ހާހާއިނުވަސަތޭކަ ހަތްދިހައިގެ އަހަރުތަކާ ހަމަޔަށް ރާއްޖޭގެ ރައްޔިތުން…
ހާހައި ނުވަސަތޭކަ ހަތްދިހައިގެ އަހަރު ތަކާ ހަމަޔަށް ރާއްޖޭގެ ރައްޔިތުންނަކީ އެކަކު އަނެކަކުދެކެ ލޯބިވާ ބައެކެވެ. ރާއްޖެއިން މިއާދަ އުވިގެން ގޮސްފައިވަނީ ޖަޕާނުގެ މަރުބޭނީ ކޯޕަރޭޝަނާއެކު ރައީސް އަލްމަރުމް ވެލާނާގޭ އިބްެރާހިމް ނާޞިރުގެ ސަރުކާރުން ރާއްޖޭގެ މަސްވެރިން ބާނާ މަސް ކިރުވަން ސޮއިކުރި އެއްބަސް ވުމަކަށް ފަހުގައެވެ.

އެވާލާޒަމާނުއްސުރެ ރާއްޖޭގެ މަސްވެރިން ބާނާ މަސް ކިރުވަނީ އެރަށެއްގައި ހުންނަ ވިޔާފާރި ގެތަކަށެވެ.
މަސްވެރިން މަސްބާނައިގެން ރަށަށް އައިސް ބާނާމަސް އޮޑިވެރިގެއަށާއި ކެޔޮޅުންނަށާއި މަސްވެރިންނަށާއު އެންކެޔޮޅަށް ބައި އަޅައިގެން މަސްބަހައެވެ. އެއަށް ފަހު ރަށުގެ ގޮނޑުދިށުގައި މަހުގެ ކަރުއަޅައި މޫދުން މަސް ދޮވެގެން ގެންދަނީ ގެތަކަށެވެ. މަސްވެރިން ގެއަށް މަސްގެނެސް މަސްކަނޑައި ބޮޑެތި ތެލިތަކުގައި ބޮލާއި ކަށިފައްޗާއި ކިރުބިހާއި މޭލަގޮނޑިއާއި ބަނޑުފަދަ ތަކެތި ކައްކައެވެ. މި މަސައްކަތުގައި ގޭގެ އެންމެން ޝާމިލްވެއެވެ. މަސްކައްކެއްޖުމާއި މަހުގައި ދިލަޖައްސާ ވިޔާފާރި ގެތަކަށް ކިރުވާ މަހާއި މާލެ ގެންދާ މަސް ވަކިކޮށް އަވީލައި މަސް ހިއްކަނީ އަންހެން ވެރީންނެވެ.

އޭރު ފިރިހެނުން އަނދެ އުޅެނީ މުންޑެވެ. ލައިއުޅެނީ ގަންޖިފަރާހެވެ. ބައެއްމީހުން ފޮށައެވެ. ފެންވަރަން ސައިބޯނީގެ ގޮތުގައި ބޭނުން ކުރަނީ ދަނޑިސައިބޯންޏެވެ. ފޯރުންތެރިން ބޭނުން ކުރަނީ ސަންޑަލްވޫޑު ކުދިސައިބޯންޏެވެ. ގަޔާއި ބޮލުގައި ލައި އުޅެނީ ކާށިތެލެވެ. އަންހެން ވެރިން އަނދެ އުޅެނީ ކަނޑިކިއެވެ. ލައި އުޅެނީ ބޯވަޅުއެޅި ލިބާހެވެ. ފޯރުންތެރިންގެ އަނބިން ލައި އުޅެނީ ކަސަބުބާދަލާއިން ހިރުގަތައި ހިރުއެޅި ލިބާހެވެ. ޝޭމްޕޫއަކަށް ބޭނުންކުރަނީ ގަނޑުއަޅިއާއި ކުކުޅުބިހެވެ. ފޯރުން ތެރިން މީރުވަސް ދުއްވަން އަތަރުލައެވެ.

އެހެން ކަމުން ވިޔާފާރި ގެތަކަށް މަސް ކިރުވައިގެން ގެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގަތުމަށްފަހު މާލެގެންދަން ތައްޔާރުކުރާ ހިކިކަޑުމަހާއި ކުފުރާއާއި ބޮލިރޯނުފަދަ ތަކެތި ތައްއްޔާރުކޮށް މާލެއަށް ދަތުރުކުރާ މީހުންގެ އަތަށް ދީގެން ހިކިސާމާނާއި މަސްކައްކާ ލޯގަނޑާއި ތާސް ފަދަ ތެލިތަށިފަދަ ތަކެތި ގެނުވައެވެ. އަންހެނަކު ބަލިވެއިނދެފިނަމަ ވިހަންވާއިރަށް އަވަށްޓެރި އެންމެން ގުޅިގެން ތަރުފޮނި ފަދަ ތަކެތި ތައްޔާރު ކުރެއެވެ.އަދި އޭގެ އިތުރުން ތެލަށް އަޅައި އޮޅުއަލަ ބަނބުކެޔޮ އަދި މިނޫންވެސް ގިނަ ކާބޯތަކެތި ތައްޔާރުކޮށް ރުނބަޔާއި ދޮގުފަދަ ކަންވާރުތަކަށް އަޅައި ރައްކާކުރެތެވެ.
ބަލިވެ އިން އަންހެންމީހާ ވިހަން ބަޑުގައި ރިއްސަންފެށުމުން ފޫޅުމައިމީހާގެނެސް ފަނޑިތަހަދާ މީހަކުގެނެސް އެންމެހައި އަވަށްޓެރިން ތިބެތީ ކުރިމަތުވެދާނު ނުރައްކަލަކުން އެ އަންހެންމީހާ ސަލާމަތް ކުރުމަށް އެމީހަކަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ތައްޔާރުވެގެންނެވެ. އަދި ގޭދޮށަށް ދަރު އެއްކޮށް ބޮޑު އަލިފާންގަނޑެއް ހަތްދުވަސް ވަންދެން ނިވާނުލާ ދަރުއަޅަމުންވެސް ދެއެވެ. އެއީ އަންހެންމީހާ އަށް ހޫނު ކުރުމަށްޓަކާ އެނދުދަށުގައި ތެއްޔަކަށް ވެލިއަޅައި އޭގެ ތެރެއަށް އަލިފާންއަޅަ އަޅާތިބެއެވެ. އެއީ ވިހެއުމަށް ފަހު އަޅާބޭސްގަނޑަށް ހޫނުކުރުމަށެވެ.
ހަތްރޭ ހަތްދުވާ ވަންދެން އަވަށްޓެރިން އެގެއެއްގައި ހޭލާތިބެ މަޖާނަގަމުންދެއެވެ. އަދި ހަތްދުވަސް ވާދުވަހު ނަންކިއުމަށްޓަކާ ކުކުޅު ހިފާ ކަތިލާ ނަންކިއުމުގެ ޙަފުލާ ތައްޔާރުކުރެއެވެ. މިހުރިހާ ކަމެއްގައި އެންމެހައި އަވަށްޓެރިން ޝާމިލްވެ ރަސްމިއްޔާތު ނިމެންދެން އެގޭގައި ތިބެއެވެ.
ގެއެއްގައި ވަޅެއް ބަހައްޓާނަމަ ވަޅުބުރި ރާނާމީހާއަށް އަތްގާތްކޮށްދީ ގާތަޅާ އުވަގަށާ ހަދަނީވެސް އަވަށްޓެރީންނެވެ.
މިފަދަ މަސައްކަތެއް ކުރާއިރު މަސައްކަތުގައި ބައިވެރިވާ މީހުން ކެއުމަށް ބޭނުންވާ ކާބޯތަކެތި ކައްކައި ހަދާނީވެސް އަވަށްޓެރި އަންހެންވެރީންނެވެ. އަދި ގެއެއްގެ ފާރު ރާނަންޖެހުނަސް އެމަސައްކަތް ކުރާނީ ހުރިހާ އަވަށްޓެރިންގުޅިގެންނެވެ. އެހެންކަމުން މިގޮތަށް ކުރާ މަސައްކަތްތަކަށް އަގުދޭކަށް ނުޖެހެއެވެ. ގެއެއް އަޅަން ޖެހުނަސް އެ ގެއަޅާނީ ހުރިހާ އަވަށްޓެރިން ގުޅިގެން މަސައްކަތްކޮށްގެންނެވެ. އޭރު ރައްޔިތުން އިމާރާތް ކުރަނީ އެންމެން ގުޅިގެން މަސައްކަތުގައި އެއްވަރަކަށް ބައިވެރިވެގެންނެވެ. އެހެން ކަމުން މިފަދަ މަސައްކަތް ކުރާކަށްވެސް ފައިސާ ހޯދާކަށް ނުޖެހެއެވެ. ހަމައެހެންމެ ޚިތާންކުރާ ފުރާވަރަށް އަރާފައިވާ އަވަށުގެ ހުރިހާ ކުދިންޚިތާނު ކުރަން ކޮންމެވެސް ރަށަކުން ޚިތާނުކުރާމީ ރަށަށް ގެންނަނީ ދެކުންހަދައި ދެޖިންސުގެ ޒުވާނުން މަސްދޯންޏެއްގައި ގޮސް ބެރުޖަހާ އަންބާކިޔާފައެވެ.
ނުނިމޭ…
