މި ގައުމަކީ މިތަނަށް އުފަންވެފައިވާ އެންމެހައި ރައްޔިތުންގެ ގައުމެއް

މި ގައުމަކީ މިތަނަށް އުފަންވެފައިވާ އެންމެހައި ރައްޔިތުންގެ ގައުމެއް

ރައްޔިތުން ގެ މުދަލާއި ފައިސާ ސަރުކާރުގެ އިސްވެރިން ލޫޓުވަމުންދާއިރު އެކަން ދިފާޢުކޮށް ގައުމު ހަމަމަގަށް އެޅުވުމަށްޓަކާ ރައްޔިތުން ކުރާމަސައްކަތް ތަކަށް ހުރަސް އެޅުމަކީ ދިވެހި ފުލުހުންނާއި ސިފައިން ގާނޫނުއަސާސީ ރޫޙާއި ޚިލާފުވުން ކަމުގައި ބެލެވޭނެއެވެ.

ސަރުކާރުން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ޚިލާފުވެއްޖެނަމަ ރައްޔިތުންނަށް އެ ސަރުކާރު ބަދަލުކުރެވޭނެއެވެ. އެގޮތުން ރައްޔިތުން ސަރުކާރު ބަދަލު ކުރަން ނުކުންނަނީ ގައުމަށްޓަކައެވެ. އެންމެހައި ރައްޔިތުންގެ ޙައްގު ޙިމާޔަތް ކުރުމަށްޓަކައެވެ. މިއަދު ރާއްޖޭގެ ސަރުކަރާއި ޙަވާލުވެތިއްބެވި ބައެއް އިސް ފަރާތްތަކުން ގައުމުގެ ތަނަވަސް ކަމާއި ފުދުންތެރިކަން ލޫޓުވަމުން ދާކަން ނުދެނެހުރި އެއްވެސް ފަރުދަކު ނުހުންނާއެވެ. ރައްޔިތުންގެ މުދަލާއި ފައިސާ ސަރުކާރުގެ ވެރިން ލޫޓުވަމުން ދާހިނދު އެކަމުގެ ދިފާޢުގައި ރައްޔިތުން ތެދުވާތެދުވުމަކީ އެންމެންވެސް އެކަމަށް އެއްބާރުލުން ދޭންޖެހޭނެ ކަމެކެވެ. މިއަދު ރައްޔިތުންނަށް ޖެހިފައިވާ ދަތި ޙާލު ވަޒަން ކޮށް މި ވަބާއިން ގައުމު ސަލާމަތް ކުރުމަކީ މިގައުމަށް އުފަންވި ކޮންމެ ފަރުދެއްވެސް ވާޖިބަކަށް ވާނެއެވެ.

ރާއްޖޭގައި ހަދާފައިވާ އެންމެހައި ގާނޫނުތަކާއި ޚިލާފުވެ ދައުލަތަށް ޚިޔާނާތްތެރިވެފައިވާ ދައުލަތުގެ ވެރިއެއް ގެރިއެއް ނުބަލާ ޢަދުލު އިންޞާފު ގާއިމް ކުރެވެންޖެހޭނެއެވެ. ކޮންމެ މީހަކުވިޔަސް ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވެފައި ވާކަން ސާބިތުވާ މިންވަރަށް ހެއްކާއި އަދި ކިތާބީ ހެކި ލިބިފައިވާ ނަމަ އެއީ ކޮންމެ ފެންވަރެއްގެ ވެރިޔަކަށް ވިޔަސް ފިޔަވަޅު ނައަޅައިފިނަމަ ބެލެވޭނީ ރާއްޖޭގެ ޢަދުލުއިންޞާފުވެސް ލޫޓުވާލީ ކަމަށެވެ. ދައުލަތުގެ ވެރިންގެ އިތުރުން ރައީސްމީހާ ދައުލަތަށް ޚިޔާތެރި ވެއްޖެނަމަ އޭނާއަށް އެހެން ވެރިންނަށް ދޭ އަދަބުގެ ޑަބަލް އަދަބު ލިބެން ޖެހޭނެއެވެ. އެއީ ދައުލަތުގެ މުދަލާއި ފައިސާގެ އިތުރުން މުޅި ރައްޔިތުންގެ މިލްކިއްޔާތުގައި ހިމެނޭ އެންމެހައި ތަކެތި ބަލަހައްޓަން ރައްޔިތުން ޙަވާލު ކޮށްފައިވާ އެންމެ އިސްފަރާތަކީ ރައީސް މީހާކަމަށްވެފައި އޭނާ ރައްޔިތުންގެ އިސްވެ ބާންކުރެވުނު މުޅި މިލްކިއްޔާތަށް ޚިޔާނާތްތެރިނުވާނޭ ކަމަށާއި އަދި އެތަކެތި ތެދުވެރިކަމާއި އަމާނާތް ތެރިކަމާއެކު ބަހައްޓައިދޭނޭ ކަމަށް އެއްބަސްވެ ރައްޔިތުން ހެކިކޮށް ﷲ ގަންދީ ހުވާ ކުރައްވާފައި ވާތީއެވެ.

ރާއްޖޭގެ ގާނޫނުތަކުން ވަކިމީހަކު އިސްތިސްނާ ނުކުރެވޭނެ ކަމަށް އެފޮތްތަކުގައި ލިޔެފައިވެއެވެ. އަދި ދެފުށް ފެންނަ ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ލާޒިމްކުރާ ކަމެއްވެސް މެއެވެ. ރާއްޖޭގައި މިހިނދު ވެރިކަން ކުރަނީ ގާނޫނު އަސާސީގައި ބުނާގޮތަށްތޯއެވެ. ނޫނެކެވެ. ގާނޫނު އަސާސީގައި ދައުލަތުގެ ތިންބާރު ވަކިކޮށްދީފައި ވީނަމަވެސް އެތިންބާރު ޗެކް އެނޑު ބެލެންސެއް ނޫނެވެ. ދައުލަތުން ކުރާއެންމެހައި ކަންކަމަކީ ދުވަހުން ދުވަހަށް ރައީސްމީހާގެ ފަރާތުން ރައްޔިތުންނަށް ހާމަ ކުރަން ޖެހޭނެކަންކަމެވެ. އެހެނަސް މިސަރުކާރުން ރައްޔިތުންގެ ގާތުގައި ހަދަނީ ހުސް ދޮގެވެ. އަދި ރައީސްމީހާގެ ފަތްކޮޅުން ވަޒީފާތަކަށް އައްޔަނުކުރައްވަފައިވާ ވެރިންނަކީ އެމަނިކުފާނު ވިދާޅުވާގޮތަށް ޚިދުމަތް ފޯރުކޮށްދޭ ބައެއްކަމަށް ވީހިނދު “އެބޭޅުން” ދައުލަތުގެ މިލްކިއްޔާތުން ވައްކަން އެކުރަނީ ރައީސްމީހާ ވިދާޅުވެގެން ކަން ރައްޔިތުންނަށް އެނގޭހާވެއެވެ.

އެހެންޏާއެވެ. ކޮރަޕްޓް ވާވަރަކަށް އޭނާގެ މަގާމު އުފުލޭތީއެވެ. ރައީސްމީ އަކީ އިޚުލާސްތެރި ބޭފުޅެއްނަމަ  ފެނަކަ ސައީދެކޭ ބޮޓޭކޯއެކޭ ސުޖާއު އެކޭ ދެންވެސް ތިބި މިފަދަ ހުރިހާ ބޭފުޅުންނަށް އެއްހަމައަކުން ގާނޫނުގެ ކުރިމައްޗަށް ފޮނުއްވެވީހެވެ.