި ފިޔަވައްސައް ވަގުތީމިސްކިތްތައް އެންމެ ބޮޑަށް ބޭނުންވަނީ ރަމަޟާންމަހުގައެވެ. އެއީ ރަމަޟާންމަހު މިސްކިތްތަކަށް އަރާމީހުން ގިނަވުމާއި އަދި ގިނަ އަންހެނުން ތަރާވީސް ނަމާދަށް މިސްކިތަށް އެރުމުގެ ސަބަބުންނެވެ. ކަންމިހެން ހުރިނަމަވެސް ރަމަޟާންމަސް ފެށެން ކައިރިވެފައި ވަނިކޮށް މި ފިޔަވަހީގެ އެންމެ ބައިބޯ ސަރަޙައްދުގައި ބިނާކޮށްފައި ހުރި ދޮޅުހާހެއްހާ މީހުނަށް ނަމާދު ކުރެވޭ ވަގުތީ މިސްކިތް މިސަރުކާރުން ވަނީ އުވާލާފައެވެ. ރަމަޟާން މަސް އަންނާތީ މުސްލިމުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރަން އޮތް މަގު ބަންދުކުރެއްވީއެވެ. އޭގެ ކުރީ ސަރުކާރުން ވަނީ ދެންހުރި ވަގުތީ މިސްކިތް އުވާލާފައެވެ. 

ރައީސް އިބޫ (ކ) އާއި މުއިއްޒު: މި ދެބޭފުޅުންގެ ވެރިކަމުގައި ވެސް ވަގުތީ މިސްކިތްތައް ރޯދައަށް ބަންދުކުރުމުގެ ސަބަބުން އެކަމުގެ ތަކުލީފު އުފުލަން ޖެހުނު ރައްޔިތުން ވަނީ ޝަކުވާ ކޮށްފަ.

ހުޅުމާލެއަކީ ހިއްކައި ޕްލޭންކޮށްގެން އާބާދުކުރާ ރަށެކެވެ. މިރަށުގައި މީހުން ދިރިއުޅޭނެ ވަރާއި މިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްކަން ސަރުކާރަށް އެނގޭނެތާއެވެ. އަދި މުސްލިމުން ދިރިއުޅޭތަނެއްގައި ކޮންމެމީހަކުވެސް ނަމާދު ކުރާނެކަމާއި ކޮންމެ ރަށެއްގެ އާބާދީއަށް އެރަށެއްގައި ﷲ ގެ ތައުޙީދު ދެމެހެއްޓޭނޭ މަގު ތަނަވަސް ކޮށް ދޭން ޖެހޭނެކަން މޭރުންނުވާ ސަރުކާރެއް އޮތުމުން ރައްޔިތުން އެސަރުކާރަކުން ހަށިފޮޅާލަން ބޭނުންވާނެއެވެ. އުފެދޭ ސުވާލަކީ ރައީސުލް ޖުމްހޫރިއްޔާއާއި އިސްލާމިކް މިނިސްޓަރ ޕޯޑިއަމް ތަކަށް އަރުއްވާ އެ ވިދާޅުވަނީ އިސްލާމްދީނުގެ ކޮން ވަޙުދަތެއް ރައްކާކުރާ ވާހަކަ އެއް ތޯއެވެ. މާތްވެގެންވާ އިސްލާމްދީނަށް ލޯބިކޮށް އެ ދީނުގެ ޝިޢާރުތައް ނަގަހައްޓާ ދެމެހެއްޓުމަކީ މުސްލިމް އިންސާނާ ކުރާ ކަމެކެވެ. އެހެނަސް މުސްލިމް އިންސާނާ އަކީ ދޮގުހެދުމާއި މަކަރާޙީލަތް ހަދާ އޮޅުވާލާ އިންސާނަކަށް ވެއްޖެނަމަ އެ އިންސާނާ މުސްލިމުން ތެރެއަކު ނުހިމެނޭނެއެވެ.

ދައުލަތުގެ ތިންބާރު ރައީސުލްޖުމްހޫރިއްޔާގެ  ބާރުގެ ދަށަށް ދިއުމަށްފަހު ރައީސުލް ޖުމްހޫރިއްޔާ ވާނީ އެގައުމެއްގެ ވަލިއްޔުލް އަމުރަށެވެ. ގައުމުގެ އެންމެހައި މައްސޫލިއްޔަތާ ވާޖިބުތައް އަދާކުރުމަކީ ވަލިއްޔުލް އަމްރުގެ އިސްތަށިފުޅުގައި އެޅިފައިވާ ދީނީ ފަރުޟެކެވެ. މި ރަމަޟާން މަހު ހުޅުމާލޭގެ މުސްލިމް ރައްޔިތުން ފަރުޟުނަމާދު ކުރާން އުޅޭހާލާއި މިސްކިތްތަކުން ޖާގަނުލިބި މުޑުދާރު މަގުމަތިގައި މުސައްލަ އަޅައިގެން ނަމާދު ކުރަން ޖެހުމުން ހިތަށްކުރާ އަސަރު ތަކުގެ ޒިންމާ ވަލިއްޔުލް އަމްރު ނަންގަވަން ޖެހޭނެއެވެ

މިސްކިތްތަކުން ޖާގަނުލިބި މުޑުދާރު މަގުމަތިގައި މުސައްލަ އަޅައިގެން ނަމާދު ކުރަން ޖެހުމުން ހިތަށްކުރާ އަސަރު ތަކުގެ ޒިންމާ ވަލިއްޔުލް އަމްރު ނަންގަވަން ޖެހޭނެ.

  ދިވެހި މުސްލިމުންނަށް މި ނިމިދިޔަ ބަރަކާތްތެރި ރަމަޟާން މަހު މިސްކިތް ތަކުގައި ފަރުޟު ފަސް ނަމާދު ކުރަން ދަތިވެގެން އެދިޔައީ މިސަރުކާރުގެ ވަލިއްޔިލް އަމްރާއި އިސްލާމިކް މިނިސްޓަރުގެ ހިތްޕުޅުގައި އިސްލާމްދީނަށް އެއްވެސް އިޙުތިރާމެއް  ގަދަރެއް ކަމަށް ބެލެވެއެވެ. މިހެން މިދެންނެވީ ހުޅުމާލެމޭގެ ދެވަނަފިޔަވައްސައް އަމާޒުކޮށްފައެވެ. މިރަށުގައި ހުރި އެންމެ ބޮޑު އެންމެ ގުނަމީހުނަށް ނަމާދު ކުރެވޭ ވަގުތީ މިސްކިތް އުވާލީ ރަމަޟާން މަސް ނުހަނު ގާތްވެފައި ވަނިކޮށެވެ. ރަމަޟާންމަސް ނިމެންދެން އެމިސްކިތް އުވާނުލާ ބެހެއްޓިނަމަ ހުޅުމާލޭގެ އެެއްވަނަ ފިޔަވަހީގެ ރައްޔިތުން އަޅުކަން ކުރަން މިހާބޮޑު ތަކުލީފެއް އުފުލަން ނުޖެހުނީހެވެ.

ނިމިދިޔަ ސަރުކާރާއި މި ސަރުކާރުން އިސްލާމްދީނާއި މެދު މާބޮޑު ސަމާލުކަމެއް ނުދެއެވެ. މިދެންނެވީ މުސްލިމް އުންމަތެއްގެ ތަރޭގައި ފަރުޟުފަސްނަމާދު ދަތިކަމެއް ނެތި އަދާ ކުރެވޭ ގޮތަށް މިސްކިތް އަޅައިދިނުމުގައި އިހުމާލު ވެފައިވާ ވާހަކައެވެ. މިދެންނެވި ދެ ސަރުކާރު ނޫން ދެންއައި ކިންމެ ސަރުކާރަކުންވެސް ބައިބޯރަށްރަށްރަށުގައި ވަގުތީ މިސްކިތް ބިނާ ކޮށް ދެއްވައެވެ. ހުރިހާ މުސްލުމުންނަކީ ނަމާދު ކުރަން ޖެހޭ ބަޔަކަށް ވީނަމަވެސް ބައެއް ދިވެހި މުސްލިމުން ރަމަޟާން މަހުނޫނީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިއެއް ނުވެއެވެ. އެހެން ކަމުން ކޮންމެ ރަމަޟާން މަހަކު މަދުދިވެއްސަކު މެނުވީ ކުދިބޮޑު އެންމެން މިސްކިތްތަކަށް އަރާ ނަމާދުކުރެއެވެ. އަދި ޚާއްޞަކޮށް ރަމަޟާންމަހު ތަރާވީޙުނަމާދާއި ދަމުނަމާދު މިސްކިތްތަކުގައި ކުރުމަށްޓަކާ ގިނަޢަދަދެއްގެ އަންހެނުން މިސްތަކަށް އެރުމަކީ ދުރާލާ ރާވައި ވަގުތީ މިސްކިތް އިތުރުކުރަން ޖެހޭނެ ސަބަބެއްކަން ސަރުކާރުގެ އިސްލާމިކު މިނިސްޓަރާއި ވަލިއްޔުލް އަމްރަށް އެނގިވަޑައި ނުގަތުމަކީ މުސްލިމް އުންމަތެއްގެ ތެރޭގައި ފަރުޟުފަސް ނަމާދު އަދާކުރަން ތަކުލީފު އުފުލަން ޖެހުނު ސަބަބެކެވެ. އެހެން ކަމުން ވަލިއްޔުލް އަމްރާއި އިސްލާމިކް މިނިސްޓަރ ރައްޔިތުންގެ ކިބައިން މާފު އެދެންޖެހޭނެއެވެ.

ވެރިކަމަކީ ވަރަށްބޮޑު އަމާނާތެކެވެ. އެހެން ކަމުން އެ އަމާނާތުގެ އެންމެ މުހިންމު އެއަބަޔަކީ އިސްލާމްދީން ޙިމާޔަތްކޮށް މީސްތަކުންގެ ހިތްތަކުގައި ދީނީލޯބި އުފެއްދުމެވެ.އެހެންކަމާއެކު މި އިސްލާމީ އުންމަތަށް ވެރިކަމުގެ ފަރާތުން ޚިޔާނާތްތެރިވެއްޖެނަމަ ވެރިކަން ދީނީގޮތުން ސައްޙައެއް ނުވާނެއެވެ.