ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕިއެންސީއަށް ގެއްލެނީ
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ 75 މެންބަރުންގެ ތެރެއިން 30 މެންބަރަކު އެޕާޓީއާއި ދެކޮޅަށް ނުކުންނަން މަސައްކަތް ކޮށްފި ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުން އެދާ ވާހަކަތަކަކީ ތެދުވާހަކަތަކެއްކަމަށް ބެލެވެން ފަށައިފިއެވެ. ސޯޝަލްމީޑިއާގައި ދައުރުވަމުން އެދާ މިދެންނެވި ވާހަކަ ތަކަށް ބާރުލިބެނީ އެ ތިރީސް މެންބަރުންނާއި ރައީސް މުޢިއްޒު ސިއްރިޔާތުގައި ބައްދަލު ކުރެެއްވިކަން ހާމަވުމުންނެވެ. ޕީއެންސީއަށް ނިސްބަތްވާ ހަތްދިހަ ފަސްމެންބަރުންނަކީ އެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ދެއްވާ މުސާރައާއި ޢިނާޔަތާއި ބޭސްފަރުވާއާއި އެކޮމޮޑޭޝަންގެ އިތުރުން އެބޭފުޅުންގެ ރުހުން ގެެއްލި މަޖިލީހުގެ ކޮންޓްރޯލް ޕީއެންސީއަށް ގެއްލިދާނެ ކަމުގެ ބިރަށްޓަކާ ކޮންމެ މަހަކު 50 ހާސްރުފިޔާގެ މުސާރައެއް އެއިން ބައެއް މެންބަރަކަށް ޕީއެންސީގެ ފަރާތުން ދެމުންގެންދާ ވާހަކަތަކަކީ ވެސް ޢާންމު ކޮށް އިވެމުންދާ ވާހަކައެކެވެ. އަދި މިފަހަރު ރައީސް މުޢިއްޒު ސިއްރިޔާތުގައި ބައްދަލު ކުރެއްވި މެންބަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެބޭފުޅުންގެ ޢާއިލާތަކަށް ދައުލަތުގެ ކުންފުނިތަކުންނާއި ބޭރުގެ މިޝަންތަކުންނާއި އަދި އޭގެ އިތުރުން ސިޔާސީ މަގާމްތައް ދިނުމަށްވެސް ހަމަޖެއްސެވި ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.
ޕީއެންސީ އަށް ނިސްބަތްވާ 75 މެންބަރުން މަޖިލީހަށް ހޮވުމަށްޓަކައި ރައީސް މުޢިއްޒުއަށް ވިޔާފާރި ވެރިންނާއި އަދި އެނޫންވެސް އެކިފަރާތްތަކުން ދީފައިވާ ފައިސާއާއި އަދި އޭގެ އިތުރުން ދައުލަތުގެ ވަޒީރުން އެދާއިރާތަކަށް ފޮނުއްވައި އެދާއިރާތަކުގައި ބަނޑަހަ ޖައްސަވައިގެން ތިއްބަވާ އެ ކެންޑިޑޭޓުންނަށް ތާއީދާއި ވޯޓުހޯދުމަށްޓަކާ ދާއިރާތަކުގެ ބާރުގަދަ ބޮޑެތި ޢާއިތަކަށް ފައިސާއާއި ވަޒީފާ ދީގެން މެންބަރުން ހޮއްވެވިކަން ރައީސް މުޢިއްޒުގެ އިސްވެ ބަޔާން ކުރެވުނު ސިއްރު ބައްދަލު ކުރެއްވުމުގައި އެމެންބަރުންނަށް ހަނދުމަފުޅު ކޮށްދެއްވިކަންވެސް ވަނީ ހާމަވެފައެވެ.
ކަންމިހެން ހުރުމާއި އަދި މެންބަރުކަމުގެ ގޮނޑި ގެއްލުވާލުމުގެ ބާރު ރައީސް މުޢިއްޒު އަތްޕުޅުގައި އޮތްކަންވެސް އެބޭފުޅުންނަށް ހަނދުމަފުޅު ކޮށްދެއްވިއެވެ. އެހެން ކަމާއެކު ދިޔާ ހަކުރު ރުނބައަށް ވެއްޓުނު މެއްސަށް ޖެހުނު ދަތުރު އެ މެންބަރުންނަށް އެވަނީ މެދުވެރިވެފައެވެ. ލޮބުވެތި މެންބަރުންނޭވެ. ކޮންމެ ނަފުސެއްވެސް މަރުގެ ރަހަދެކޭނެއެވެ. މަރުގެ ރަހައަކީ ނުބައި ނުލަފާ މީހުނަށް ވަރަށް ވޭންދެނިވި މަރެއްކަމުގައިވެއެވެ. އެހެންކަމާއެކު ﷲ އަށް ބިރުވެތިވެ ރިޝްވަތުގެ ޙަރާމް ފައިސާ އަނބިދަރިންނަށް ކާން ނުދިނުމަށް އިލްތިމާސް ކުރަމެވެ. މިއީ އަބަދު ތިބެވޭނެ މަންޒިލެއް ނޫނެވެ. ދާއިމަށް ދެމިތިބެނިވި މަންޒިލަށް ވާޞިލްވާ ދުވަހުގެ ހާލާމެދު ފިކުރުކޮށް ވިސްނާށެވެ.
ކޮންމެ ފެށުމަކަށް ވެސް ނިމުން އަންނާނެއެވެ. ރައްޔިތުންގެ ވޯޓުން ހޮވި އަދި ރައްޔިތުންނަށް އިޚުލާޞްތެރި ވުމަށް ﷲ ގަންދީ ކުރެެއްވި ހުވަޔަށް ބިރުވެތި ވާށެވެ. މިއަދު ދޮގެއްހަދައި އޮޅުވާލެވިދާނެއެވެ. އެހެނަސް އެދުވަހު ﷲ ދެއްވާ ފަތުގައި ހުރިހާ ވާހަކައެއް ލިޔެވިގެން ވާނެއެވެ.
މިދެންނެވި 75 މެބަރުންނަށް ކޮންމެ މަހަކު 37،50،000 ތިރީސް ހަތްލައްކަ ފަންސާސް ހާސް ރުފިޔާ (ދައުލަތުގެ ކުންފުނި ތަކުންނާއި ބޭރުގެ މިޝަން ތަކުންނާއި ސަރުކާރުގެ އެތަކެއްސިޔާސީ މަގާމުދީ އެމަގާމުތަކަށް މުސާރައާއި ޢިނާޔަތް) ދެމުން އެގެންދަނީ ކޮންތާކުން ހޯދާ ފައިސާއަކުންތޯއެވެ. ރައްޔިތުންގެ ޚަޒާނާއިން ރައްޔިތުންނަށް ޙަރާމްކޯރު ކުރުވުމަށްޓަކައި މަޖިލީހުގެ މިދެންނެވި މެންބަރުންނަށް މުސާރައާއި ޢިނާޔަތާއި ބޭސް ފަރުވާގެ އެހީ ފޯރުކޮށްދީ ރައީސް މުޢިއްޒަށް ފަހިވާގޮތަށް ބިލްތައް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ތަޅަމުން އެބިލްތައް ފާސްކުރަމުން ދާއިރު ރައްޔިތުން ތިބީ ނިދާފައެއް ނޫނެވެ. ދެވަނަ ދައުރެއްގެ ދަހިވެތި ކަމުގައި ރައްޔިތުންގެ ޚަޒާނާއިން ތިޔަޖަހާ ސަކަރާތް ރައްޔިތުންނަށް ވަރަށް ސާފެވެ.
ވެރިކަމަކީ ﷲ އިންސާނާއާއި ޙަވާލު ކުރައްވާ އަމާނާތެކެވެ. އަދި އެ އަމާނާތަށް ޚިޔާނާތްތެރިވާ މީހުނާއިމެދު ޙުކުމް ކުރައްވަނީ ވެސް ﷲ ކަން ހަނދުމަފުޅު ކުރައްވާށެވެ. ކިތަންމެ ތަދުބީރެއް ކުރިނަމަވެސް ﷲ ގެ ތަގުދީރީ އިރާދައިގައި ނުވާނަމަ އެ ކަމެއް ޙާޞިލް ނުކުރެވޭނެއެވެ. ރައްޔިތުންގެ މަޖިލީގެ ސުޕަމެޖޯރިޓީ ހިފަހައްޓާ ގޮތް ރައްޔިތުންނަށް ސިއްރުވެފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައިވެސް އެ ގޮވާނަގަނީ މަޖިލީހުގެ މެންބަރުންނަށް ދިމްޔާތުން ރިޝްވަތުގެ ފައިސާ ބަހާ ވާހަކައެވެ. އެހެނަސް ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން މަޑުންތިބޭތީ ގައުމަށް ހިތުހުރި ގޮތެއް ހަދަނީތާއެވެ.
