ފައިސާއަށް ވީނުވީއެއް ނޭނގި ހުދުކާފޫރަށްވުމުން…

ފައިސާއަށް ވީނުވީއެއް ނޭނގި ހުދުކާފޫރަށްވުމުން…

ދިވެހި އުންމަތް ބަނޑަށް ޖެހިއްޖެ ކަން އެނގޭނީ ހެނދުނު ސައިބުއިމަށްފަހު މެންދުރު ލައިގެންކާނެ އެއްޗެއް، ބޯނެ އެއްޗެއް ނުލިބުނީމައެވެ. ނޫންނަމަ އޭޓީއެމަށް ކާޑު ޖަހާލުމުން ލާރިއެއް ނައުމުންނެވެ. ނޫންނަމަ ފިހާރައަށް ދާއިރު ފިހާރަ ތަކުން ކާޑުހުސްވި ވާހަކަ ބުނުމުންނެވެ. މިހިސާބަށް ދާއިރު ދެން  ދަތްއަޅާނެ އެއްވެސް އެއްޗެއް މިސަރަޙައްދުން ލިބޭނެ އެއްވެސް މަގެއް މިހާތަނަށް ކޮށިފައެއްވެސް ނެތެވެ. އެއްދުވަހު އިވުނު އަޑަކީ ގައުމުން ގޭސް ހުސްވެއްޖެ ވާހަކައެވެ. އަނެއް ދުވަހު އަޑުއިވޭނީ ރާއްޖެއަށް ކާޑުގެންނަން ފޮނުވި އެޑްވާންސް ފައިސާއަށް ވީނުވީއެއް ނޭނގި ހުދުކާފޫރަށް ވެއްޖެ ވާހަކައެވެ. 

ހިތާމައިގެ ކޮޅެއްނެތެވެ. ރަށަކު ދަތްއަޅާލާނެ ރުކެއް ގަހެއް ފަތެއް ނެތެވެ. އިންސާނާ ސަލާމް ޖަހަން ދާނޭ މަހުޖަނަކުވެސް ނެތެވެ. ދެން އަޑުއިވޭނީ އެންމެހައި މަހުޖަނުންނާއި ދައުލަތުގެ ވެރިން ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ގައުމުން ފިލި ހެން ޔޫރަޕަށް ގޮސް ފިލި ވާހަކައެވެ. ގައުމަށްޓަކާ ޝަޙީދުވެ ދިޔަ ގައުމީ އަބްތާލުން އަޅުގަނޑުމެނާ ހަމައަށް ރައްކާތެރި ކަމާއި އަމާނާތްތެރި ކަމާއެކު ގެނެސްދީފައިވާ އިންޑިޔާ ކަނޑުތެރޭ ގައި ﷲ އުފެއްދެވި ރަތްމުތް ތަކެއްފަދަ ރީތި ޖަޒީރާތައް ވެސް ވިއްކާލާފައެވެ. ރައްޔިތުމީހާ ގޭގައި ހުއްޓާ ފެނިގެންދަނީ ކަންފަތް މަތީގައި ފިސްތޯލައެއް ޖައްސާ ފިސްތޯލައިގެ ކުރީ ކޮޅުގެ އިޝާރާތުން ” ޔޫ ގެޓްއައުޓް ފުރޮމް ހިޔާ” ބުނެ ބުރަކަށީގައި ފައިންޖަހާ ގެއިން ކޮށްޕާ ނެރެލާތަނެވެ.

ނޫންނަމަ އިވިގެންދާނީ ގައުމަށް ތެޔޮއެތެރެކުރުމަށްޓަކާ ފޮނުވި އެޑްވާންސް ފައިސާ ކޮޅަށް ވީނުވީއެއް ނޭގި ގެއްލިގެން ރާއްޖެއިން ތެޔޮހުސްވެ އިންޖީނުގެތައް ބަންދުކުރިވާަކައެވެ. ގޭގައި ވޮށެއް ފުޅިބައްތިއެއް ފާނޫޒެއް ނެތްތާގައި އެއަށް އަޅާނެ ސާފުތެޔޮފޮދެއް ވެސް ލިބޭނެ މަގެއް ނެތެވެ. ގޭގައި ދާނި ގަންބާލާނެ ވަޅެއްހާ ހިސާބުވެސް ނެތްއިރު ގޭފުރާޅުން ވާރޭފެން ނަގާ ރައްކާ ކުރަން ގޭ ކައިރީގައި ވަޅުލާފައި ހުރި ޖާޑިގަނޑު ވެސް ވަނީ ތަޅާހަފުސް ކޮށް އެއްލާ ލާފައެވެ. އޭގެ އިތުރުން ކޮންމެ ގެއެއްގައި ފެންރައްކާކުރަން ބަހައްޓާފައި ހުރި ކޮންކްރީޓް ވަޅުބުރިވެސް ވީ ގޯތީގައި ޖާގަނެތިގެން ތަޅާ ސުންނާފަތި ކޮށްލާފައެވެ. ގޭގައިވެސް އަދި ރަށުގައިވެސް ރައްޔިތުން ހާލުގައި ޖެހިދާނެ ކަމުގެ ބިރަށްޓަކައި ނުވަތަ ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި އެއްވެސް ވަސީލަތެއް ގާއިމްވެފައެއްވެސް ނެތެވެ. ސަހަރޯއެވެ.

  ދެން މިކިޔައިދެނީ ހިޔާލީ ވާހަކައެކެވެ.  ކުންފުނިތައް ލޫޓުވާލައިގެން އެތަންތާގެ ވެރިން ޚިޔާނާތް ތެރިވާ ފައިސާގެ 2/3 ދައުލަތުގެ ބޮޑު ސޯބަށް ނުދިނުމަކީ މަގާމުގެ އެއްބަސްވުމާ ޚިލާފު ޢަމަލެކެވެ. އެހެން ކަމުން 

ބޯފަން ޢަބުދު ﷲ އޭ ކިޔުނު ސޯބެއް އެމީހުންހެ ޖަމާއަތުގެ ބޮޑުސޯބަށް ދޭން ޖެހޭ އެއްލައްކަ ސާޅީސް ހާސް ޔޫއެސް ޑޮލަރު ކަމިޝަން ނުދީ މަހަކަށްވުރެ ގިނަދުވަސްވެ އެކަން ހަމަޖައްސަން ބޯފަން ﷲ އަށް ވަނީ އެތައްފަހަރެއްގެ މަތިން އަންގާފައެވެ. މިއީ އިއްޔެއަކު ނުވަތަ މިއަދަކު ހިންގި ޖަރީމާއެއް ނޫނެވެ. ބޯފަން ސޯބު ބުނެފައިވަނީ އެބައި ހަމަޖައްސައިދޭނެ ކަމަށާއި އިހަށް މަޑު ޖައްސައި ދިނުމަށެވެ. ނަމަވެސް ސައްލާކުރާ ތަނުގައި ހުރި ނައިބު ރައީސަށް  އޮޅިގެން މާލިއްޔަތު ކޮމެޓީގައި އެވާހަކަ ބުނެވުނުކަމުން މައްސަލަ ބަލަން ޖެހުނީ އެވެ. ބޯފަން ސޯބުﷲ މާލެ އައުމާއެކު ބަންދު ކުރުމަށް ނަގާފައިވާ ކޯޓް އަމުރުގެ ޙަގީގީ ބޭނުމަކީ ސޯބު ﷲ އަށް އެކަން އެނގިގެން އެފައިސާ އަނބުރާ ބޮޑުސޯބާއި އަވަހަށް ޙަވާލުކުރޭތޯއެވެ. ބޯފަން ސޯބު ﷲ މިވަގުތު ހުރީ ދުބާޢީގައެވެ. އެ ގުރޫޕުގައި އުޅޭ ލޯފާމު ހިންގާ ސޯބު ބުނި ގޮތުގައި ކުރިއަށް އޮތް އަށްމަސް ދުވަހުގެ ތެރޭގައި ބޮޑުސޯބު ބޭނުންވާ މިންވަރަށް ފައިސާ ހަމަކޮށް އެސޯބު ގެއްލޭނެއެވެ. މިބުނާ ލޯފާމު ސޯބަކީ ޝިމާ ސޯބު ކިޔާ އެކައުންޓެންޓެކެވެ. އުޅެނީ ބޮޑު ފިހާރައާއި ހަވާލުވެގެންނެވެ. އޭނާގެ ކުޑައިރު އެކުވެރި ޑރ ޝަމް އާވެސް ވާދަޔަށް އުޅޭ މިބުނި ޝިމް ސޯބު މިހާރު ހުންނަނީ ބޯފަން ސޯބުގެ މަސްއޫލިއްޔަތުތައް ނިގުޅައިގެންނެވެ ބޭހުން ވެސް މީނާ ޖައްސަނީ ޗައްކަރެވެ. މީނާ އަކީ ބޮޑު ސޯބު ގެންގުޅޭ ބުދެކެވެ. މިމީހުންނަކީ ދައުލަތެއް ވެސް ހަދައިގެން ޖަންގަލީގައި އުޅޭ ހިމާރުންތަކެކެވެ. މި ހިޔާލީ ވާހަކައިގައި މި މީހުންނަށް އެކި ނަންތައް ދީފައިވަނީ އެމީހުން އެންމެ ގަޔާވާ ގޮތަށެވެ. ކޮންމެޔަކަސް، މިމީހުން ތިބެގެން ދައުލަތް ލޫޓުވަނީއެވެ.

އޭރު ރައްޔިތުން ތިބޭނީ ކޮންޙާލެއްގައި ކަންވެސް ބުނެދޭކަށް ނޭނގެއެވެ. އެނގޭ ކަމަކީ ގިނަދުވަސް ތަކެއް ނުވެ ދައުލަތް ބަނގުރޫޓްވެ ގައުމުގެ ސިކްސްތާނުވެސް ހުއްޓޭނެ ކަމެވެ. 

ރައްޔިތުން ގޭގައި ތިއްބަވައިގެން މި ވަބާއިން ގައުމުސަލާމަތް ވާންއޮތީ އެންމެ ގޮތެކެވެ. އެގޮތަކީ ރައްޔިތުންގެ މައްޗަށް ﷲ ގެ ރަޙުމަތެއް ފޮނުއްވުމެވެ. އަނެއްކޮޅުން ދުނިޔެ އެދަނީ ތިންވަނަ ބޮޑުހަނގުރާމައަށް ތައްޔާރުވަމުންނެވެ. އެ ހަނގުރާމައިގެ ސަބަބުން ދަތިބޮޑުވެ ދުނިޔެއިން އެތަށް މިލިއަން އިންސާނުން ފަނާވެދާނެ ކަމީ ހުރިހާ އިންސާނުންނަށް ވެސް އޮތް ފިލާވަޅެކެވެ.