ދެމީހަކު އެއްވިޔަސް މިހާރު ބަވަނީ ސަރުކާރަށް…!

ދެމީހަކު އެއްވިޔަސް މިހާރު ބަވަނީ ސަރުކާރަށް…!

ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން ރާއްޖެއަށް ވަންނަހާ ޑޮލަރަކީ ދިވެހިރައްޔިތުންކުރާ ބުރަމަސައްކަތުގެ ފޮނިމޭވާއެވެ. އެހެން ނަމަވެސް ބީއެމްއެލް ހިންގުމުގެ ނިޒާމަކީ ސަރުކާރުގެ ބާރާއި ނުފޫޒްއޮންނަ ނިޒާމަކަށް ވުމުން ރައްޔިތުން ކުރާ ބުރަމަސައްކަތުން ލިބޭ ފޮނިމޭވާގެ ރަހަ ރައްޔިތުންގެ ކަރުބުޑުގައި ލާގޮތެއް ނުވެއެވެ. ފެށުނީއްސުރެ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް ރިޒޯޓުތަރައްގީކުރުމަށްޓަކާ ބީއެމްއެލްއިން ލޯން ދޫކުރަމުން ދިޔަނަމަ މިއަދު ރައްޔިތުން ތަޙައްމަލް ކުރަން ޖެހިފައިމިވާ ޑޮލަރުލިބުމުގެ ދަތިތަކާ ކުރިމަތިލާން ނުޖެހުނީހެވެ. ނަމަވެސް ދިވެހި ބޭންކަކީ ސަރުކާރުގެ ރުހުންއޮންނަ ސިޔާސީ ފަރާތްތަކަށް ފައިސާ ދޫކުރަން ހުންނަ ތިޖޫރީއަކަށް ވުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިންވެސްޓްކުރަންތިބި އިންވެސްޓަރުން ބޭރުގެ ބޭންކްތަކާ ދިމާލަށް މިސްރާބުޖަހަން ނުޖެހުނީސްތާއެވެ.

ކަން މިހެން އޮތްނަމަވެސް ރައީސް މަޢުމޫނުގެ ސަރުކާރުން ދިވެހިބޭންކަށް އަތްގަދަކޮށް ރާއްޖޭގެ އިގްތިޞާދީ ހުންގާނުގެ ހަޅިބައިން ބުރިކޮށް ސަރުކާރުގެ އިސްމަގާމު ތަކުގައި ތިއްބެވި ނުފޫޒުގަދަ ބޭފުޅުންގެ ތެރެއިން ލޯންސްޓާރުން އުފައްދާ އެފަރާތްތަކަށް އެތައްސަތޭކަ މިލިއަން ޑޮލަރުގެ ލޯން ދޫކޮށްފައިވެއެވެ. ސަރުކާރުބަދަލުވުމުން އެބޭފުޅުން އެލޯންތައް ނުދައްކާ ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކޮށްގެން އެތިއްބެވީ އެވެ. ސަރުކާރު ބަދަލުވެ ޖެހިގެން އައި ސަރުކާރުންވެސް އަދި ދިވެހިބޭންކުންވެސް މިދެންނެވިފައިސާ ހޯދާކަށް ނުއުޅެއެވެ. އެހެނަސް ރައްޔިތުންނަށް ދޫކުރި ފަނަރަހާސް ރުފިޔާގެ ކުދިލޯނު ނެގި ރައްޔިތުންގެ ތެރެއިން ބައެއް މީހުންނަށް އެލޯނުނުދެއްކި ދިއުމުން ލޯނުގެ ފަނަރަހާހާއި އަދި އިންޓަރެސްޓަށް އަރާފައިވާ އެތައްލައްކަ ރުފިޔާ ހޯދަން ދަޢުވާކޮށް ބައެއްމީހުން ބަންދުކޮށް ޖަލަށްލަމުން ވެސް އެބަދެއެވެ. މީވެސް އިންޞާފެވެ.

އެހެން ކަމުން މިދެންނެވި ބުރަޔަކީ ސަރުކާރުން ދިވެހިބޭންކުތެރެއަށް އަތްބޭނުމުގެ ސަބަބުން ރައްޔިތުންނަށް އުފުލަން ޖެހިފައިވާ ތަޙައްމަލް ކުރަން އުނދަގޫ ބުރައެކެވެ. ސަރުކާރެއްގެ ދޯހަޅިސިޔާސަތުގެ ސަބަބުން ރައްޔިތަކަށް ބޭންކިންގ ނިޒާމުގެ ތެރެއިން ބުރައެއް އުފުލަން ޖެހުމަކީ ސަރުކާރުގެ ފެއިލްވުމުގެ ނަތީޖާއެވެ.

ވެރިން ބަދަލުވިޔަސް ދިވެހިބޭންކް ބަދަލެއް ނުވެއެވެ. އަދި ބޭންކްގެ ޕޮލިސީއެއްވެސް ބަދަލެއް ނުވެއެވެ. އެހެން ކަމުން ޤާނޫނު އަސާސީގައި ދައުލަތުގެ ތިންބާރުކަމަށް ކަނޑައަޅާފައިވާ ބާރުތަކުގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ ބާރުކަމަށް އެބުނާ ބާރަކީ ރައްޔިތުންގެ ބާރުކަމަށް ވާނަމަ މަސްހުނި ވެފައިވާ ރާއްޖޭގެ ހުރިހާ ނިޒާމުތައް އެނިޒާމްތަކުގެ ޙަގީގީ މާނައިގާ މަސައްކަތް ކުރާ ނިޒާމްތަކަކަށް ބަދަލު ކޮށްދޭން ޖެހެއެވެ.

ޝާޒް ވަލީދު: އޭނާ ވިދާޅުވީ ދިވެހި ބޭންކު އޮތީ މައުމޫނުގެ އިރުއްސުރެ “ރުހޭ ބަޔަކަށް” ފައިސާ ދޫކުރާ ތިޖޫރިއެއްގެ ގޮތުގައި ކަމަށާއި އަދިވެސް އޮތީ ހަމަ އެގޮތަށް ކަމަށް.

ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްލަޙަތު އޮންނަ މަޖިލީހަކަށް ވާނަމަ ރައްޔިތުންގެ މަޖިލީހުގެ ނަން ގާނޫނު އަސާސީ އިން ބަދަލުކޮށް ރައީސުލްޖުމްހޫރިއްޔާގެ މަޖިލިސް ކަމުގައި ކަނޑައަޅުއްވާށެވެ.
ރާއްޖޭގެ ޓޫރިޒަމް ނަގައި ކޮޅަށް ޖެހޭތޯ ބުރަ މަސައްކަތްކުރި މީހުން ވަރަށް ގިނައެވެ. ރިސޯޓު އޯނަރުންނާއި ޓުރެވެލް އެޖެންޓުންނެވެ. އޭގެތެރެއިން އެކަކީ މުޙައްމަދު ޝާޒް ވަލީދެވެ. އޭނާ ވިދާޅުވީ ހޮޓާތަކުގެ ސައިމޭޒުތަކުގައިވެސް އޮތީ މިސަރުކާރަށް ބެވުން ކަމަށާއި ދެމީހަކު އެއްވިޔަސް ސަރުކާރަށް ބެވުން ނޫން ކަމެއް ނެތެވެ. އެހެންކަމުން، ސަރުކާރު ގެނައުމަށް ތާއީދުކުރި މީހެއްގެ ހައިސިއްޔަތުން މިއަދު ގަންނަނީ ލަދު ކަމުގައެވެ.

އަދި ރާއްޖޭގެ ޝަރުޢީ ނިޒާމުގެވެސް އޮތީ ތަޅުއަޅުވާފައި ކަމަށާއި މިނިވަން މުސްތަގިއްލު މުވައްސަސާތަކުގެ ލަގަންވެސް އޮތީ ރައީސުލް ޖުމްހޫރިއްޔާގެއަތްޕުޅުގައި ކަމުގައެވެ. އެހެން ކަމުން ސަރުކާރުގެ މުށުތެރެއަށް ދައުލަތުގެ ހުރިހާ ބާރުތައް ޖަމާކުރަނީ ރައްޔިތުން އަޅުވެތިކުރުމާއެކު އަނގަ ބަންދުކޮށް ރައްޔިތުންކުރާމަސައްކަތުގެ މަންފާ ސަރުކާރަށް އަތުލައިގަތުމަށް ކަމުގައި ޝާޒު ވިދާޅުވިއެވެ.