މުނާފިގު ކައްޒާބޭއަށް ސުވަރުގެ އަށް ދެވޭނީ ދޮގު ހަދައި ވައްކަން ކުރީމާ ހެއްޔެވެ
މިދުނިޔެމަތީގައި ވެސް ބޯހިޔާވަހިކަން ހޯދަން ޖެހެއެވެ.
ދޮގުމަޢުލޫމާތު ދީގެން ގެދޮރާއި ފުލެޓް ލިބެނީ ސަރުކާރުގެ ވެރިން ރިޝްވަތު ހިފާތީއެވެ. ރައްޔިތަކު ވިޔަސް އަދި ރައީސަކު ވިޔަސް ކަމާއި ބެހޭ ފަރާތްތަކަށް ދޭ މަޢުލޫމަތަކީ ސައްޙަ މަޢުލޫމާތު ތަކެއްކަން ނުވަތަ ދޮގު މަޢުލޫމާތެއްކަން ކަށަވަރު ކުރާނަމަ ގެދޮރާއި ފުލެޓްގެ ޙައްގުވެރިން ބާކީވެ އެހެން ބަޔަކަށް ގެދޮރާއި ފުލެޓް ލިބިގެން ނުދާނެއެވެ. ރައްޔިތުންގެ ކުރިމަތީގައި ރޯބުހުތާން ދޮގުހަދައި އަދި ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ ހަރާމް ފައިސާއިން ދިހަބުރީގެ ޢިމާރާތް އަޅުއްވައިގެން ހުންނެވި ބޭފުޅަކު ރައްޔިތުން ފުލެޓް ހޯދަން ނުއުޅެ ސުވަރުގެ ހޯދަން އުޅުމަށް ނަޞޭހަތް ތެރިވުމަކީ ލަދުވެތި ކަމެކެވެ.
ސުވަރުގެ ލިބެނީ ތެދުވެރި އިޚުލާޞްތެރި އަމާނާތްތެރި ﷲ އަށް ބިރުވެތިވެ އެ އިލާހަށް އަޅުކަން ކުރާމީހުންނަށެވެ. އިންސާނުން މަގުފުރައްދައި އޮޅުވާލައި ދޮގުހަދައި ވައްކަން ކުރުމަށް ބާރުއަޅައި އިންސާނުންގެ ސިކުނޑިއަށް ސަވާރުވެ ހަދާނީ އިބިލީހުގެ ދަރިވަރެކެވެ. ރައްޔިތުމީހާ ފުލެޓް ނުވަތަ ގެދޮޮރު ހޯދަން މަަސައްކަތް ކުރަން ޖެހެއެވެ. އެހެނަސް ޙަލާލު މަސައްކަތުންނެވެ.
ރައްޔިތުންގެ ފައިސާ ވަގަށް ނަގައިގެނެއް ނޫނެވެ. އަދި ދޮގު މަޢުލޫމާތު ދީގެނެއްވެސް ނޫނެވެ. ޖިފުޓިގަނޑެއް ނަމަވެސް އިންސާނާއަށް ބޭނުންވާނެއެވެ. އެއީ ކޮންމެ އިންސާނަކުވެސް ބޯހިޔާވަހިކަމެއްގެ ތެރޭގައި ނިދާ ކައި ބޮއި އުޅުމަށެވެ.
ދިހަބުރީގެ ލަގުޒަރީ ގަނޑުވަރުގެ ވެރިޔާވެސް އަދި ކުޑަ ޖިފްޓިގަނޑުގެ ވެރިޔާވެސް މިދުނިޔެ އިން ދާނީ ހުސްއަތާއެވެ.
ރައްޔިތުންގެ މަގާމެއްގައި ރައްޔިތުންގެ ގެދޮރުގައި ރައްޔިތުންގެ ކާބޯތަކެތި ކައިގެން ރައްޔިތުންގެ ހެދުންލައިގެން ރައްޔިތުންގެ ކާރުގައި ތަންތަނަށް ގޮސް ރައްޔިތުންނަށް ދޮގުހަދައި ކައްޒާބަކަށް ވެގެން އޮޅުވާލަން ކެރޭނީ ފިރުޢައުނުފަދަ ނުބައި މީހަކަށެވެ.
ރައްޔިތުންގެ މުދަލާ ފައިސާއަށް ޚިޔާނާތް ތެރިވާ އިންސާނަކު ސުވަރުގޭގެ ވާހަކަ އެހެން މީހުންގެ ގާތުގައި ބުނަން ލަދުގަންނަން ޖެހޭނެއެވެ. ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ނުވާނެ ކަމަށް ބުނެ ﷲ ގަންދީ ހުވާކުރުމަށް ފަހު ރައްޔިތުންގެ މުދަލާ ފައިސާއިން ވައްކަން ކުރަމުން އެދަނީ ކާކަށް އޮޅުވާލަން ތޯއެވެ. ތިމާ ހެއްދެވި ފަރާތަށް ތޯއެވެ. ހުރިހާކަމެއްވެސް ﷲ މޮޅަށް ދެނެވޮޑިގެން ވެތެވެ. ތިމާއާއި ތިމާގެ އަޢުވާނުން އެއްބައިވެ ރައްޔިތުންގެ ބައިތުލްމާލު ލޫޓުވަމުން ދާއިރު ސުވަރުގެ މަތިން ހަނދާން ވޭ ހެއްޔެވެ.
ކުރިން ވެރިކަން ކުރިމީހުން ވެސް ގިނަ ޢަދަދެއްގެ ވަޒީފާތަކެއް ރައްޔިތުންނަށް ދިނެވެ. އަދި ރާއްޖޭ ތަރައްގީ ކުރުމުގައި ގިނަ ގުނަ މަސައްކަތް ތަކެއްވެސް ކޮށްފައި ވެއެވެ. އޭގެ ކުރީގެ ވެރިކަމުގައިވެސް ދެވަނަ ބުރެއްގެ ބޭނުމުގައި ސަރުކާރުގެ ތެރެއިން ގިނަގުނަ ނާޖާއިޒު އެތަކެއް މަންފާ ނެގިއެވެ. ދެވަނަ ބުރެއް ލިބުނު ހެއްޔެވެ. ހުރިހާކަމަކަށް ﷲ ކުޅުދުން ވަންތައެވެ.
ކިތަންމެ ކަމެއް ކުރިއަސް ކިތަންމެ ގިނަ ފައިސާއެއް ބެހިނަމަވެސް ﷲ ނިންމަވާ ގޮތް ނޫން އެހެން މޮޅެއް ނުހޯދޭނެއެވެ. ރައްޔިތުންގެ ބަދު ދުޢާއަކީ ވަރަށް ސީދާވާ އެއްޗެކެވެ. ރައްޔިތުން އުލުބައިންދައި މުޅި ދައުލަތް ލޫޓުވަމުން ދާއިރު ރައްޔިތުން ތިބީ ބަނޑަށެވެ.
ކަން އޮތީ މިހެންކަން އަމިއްލައަށް ގަބޫލު ކުރެވޭނެއެވެ. އެކަން ސިއްރު ކުރެވޭނީ ކާކަށް ހެއްޔެވެ. ކިތަން މޮޅަށް ތަދުބީރެއް ކުރިއަސް ތަގުދީރީ އިރާދައިގާ ނުވާ ކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. ރައްޔިތުންނަށް ގޮންޖަހަމުން ދުވާ ބަދަވީންނަށް ދަންނަވަން އޮތީ އިރާދައިގެ ބާރު މާގަދަވާނެވާހަކަ އެވެ. ތިޔަ ކުރާ ތަދުބީރު ﷲ ބައްލަވާ ވޮޑިގެން އެބަވެއެވެ. ތިޔަ ސިޙުރާއި ތިޔަ ޖައްސަވާ ހިސާބު ދިމައެއް ނުވާނެއެވެ. ފަސްލައްކަ ރައްޔިތުންގެ ތެރޭގައި މުއުމިނުން ވެސް ތިބޭނެއެވެ. އެވެރިން ﷲ ގެ ޙަޒުރަތުގައި ދުއާ ކުރަމުން ދާނެއެވެ. ވިސްނާށެވެ. ދެވަނަ ބުރެއް ހަރާމެވެ. ސުވަރުގެ ވެސް ލިބޭކަށް ނެތެވެ. އިންސާނުންގެ ޙައްގު ﷲ ވެސްމާފުކޮށް ނުދެއްވަތެވެ.
