ސަލާމް ޖެހުން އިތުރުވެ ރައްޔިތުންނަށް ގޮތް ހުސްވެއްޖެ
2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދު ވަނީ ޒަމާނުއްސުރެ ބޭސްފަރުވާއަށް ސަލާމްޖަހަމުން ދިޔަ ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ހިތާމާއި ވޭނާއި ކެކުޅުންތަކަށް ޙައްލު ހޯއްދަވާ ދެއްވާފައެވެ. އޭގެ ފަހުން ރާއްޖޭގެ ވެރިކަމަށް ތިންބޭފުޅުން ވަޑައިގެންފައިވާއިރު އެއިން އެއްވެސް ބޭ ފުޅަކު ރައްޔިތުންނަށް ހިލޭ ލިބެމުންދިޔަ ބޭސްފަރުވާ އަށް ހުރަސް އަޅުއްވާފައެއް ނުވެއެވެ. އެބޭފުޅުން ވަނީ ވަކިހުދޫދެއްނެތި ހުރިހާރައްޔިތުންނަށް ހަމަހަމަ ކަމާއެކު ހުސްނުވާ އާސަންދަ ތަޢާރުފުކޮށް ބޭސްފަރުވާ ލިބޭނެ މަގު ތަނަވަސް ކޮށްދެއްވާފައެވެ.
ކަން މިހެން ހުރިނަމަވެސް މިއަދު ރައްޔިތުންނަށް ހިލޭލިބެމުންދިޔަ ބޭސްފަރުވާ ވެސް ވަނީ ހިފަހައްޓަވާފައެވެ. މި ސަރުކާރު ޚުދުމުޚުތާރު ކަމަށް ބައެއް ރައްޔިތުން ބުނަމުންދާ އެއް ސަބަބަކީ މިއެވެ.
މިއަދުގެ ރައީސް އާއި ރައްޔިތުން ވެރިކަން ޙަވާލު ކުރީ ވަރަށް ފޮނި އުންމީދަކާއި އެކުގައެވެ. ނަމަވެސް މިރައީސަކީ މިގައުމުގައި ރައްޔިތުންގެ ޙައްގު ވާކަން ގަބޫލު ކުރައްވާ ވެރިއެއް ނޫންކަމަށް އަޅުގަނޑަށްވެސް ޤަބޫލުކުރެވެއެވެ. އެންމެ ފުރަތަމަވެސް ލޫޓުވާލީ ރައްޔިތުންނަށް ހިލޭލިބެމުންދިޔަ ބޭސް ފަރުވާގެ ނިޒާމެވެ. އާސަންދަ ކަފުންކޮށް ރައްޔިތުންނަށް މޫނުވެސް ދައްކާ ނުލާ އެވަނީ ޖަނާޒާއަށް ތައްޔާރުވެފައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.
ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ބޮޑެތި ބަލިތައް ތަޙަންމަލް ކޮށް އެބަލީގައި މަރާއި ހަނގުރާމަ ކުރަމުންދާ އެތައްބަޔަކު ކުރަމުންދިޔަ އުންމީދު ތަކުގައި ހުޅުޖައްސަވައިފިއެވެ. އާސަންދަ ލޫޓުވާލާ އަމިއްލަ ޓީވީ ސްޓޭޝަނެއް ހުޅުވައި ރައްޔިތުންނަށް ކުރަންފެށީ މަލާމާތެވެ.
ކިޑްނީ ބަދަލު ނުކުރެވި، ބޯންމެރޯ ނެހެދި އަދި އެ ބަލީގައި އެ ވޭންތަކުގައި މަރާއި ހަނގުރާމަ ކުރަމުންދާ ލޮބުވެތި މުވާތިނުންނަށްޓަކާ ރައީސް ނަޝީދު ތަޢާފުކުރެއްވި ޓެކްސް ނިޒާމުން ލިބޭ މަންފާ ރައްޔިތުންނަށް ދޮންކަޅު އަންގާނުލާ މިސަރުކާރުގެ ވެރިން އެދަނީ މަޑިސީލަ ކުރަމުން ކަން ދޭތެރެދޭތެރެއިން ނޫސްތަކަށް އެ އަރާ ހެޑްލައިނުތަކުން އެނގެއެވެ. އެފައިސާ ވަގަށް ނަގައި ބިންބިމާއި ފުލެޓް ގަންނަވާހަކަ ދެއްކީމާ އެ ވާހަކަތައް ދައްކާ މީހުންގެ ދުލުގައި ވެސް ތަޅު އަޅުވަން މަސައްކަތް ކުރަނީއެވެ.
މިގައުމު އިސްތުޢުމާރުކޮށްގެން ކިހާދުވަހެއް ވަންދެން އޮވެ ވޭނެ ބާއެވެ. ރައްޔިތުންނަށް ގޮތް ހުސްވީމާ ދެންވާ ގޮތްވެސް ދިރިތިބި ބަޔަކަށް ފެންނާނެތާއެވެ. ރައްޔިތުން މިހިނދު ތަޙަންމަލް ކުރަމުންދާ ވޭނާ އުދާސްތަކަކީ ކެތްކުރަން ދަތި އަދި އޭގެ ސަބަބުން ހީވެސް ނުކުރާފަދަ ދެރަގޮތްތައް ގައުމަށް ކުރިމަތި ވެގެން ހިނގައިދާނޭ ކަންކަމެވެ. މިކަން ވަނީ 2012 ވަނަ އަހަރު ގައުމަށް ކުރިމަތިވި ދެރަގޮތަކެއްގެ ސަބަބުން ރައްޔިތުންނަށް ތަޖުރިބާ ކުރެވިފައެވެ. ރައްޔިތުންގެ ބޮލަށް ބަޑިޖަހައިގެން ވެރިކަމުގައި ހުންނަވަން ހެޔޮލަފާ ވެރިޔަކު މަސައްކަތެއް ނުކުރާނެއެވެ. ރައްޔިތުން އެބައިމީހުންގެ ވެރިމީހާ ހޮވި ބޭނުމާއި މަގުޞަދު ޙާޞިލް ނުވާނަމަ އެވެރިޔަކު މަގާމުގައި ބަހައްޓަން ބޭނުންނުވާނެކަން ހަމަހޭ ހުރީވިއްޔާ އެގެންވާނެއެވެ.
