800 މިލިއަން ޑޮލަރުގެ ބާކީ ބައި ދޮންނަން ފަށައިފި

800 މިލިއަން ޑޮލަރުގެ ބާކީ ބައި ދޮންނަން ފަށައިފި

800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުފިޔާފާރީގެ ވަގުފައިސާ ބޭރުގައި ބަހައްޓައިގެން ރާއްޖޭގެ މަހުޖަނެއްގެ އެހީގައި ރައީސް ޔާމީނު ގެންދަވަނީ އެ ކަޅުފައިސާ ދޮވުމުގެ މަސައްކަތް ކުރައްވަމުން ކަމަށް މާރިނދަ އަށް އެނގިއްޖެއެވެ. މި މަސައްކަތުގައި އުޅުއްވަނީ އެ މައްސަލާގައި ހައްޔަރުކުރި ފަހުމީ ކިޔާ ހުވަދު އަތޮޅު މަޑަވެއްޔަށް ނިސްބަތްވާ ބޭފުޅެކެވެ. އެބޭފުޅާ ހުންނަވަނީ އިސްވެ ދެންނެވުނު މަހުޖަނުގެ ރިސޯޓެއްގައެވެ. އެފަހުމީ އަކީ ފެށުނީއްސުރެ މިބާތުގެ ވައްކަން ކުރުމުގައި އަރާހުންނެވި ބޭފުޅެކެވެ. 

އެބޭފުޅާގެ ފުރަތަމަ ވައްކަންކުރަން ފެށްޓެވީ ރައީސް އިބުރާހިމް ނާސިރުގެ ވެރިކަމުގައެވެ. ޕިޔޯނެއްގެ ވަޒީފާއަދާ ކުރައްވަމުންނެވެ. އޭރު އެބޭފުޅާ އުޅުއްވީ ރައީސް މައުމޫނު ވެރިޔަކަށް ހުންނެވި ސަރުކާރުގެ މުވައްސަސާއެއްގައެވެ. އެ މުވައްސަސާގައި ފަހުމީ ޕިޔޯނަކަށް ހުންނެވި ދުވަސްވަރު އެ މުވައްސާގެ ފައިސާގެ ޗެކްތަކަށް އެމް އެމް އޭއިން ފައިސާ ނަންގަވަނީ ހަމަ މި ފަހުމީއެވެ. ޗެކް ތަކުގައި ސޮއި ކުރައްވަނީ ރައީސް މައުމޫނެވެ. 

އެހެން ކަމުން އެދުވަސްވަރު ފަހުމީ ވަނީ ރައީސް މައުމޫނުގެ ސޮޔާ އެއްވައްތަރަށް ސޮއިކުރަވަން ދަސްކުރައްވާފައެވެ. ފަހުމީ ފުރަތަމަ ވައްކަމަކީ ރައީސް މައުމޫނުގެ ސޮއި ކުރައްވައިގެ ފަހުމީ ވަޒީފާ އަދާކުރައްވާ މުވައްސަސާގެ ނަމުގައި އެމް އެމް އޭއިން ފައިސާ ނަންގަވައިގެން ކުރެއްވި ވައްކަމެވެ. އެކަން ފަޅާއަރައި އެވައްކަމުގެ މައްސަލާގައި ފަހުމީ އަރުވާ ލައްވާފައި ވެއެވެ. އޭގެ ފަހުންވެސް ފަހުމީ އުޅުއްވީ އޮޅުވާލައިގެންނާއި އެކިގޮތް ގޮތުން މީސްމީހުންގެ އަތުން ފައިސާ އަތުލުންފަދަ ފޭރުމުގެ ޙަރަކާތް ތަކުގައެވެ. އެހެން ކަމުން ފަހުމީ ވެގެން ދިޔައީ މިފަދަ ކަންކަން ކުރުމުގައި ވަރަށް ފޭމަސް ބޭފުޅަކަށެވެ. ރައީސް ޔާމީނަކީ ވެސް ފޮރުވިގެން ހުންނަވާ ދައުލަތުން ވައްކަން ކުރައްވަމުން ގެންދެވި ބޭފުޅެއްކަމަށް ވުމުން ލަނޑަޔާވާނީ ލަނޑަޔާއޭ ބުނާހެން އެސްޓީއޯއާއި ސިންގަޕޯރގެ ކުންފުންޏަކާ ދެމެދު ހަދަން އޮތް އެގްރީ މެންޓު ކުރެވިގެން ދިޔައީ ރައީސް ޔާމީނުގެ ވަގު ކުންފުންޏަކާ ދެމެދުގައެވެ. 

އެސްޓީއޯގެނަމުގައި އޮޅުވާލުމެއްގެ ތެރެއިން ރާއްޖެ ތެޔޮ އެތެރެކުރަމުން ދިޔައީ ރައީސްޔާމީނު ސިންގަޕޯރގައި އުފައްދަވާފައިވާ ވަގުކުންފުންޏަކުންނެވެ. ރާއްޖޭގެ އިތުރުން މިސަރަޙައްދުގެ ބައެއް ގައުމު ތަކަށާއި ބޯޓުފަހަރަށް ވެސް އެކުންފުނިން ދިޔައީ ތެޔޮސަޕުލައި ކުރަމުންނެވެ. މި ވަގުވިޔާފާރި ހިންގުމުގައި ޔާމީނުގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނެވި އިސް ވެރިޔަކީ ފަހުމީއެވެ. ތެޔޮސަޕްލައި ކުރަން ގެންގުޅެފައިވަނީ ރާއްޖޭގެ އުޅަނދުފަހަރެވެ. ރައީސް ޔާމީނަކީ ރަސްމީ އެއްވެސް ވިޔާފާރިއެއް ކުރެއްވި ބޭފުޅެއްނޫނެވެ. އެހެނަސް ރައީސް ޔާމީނަށްވުރެ ފައިސާގިނަ ދެވަނަ މަހުޖަނެއް ރާއްޖެއަކު ނެތެވެ. ރާއްޖޭގެ އުޅަދު ފަހަރު ގެންގުޅުނީ ވަގުރަޖިސްޓަރީ ހަދައިގެންނެވެ.

މިކަން ފަޅާއަރައި ފަހުމީ ސިންގަޕޫރުގެ ޖަލަށްވެސް ލިއެވެ.

މިދެންނެވި ވަގުވިޔާފާރި ކޮށްގެން ހޯދި ފައިސާގެ އެއްބައި އަދި ހުރީ ރާއްޖޭން ބޭރުގައެވެ. މިދެންނެވި ފައިސާ ދޮންނަމުން ދަނީ ފަހުމީ ހުންނަވާ ރިސޯޓްގެ އޯނަރ އަދި މަހުޖަނު ލައްވައެވެ. އެމަހުޖަންގެ ކުންފުނިތަކަށް ގެންނަ މުދަލާއި ތަކެތީގެ ޝިޕްމަންޓްތަކަށް ފައިސާ ޓްރާންސްފަރ ކުރަނީ ފަހުމީއެވެ. ފަހުމީ ފައިސާ ޓްރާންސް ފަރ ކުރަނީ ބޭރުގައި ފޮރުވާފައި ހުރި ވަގުފައިސާއިންނެވެ. މަހުޖަނުގެ ކުންފުނިތަކުން އޯޑަރ ކުރާ ޝިޕްމެންޓްތައް ރާއްޖެ އައުމުން އެޝިޕްމަންޓްތަކަށް ފަހުމީ ދައްކާފައިވާ ފައިސާ އިން މަހުޖަނަށް ދޭން އެބަސްވެފައިވަ ޕަސެންޓް އުނިކުރުމަށްފަހު ބާކީ ފައިސާ ލިބެނީ ފަހުމީ އަތަށެވެ. މިގޮތުގެ މަތިން 800 މިލިއަންޑޮލަރުގެ ތެލުގެ ވަގު ވިޔާފާރި ހިންގައިގެން ހޯދާފައިވާ އެތައްސަތޭކަ ބިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ނުދޮވި ހުރި ފައިސާ ދޮންނަމުން އެދަނީ މިދެންނެވި އުޞޫލުގެ މަތީންނެވެ. ރައިސް ޔާމީނު ރާއްޖޭގެ ވެރިކަމަށް ކުރިމަލައްވަން ބޭނުންވާ ފައިސާ މިހާރު އެދަނީ މަހުޖަނު މެދުވެރިކޮށް ޕަސެންޓެއްވެސް ދޭގޮތަށް ދޮންނަމުންނެވެ.

އެނގިވަޑައިގަންވާނޭ ފަދައިން ދުވަހަކުވެސް ރަސްމީ ވިޔާރިއެއް ނުކުރައްވާ ދިވެހިރައްޔިތެއްގެ އަތުގައި ވައްކަން ނުކޮށް އެތައް ބިލިއަން ރުފިޔާ ހުންނާނެ ގޮތެއް ތިޔަބޭފުޅުން ބުނެދީބަލާށެވެ. އެމްއެމްޕީ އަރުސީއިން އެކަނިވެސް ތިންބިލިއަން ރުފިޔާ ނެންގެވިއެވެ. އެފައިސާ ވަނީ މާލޭގައި ފޮރުވާފައި ކަމަށް ވެއެވެ.

މިވާހަކަ ދައްނަވަން އަޅުގަނޑަށް މަޖުބޫރުވަނީ މީހެއްގެ އަގުވައްޓާލުމުގެ ނިއަތެއް އޮވެގެނެއް ނޫނެވެ. އެހެނަސް ސައްޙަ އެއްވެސް ވިޔާފާރިއެއް ދުވަހަކު ވެސް ކޮށްފައިނުވާ ދިވެހި ރައްޔިތެއްގެ ވަގު އެކައުންޓް ތަކަށް ޖަމާކުރެވިފައިވާ ކަމަށް ބުނެވޭ އެތައް ބިއަން ދިވެހި ރުފިޔާއަކީ ދިވެހި ރައްޔިތުންގެ ބުރަމަސައްކަތުން ހޯދި ފައިސާއިން ވައްކަން ކޮށްގެން ޖަމާކުރި ފައިސާ ކަމަށްވީތީ ހިތަށް ކުރާ އަސަރުން ބުނަންމަޖުބޫރުވަނީއެވެ. އެފައިސާތަކަކީ ސައްޙަ ފައިސާ ކަމަށް ވާނަމަ ވަގު އެކައުންޓް ތަކުގައި ރައްކާކުރުމުގެ ބޭނުމެއް އޮންނާނެ ކަމަށް ތިޔަބޭފުޅުން ގަބޫލުކުރާނަންތޯއެވެ. އަދި އެމް އެމް ޕީ އާރުސީގެ ޚިޔާނާތުގެ ވާހަކަ ވެސް އެ އޮތީ ނޫންތޯއެވެ.