އެސްޓީއޯގެ ފަތިފުށް ގޯސް، ހިންގަންވީ މިހެންބާ؟

އެސްޓީއޯގެ ފަތިފުށް ގޯސް، ހިންގަންވީ މިހެންބާ؟

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަކީ ރައްޔިތުންގެ ފައިސާއިން ގައުމަށް ޒަރޫރީ މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ޒަމާނުއްސުރެ ހަވާލުކޮށްފައިވާ ތަނެކެވެ. ނަމަވެސް އެތަނުގެ ވެރިން އޮޕަރޭޝަންތަކަށް ހިޔަނި އެޅި، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ.މިއީ ދޮގެއްތޯއެވެ؟

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރަށް ބަލާލާއިރު އެސްޓީއޯ މެދުވެރިކޮށް ކޮށްފައިވާ ތެލުގެ ވިޔަފާރިއެއްގައި 800 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ޚިޔާނާތެއް ފަޅާނާރާހެއްޔެވެ؟ އެކަމުގެ ސާފު ހެކި ފެންނަން ހުރި 66 ފޮށީގެ ފުރާ ހުރި ލިޔެކިޔުންތަކެއް ނުފެނޭހެއްޔެވެ؟ ދެން ވީ ކިހިނެއްހެއްޔެވެ؟ އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮރުވީއެވެ. މަތިޖަހައި ބަންދުކޮށްލީއެވެ! އެއަށްފަހު 2018 ވަނަ އަހަރު ރައްޔިތުން އެކަމާއި އިހުތިޖާޖުކޮށް މުޒާހަރާތަކުގައި އެވާހަކަތައް ގޮވައި ޕްރެޝަރު ކުރަން ފެށުމުން މަޖިލީހުގެ ހުށަހެޅުންތަކާ ގުޅިގެން 2020 ވަނަ އަހަރު އެ މައްސަލަ އަލުން ނުހުޅުވާތޯއެވެ؟ އެކަމަކު މިހާރު އޭގައިވެސް އިއްތާލި ބަޔަކު އިއްތާލައި އެ މައްސަލަ ވީ ހިސާބެއް ވެސް ނޭނގެއެވެ.

މީގެ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމުގައި ހުރި މީހަކު މާލެއިން 8.4 މިލިއަން ރުފިޔާގެ އެސެޓެއް ހޯދިއިރު އޭނާގެ ރަސްމީ މުސާރައަށް ބަލާއިރު އޭނާއަށް އެވަރުގެ ފައިސާއެއް ނުލިބޭނެއެވެ. ވީމާ އެއީ އެސްޓީއޯގައި ހުރި ރައްޔިތުންގެ ފައިސާތޯ ވެސް ބަޔަކު ސުވާލު އުފައްދައެވެ؟ އެ މައްސަލަ ތަހުގީގު އޮތީ އޭސީސީގައެވެ،

މީގެ އިތުރުން އެސްޓީއޯގެ ފައިނޭންޝަލް މެނޭޖްމަންޓަށް ވެސް ވަނީ ތަފާތު ތުހުމަތުތައް ކުރެވިފައެވެ. ޖޫން 2023 ގައި އެކުންފުނިން ވަނީ ތެލާއި، އާންމު މުދަލާއި، އަދި ބޭސް ގަތުމަށް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ) ގެ އެއްބަސްވުމެއްގައު ސޮއިކޮށްފަ އެވެ. އެކަމަކު އެ މުދާތައް ބަރާބަރަށް ފޮރުކޮށްދެނުހެއްޔެވެ؟ މީގެ އިތުރުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތައް ކަމަށްވާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ފަދަ ކުންފުނިތައް މަސްތުވާތަކެތީގެ ކަންކަމުގައި ބައިވެރިވާ ކަމަށް ތުހުމަތުކޮށް، އެ ޖަމިއްޔާގެ އަބުރު އިތުރަށް ގެއްލިގެން ގޮސްފައިވެ އެވެ.

ރާއްޖޭގެ ކޮރަޕްޝަން އޮތީ ފާލުން ނެއްޓިފައެވެ. 2023 ވަނަ އަހަރުގެ ޤައުމީ ކޮރަޕްޝަން ޕަރސެޕްޝަން ސާރވޭއަކުން ދައްކާ ގޮތުގައި %67 މީހުން ގަބޫލުކުރީ ދިވެހިރާއްޖެގެ ދައުލަތުން ކޮރަޕްޝަން ހުއްޓުވުމަށް ދައްކަނީ ހުސްވާހަކަ ކަމަށެވެ. ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ކޮރަޕްޝަން އިތުރުވެފައިވާކަމަށް %64 މީހުން ޤަބޫލުކުރެއެވެ. އެސްޓީއޯ ފަދަ ދައުލަތުގެ ވިޔަފާރިތައް އެންމެ ކޮރަޕްޓް މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބެލެވެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން 2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި އެންމެ ހާމަކަން ބޮޑު ސަރުކާރުގެ ކުންފުނީގެ ގޮތުގައި ބަލައިގަނެ، ހާމަކަން ބޮޑު ކުރުމަށް އެސްޓީއޯއިން މަސައްކަތްތަކެއް ކުރިއިރު، މި ޝަރަފުތަކުގެ ހިޔަނި އެޅިފައިވަނީ މިހާރު ހިނގަމުންދާ ކޮރަޕްޝަންގެ ތުހުމަތުތަކާއެވެ.

އެސްޓީއޯ އަކީ އަމިއްލަޔަށް ހުރިހާ އެއްޗެއް ރާއްޖެ ގެންނަ ކުންފުނި ކަމުގައި ވިޔަސް މަކަރުވެރި ޑީލްތައް ހަދައިގެން ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ޑޮކިއުމެންޓުތައް މިހާރު ވެސް ތިލަވެފައި ވާއިރު، ކެއިރެޓްސޫ ކިޔާ އަމިއްލަ ކުންފުންޏަކަށް 175 ގޮނޑި ގަތުމަށް އެސްޓީއޯއިން ޑީލް ހަދަން ޖެހޭ ސަބަބަކީ ކޮބާހެއްޔެވެ؟ މި ޑީލްގައި ގޮނޑިއަކަށް އެވްރެޖްކޮށް 7،000ރ އަށް ވުރެ ބޮޑުކަން ފާހަގަކުރެވެ އެވެ.

މިއީ އެސްޓީއޯ އިން ކަންތައްތައް ކުރަން ޖެހޭ ގޮތް ހެއްޔެވެ؟