ރައްޔިތު މީހާގެ އަތަށް ވޯޓް ކަރުދާސްކޮޅު ލިބޭނެ ކަމުގެ އުންމީދު ގެއްލިއްޖެ

ރައްޔިތު މީހާގެ އަތަށް ވޯޓް ކަރުދާސްކޮޅު ލިބޭނެ ކަމުގެ އުންމީދު ގެއްލިއްޖެ

2023 ވަނައަހަރު ރާއްޖޭގެ ވެރިކަން ފެށިފައިވަނީ ޚުދުމުޚުތާރު ވިސްނުމެއްގެ ތެރެއިން ކަމަށް ވެރިކަމުގެ ކޯލިޝަނުން ބޭރުކޮށް އުވާލާފައިވާ ޕީ.ޕީ.އެމަށް ނިސްބަތްވާ ބައެެއް މެންބަރުން ބުނަން ފަށައިފިއެވެ. ރައީސްޔާމީނު ކަޓުވާލީ ޕީއެންސީގެ ރައީސާއި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ސިއްރު ބައްދަލުވުމަކުން ނިންމަވައިގެން ކަމަށް އަޑު ފެތުރުފައިވާ މިދަނޑިވަޅުގައި ރައީސް ވަނީ ދައުލަތުގެ އެންމެހައި ބާރުތަށް މުށުތެރެއަށް ނަންގަވާފައެވެ. މިސަރުކާރު މިދަނީ ނުސީދާ މިސްރާބަކުން ކަމަށް ސިޔާސީ މުފައްކިރުންގެ ރައުޔުން ހާމަވެއެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކާ އަދި މިނިވަން މުސްތަގިއްލު ބައެއް މުވައްސަސާތަކަށް ރިޓަޔަޑު މިލިޓަރީ ބޭފުޅުން އައްޔަން ކުރެއްވުމަކީ ވެސް އޭގެ ޒާތުގައި ނުބައި ސިގުނަލެއް ރައްޔިތުންނަށް ދިނުން ކަމަށް ވެސް ބެލެވެއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލާ ދައުލަތުގެ އެންމެހައި ބާރުތައް ދައުލަތުގެ އެންމެ އިސްވެރިޔާގެ އަތްޕުޅުގެ މައްޗަށް ޖަމާކުރުމަކީ އިއްތިފާގެއް ނޫނުވެ. ރާއްޖެ މިވަނީ ނުސީދާ ފައްތަރެއްގެ މަތީގައެވެ. ބުނެވޭ ގޮތުގައި މިސަރުކާރުގެ ތެރޭގައި ތިއްބެވި ރައީސް ޔާމީނުގެ ސަޕޯޓަރުންނާއި އަދި ރައްޔިތުންެގެ މަޖިލިސްގެ ރައީސް ހިމެނޭހެން މަގާމްތަކުން ދުރުކުރުމުގެ ޕްލޭނެއް މިސަރުކާރުން ރާވާފައިވާކަމަށް ވެސް އަޑު ފެތުރެމުން ދެއެވެ.

މިގޮތަށް ކަންތައް ކުރައްވައިފިނަމަ ވެރިކަން ހިފެއްޓުމަށް މިސަރުކާރުން މިލިޓަރީ ބާރު ބޭނުންކޮށްފާނޭ ކަމަށް ބެލެވެއެވެ. ރޭވެމުން ދަނީވެސް އިސްވެ ދެންނެވުނު ޕްލޭނާ އެއްގޮތަށެވެ. މިވެރިކަމަކީ ޑޮކްޓަރ މުޙައްމަދު މޫޢީޒް ރައްޔިތުން ތަބަކަކަށް ލައިގެން ވެދުންކުރި ވެރިކަމެއް ނޫންކަން ޚުދު ރައީސް މަނިއްޕުޅު ވެސް ގަބޫލު ކުރައްވައެވެ.

ރައީސްގެ ޚުދު މުޚުތާރު ޕްލޭން ކާމިޔާބު ވެއްޖެނަމަ މިރާއްޖޭގެ ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށް ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި ދުލާއިގަލަމުގެ މިނިވަންކަން އެއްވެސް ރައްޔިތަކަށް ނުއޮންނާނެއެވެ. މިހާރުވެސް ރާއްޖޭގެ މީޑިތަށް އެމަނިކުފާނުގެ ސީދާ ކޮންޓްރޯލް ދަށަށް ގެނައުމަށް އެވަނީ މަސައްކަތް ފަށްޓަވާފައެވެ. އެ ގޮތުން އެ މަނިކުފާނު ކުރައްވާ ކަންކަމަށް ފާޑުކިޔާ ވަކިވަކި ނޫސްވެރިންނަށްވެސް މިހާރު އެ ގެންދަވަނީ ބިރު ދައްކަވަމުންނެވެ.

މިސަރުކާރުގެ އިސް ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމަށްފަހު ގާނޫނާއި ޚިލާފު ބާރެއް ބޭނުން ނުކޮށް މިވެރިކަން ހިފެހެއްޓުމަކީ ރައީސަށް ކުރެވޭނެ ކަމަކަށް ނުވާނެއެވެ. އެހެން ކަމުން ރާއްޖޭގެ ކުރިމަގު ބަނަވެ. ނުރައްކާތެރި ބިރުވެރި ޚުދުމުޚުތާރު ވެރިކަމެއް ފެށުމަށް ވެރިކަމުގެ ބާރުން އެދަނީ ތައްޔާރު ވަމުންނޭ ބުނެވޭނެ ޖާގަ އެބައޮތެވެ. އެހެން ކަމުން ރާއްޖޭގެ މިއަދުގެ ވެރިކަމުގެ ނަމާއި ވައްޓަފާޅި ބަދަލުވެގެންދާނީ ކޮންގޮތަކަށް ކިހިނެއްކަން ބުނެދޭން ނޭނގުނުނަމަވެސް ރާއްޖޭގެ މިއަދުގެ ވެރިކަން ފާލުން ނެއްޓި މިލިޓަރީބާރު ބޭނުންކުރާނެ ކަމީ ފެންނާންހުރި ހަގީގަތެކެވެ.

މިސަރުކާރު މިވަނީ ވަގުންގެ ޚިޞާރުގައޭ ބުނެވެއެވެ. އެހެން ކަމުން މިސަރުކާރު އަނބުރާ ރައްޔިތުންގެ އަތްމައްޗަށް ނުވަތަ ރައްޔިތުންގެ ބާރުގެ ދަށަށް ގެންނަން ޖެހެއެވެ. މިކަން ކުރެވޭނީ ރައްޔިތުންދެކެ ލޯބިވާ އަދިގައުމީ ލޭހިނގާ ގައުމީޖޯޝުން ފުރިގެންވާ އިޚުލާޞްތެރި ލީޑަރަކަށެވެ. އެމީހާ ހޯދުމަކީ ރައްޔިތުންގެ މައްޗަށް އޮތް ކިފާޔަތެއް ކަމުގައި ދެކެމެވެ. އެހެނީ މިރާއްޖެ އިހަކަށް ދުވަހާއި ޖެހެންދެން ތަހައްމަލުކުރި ބިރާއި ހިތްދަތި ދުވަސްތައް ނިމުމަކަށް ގެނެސް ރާއްޖެ ޑިމޮކްރަސީއަށް ހުޅުވާލެވިފައި ވަނީ ރައްޔިތުން އެލީޑަރެއްގެ ފަހަތުން ނުކުމެ ގައުމަށްޓަކާ ކުރި އަގުބޮޑު ޖިހާދުގެ ސަބަބުން ކަމުގައި ގަބޫލު ކުރަން ޖެހެއެވެ.

 އެރައްޔިތުން އަދިވެސް މިގައުމުގައި އެބައުޅެއެވެ. އެއީ އާބާދީގެ %45 އިންސައްތަ ރައްޔިތުންނެވެ. އެއީ ޕާޓީތަކުގެ ދަފުތަރަށް ނައަރާ ރާއްޖޭގެ އިސްރަށްވެހިންނެވެ. ފައިސާދީގެން މަގުމައްޗަށް ނެރޭކަހަލަ މީހުނެއް ނޫނެވެ. އެހެނަސް ރާއްޖޭގެ މިއަދުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ލީޑަރޝިޕްގައި އެޕާޓީއާއި ގުޅުމެއްނުވާ އެޕާޓީގެ ވެރިކަންވައްޓާލި ބާޣީންނާއި ބޮޑެތިވަގުން ތިބެ މިގައުމު ރައްޔިތުންނަށް އަނބުރާ ހޯދައިދެވޭނޭކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ކުރިންވެސް މިރާއްޖެ ރައްޔިތުންނަށް ލިބުނީ އެތެރެއާއި ބޭރުގެ ޕްރެޝަރުންނެވެ. އެހެނަސް މިއަދު އެޕާޓީގައި ދުނިޔެ ގަބޫލުކުރާ އަދި ބަސްވިކޭ ލީޑަރަކު ނެތެވެ.