ޚަރަދު ކުޑަކުރުމުގެ ނަމުގައި ފަޑިޔާރުން ޢިލްމީގޮތުން އަހުލުވެރިވާން އޮތް ފުރުސަތު ހުއްޓުވާލުން

ޚަރަދު ކުޑަކުރުމުގެ ނަމުގައި ފަޑިޔާރުން ޢިލްމީގޮތުން އަހުލުވެރިވާން އޮތް ފުރުސަތު ހުއްޓުވާލުން

ޖޭއެސްސީން ޚަރަދު ކުޑަކުރުމަށް އަޅަން ފެނުނު ފިޔަވަޅަކީ މުސާރައާއި އިނާޔަތް ލިބޭގޮތަށް ފަނޑިޔާރުން ޢިލްމީގޮތުން އަހުލުވެރިވާން އޮތް ފުރުސަތު ޖަރަހަށް ހުއްޓުވާލުމެވެ. އޭގެ ހަގީގަތަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ނުފޫޒު ހިންގޭނެ ފުރުސަތު ޖޭ.އެސް.ސީ. ން އިތުރަށް ހޯދައިގަތުމެވެ. ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ނުފޫޒު ހިންގުމަށް ޓަކައި ދުނިޔޭގެ ބައެއް ގައުމުތަކުގައި ބޭނުން ކުރެވޭ އެއް އުކުޅަކީ އެތަނަށް ވީހާވެސް ގިނައިން އިސްލާމީ ޝަރީއަތް ނުދަންނަ އަދި އީމާންތެރިކަން މަދު އަދި ދީނީ ރޫޙަނެތް ލާދީނީ ވައްތަރުގެ މީހުން ވެއްދުމެވެ.

އިސްލާން ދީނާއި އިސްލާމީ ޝަރީޢަތް ނުދަންނަ މީހުން ލައްވާ ވަރަށް ފަސޭހައިން ނުފޫޒުގެ ބާރު އޮތްބަޔަކު ބޭނުންވާގޮތަކަށް ބޭނުންވާކަމެއް ކުރެވިދާނެއެވެ. އަދި އެ މިހާއަށް ވެސް އެއީ ތިމަންނައަށް އިލްމީގޮތުން ހައްގު މަގާމެއް ނޫންކަމާއި ތިމަންނައަށް އެ މަގާމު ލިބިފައިވަނީ މިވެނި ސިޔާސީ މީހެއްގެ ނުފޫޒުންކަން ރަނގަޅަށް އެނގޭތީ އެ ފަދަ ކަމެއް ކުރިމަތިވާ ހިނދު އެކަން ކޮށްދިނުން އެފަދަ މީހުން ދެކޭނީ އުފަލެއްގެގޮތުގައެވެ. އެ މަގުސަދު ހާސިލުކުރުމަށް ޓަކައި އަބަދުވެސް ސިޔާސީ ނުފޫޒުތައް މަސައްކަތްކުރާނީ އެތަނަށް ތިމާމެން ބުނާހާގޮތަކަށް ހުކުންތައް ލިޔެދޭނެ ބަޔަކު ވެއްދުމަށެވެ.

އެއާ ޚިލާފަށް ޝަރީޢަތް ދަންނަ ދިނީ ޢިލްމުވެރީން ޖުމުލަގޮތެއްގައި ތިބޭހުށީހައްގު މަތީގައެވެ. އެފަދަ މީހުން މަސައްކަތްކުރާނީ އަބަދުވެސް ހައްގާ އެއްކޮޅަކަށެވެ ސިޔާސީ މީހުން ބުނާހާގޮތަކަށް ދީލާ ވައްތަރުގެ ދީނީ ޢިލްމުގެ ސިއްކަ ޖަހައިގެން ހުރި މީހަކު ވެސް ޝަރުޢީދާއިރާގައި ހުރުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް އެއީ ވަރަށް ވެސް މަދުވައްތަރެކެވެ. އާއްމުގޮތެއްގައި ދީނީ ޢިލްމުވެރީން ލައްވާ ސިޔާސީ މީހުން ހިތުހުރިގޮތަކަށް ޝަރުޢީ ދާއިރާގައި ނުފޫޒުގެ ބޭނުންކުރުމަކީ ވަރަށް ވެސް ނާދިރުކަމެކެވެ. ﷲގެ ވަޙީބަސްފުޅުން އެކަމަށް އިޝާރާތްލިބެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (اللَّهއަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علمވެރިންނެވެ. سورة فاطر)


ފަނޑިޔާރުންގެ މުސްތަޤިއްލުކަން ބިނާވާ އަސާސަކީ އެބައިމީހުންނަށް ލިބިފައިވާ ތަޢުލީމާއި ތަރުބިޔައްތުގެ މައްޗަށެވެ. ޝަރްޢީ އަދި ޤާނޫނީ ޢިލްމު ލިބިގެން ނޫނީ މުސްތަޤިއްލުކަމާއެކު މީސްތަކުގެން މެދުގައި ފައިޞަލާ ނުކުރެވޭނެ އެވެ. ދިވެހިރާއްޖޭގެ ތިބި ފަނޑިޔާރުންގެ ތެރެއިން މިވަގުތު އިސްލާމީ ޝަރީޢާގެ ދާއިރާގެ ރޮނގުން ޕީ.އެޗ.ޑީ އެއް ހައްދަވާފައި ވަނީ ވަރަށް ވެސް މަދު ބޭފުޅެކެވެ. ނުވަތަ ނެތެވެ. އޭގެ އިތުރުން، ބެޗެލަރސް އާއި މާސްޓަރސްގެ ޑިގްރީ ޙާޞިލްކޮށްފައިވާ ބޭފުޅުން ވެސް މިހާރު ޝަރްޢީ ދާއިރާގައި އެބައުޅުއްވައެވެ. ނަމަވެސް ޢާއްމުކޮށް ބަލާއިރު އަދިވެސް ގިނަ ފަނޑިޔާރުންގެ އިސްލާމީ ޝަރީޢާގެ ޢިލްމީ ފެންވަރު ޢަދުލު ޤާއިމް ކުރުމަށް އިސްކުރެވޭ ވަރަށްވުރެ މާބޮޑުތަން ވެސް ދަށެވެ. ގާނޫނީ ރޮގުން ބެޗްލަރސް އާއި މާސްޓަރސްގެ ޑިގްރީ އެއް އޮތްކަމުގައި ވިޔަސް ނުވަތަ ޑިޕްލޮމާއެއް އޮތްކަމުގައި ވިޔަސް ޙަޤީޤަތަކީ ފަނޑިޔާރުންނަކީ ޝަރީޢާ ރަނގަޅަށް ދަންނަ އަދި ޢިލްމީ ޝަރީޢަތުގެ އަލީގައި ދިރާސާތައް ހެދޭ ފެންވަރުގެ ބަޔަކަށް ވާންޖެހެއެވެ. ނޫންނަމަ ހުށަހެޅޭ މައްސަލަތަކަށް ރަނގަޅު ޙައްލެއްހޯދަން ގިނަފަހަރަށް ދަތިވާނެއެވެ.


އާ ޤާނޫނު އަސާސީ އާ ގުޅިގެން ފަނޑިޔާރުން ވަކި މުއްދަތެއްގެ ތެރޭގައި ޢިލްމީގޮތުން އަހުލުވެރިވާން ޖެހެއެވެ. ނަމަވެސް ކިޔަވަން ހުސްވުމަށް އެދޭ ފަނޑިޔާރުންނަށް ޖުޑިޝަރީން އެ ފުރުޞަތު އޮތީ ވަރަށް ހަނިކޮށްފައިކަން ފާހަގަކުރެވެއެވެ. ހަގީގަތަކީ ސަރުކާރުން އެއްގޮތަކަސް ވެސް ރައްޔަތުން ކިޔަވައިގެން މޮޅުބަޔަކަށްވާން ބޭނުމެއްނުވެއެވެ. އެއް ސަބަބަކީ ގިނަ ބަޔަކު މަތީތަޢުލީމު ހާސިލުކޮށްފިނަމަ ދެން ސިޔާސީ މީހުން ދައްކާ ހުރިހާ ވާހަކައަކަށް އެ މީހުން “އާދެ! މަސާހިބާ” ކިޔެކިޔެ ނުތިބޭނެއެވެ.

އިސްލާމީ ކަންތަކާބެހޭ އެންމެ މަތީ ވަޒީރަށް ފަތްކޮޅު އަރުއްވަނީ: އިސްލާމީވަންތަ ފަނޑިޔާރުން އިސްކުރުމަށް އިސްލާމީ ވަޒީރަށް ބަސް ބުނެވެން ގާނޫނުން ބާރު ދޭންވާނެ!

އެގޮތަށް އުޅެން އެ ފަންތީގެ ގިނަ ބަޔަކު ބޭނުމެއްވެއް ވެސް ނުވާނެވެ. އެ ބިރު އޮތަތީވެ މުޅި ދިވެހި ރާއްޖޭގެ ތަޢުލީމީ ނިޒާމުވަނީ މަތީ ތަޢުލީމަށް ފުރުސަތު ވަރަށް ވެސް ހަނިކޮށްފައެވެ. މަތީ ތަޢުލީމޭ މިދަންނަވަނީ ފުރަތަމަ ޑިގުރީއަށްވުރެ މަތީ ޑިގުރީތަކުގެ ވާހަކައެވެ. މީގެ ބައެއް ހެކިތައް ދަންނަވާލާނަމެވެ.