އަންހެންވެރިން ބަރަހަނާވި ޒުވާބު ސަރުކާރުން ވެސް ފަށައިފި
“ތަ އައްޕަނާއްޓެން މަ އައްޕަނާ ކުދެހޭ”
ސިޔާސީ ހޭވެރިކަން ނެތި ޅިޔަ ކަޝްފު ވެދެއެވެ. ސިޔާސީ ވާދަވެރި ކަމުގެ ހިއްޗަކީ ރަހަ ގަދަ އެއްޗެކެވެ. ސަރުކާރާއި ސަރުކާރަށް ނޫނެކޭ ބުނާ ކޮޅާއި ދެބަނޑަށް ހިފައެވެ. އެއީ ގަދަހިފުމަކަށް ދިއުމޭ ވެސް ބުނެވިދާނެއެވެ. ނޫންނަމަ ދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނޭ ކަމަށް ވެސް އިހު މުސްކުޅީން ބުނެއުޅޭ ނޫން ހެއްޔެވެ. އިހު އެވޭލާ ދިވެހިންގެ އާދާކާދައިގެ ތެރެއިން ގަދަބަސް ބުނުމާއި ބާޖުމެރުމާއި ގުޅަމަތި ހިފުން ވެގެން ގޮސްފައި ވަނީ ފުރާނަދިޔަ ޔަސް ހެޔޮކަމަށް ބުނެ ކޮށް އުޅުނު ކަމެއްގެ ގޮތުގައެވެ.
ޚާއްޞަކޮށް ފިރިހެން ވެރިންގެ ފިރިހެންވަންތަ ކަމާއި ބޮޑާކަމާއި ކިބުރުވެރިކަން ދެއްކުމަށް ވެސް މިފަދަ ގަދަބަސްތައް ބޭނުން ކޮށް އުޅެތެވެ. އަދި އަންހެން ވެރިންވެސް މިފަދަ ސިޔާސީ ކަންކަމުގައި ބައިވެރިވެ އިދިކޮޅުފަރާތްތަކުގެ ސަޕޯޓަރުންނާއި ދެކޮޅުވެރިވެ އެކަނބަލުންނާއި ޒުވާބުކޮށް މަގުމަތީގައި އަރައިރުން ވެ އުޅުމަކީ ޢާންމު ކަމެކެވެ. އެހެނަސް މިފަދަ އަންހެންވެރިންގެ ޒުވާބު ކުރަމުން ދާހިނދު ބަލިވާ އަތަށް އެޅުމުން ކަނޑިކިން ފޫގަޅައި ބެރެކިބަސްތަކުން ޖަހަން ފަށައެވެ. އެގޮތުން
ހުވަދު އަތޮޅަށް ނިސްބަތް ކަނބަލުން އޭނާއާއި ޒުވާބުކުރާ އަންހެންވެރިންނާއި ދިމާލަށް ބުނެއުޅޭ ހުތުރު ބަސްތަކެއް ހުރެއެވެ.
އެގޮތުން” ތަ އައްޕަނާ އަށް ޓެން މަ އައްޕަނާ ކުދެހޭ” ބުނަނީ އައިސްފައިވާ ރުޅިގަނޑު މަތަނުވުމުންނެވެ. މީގެ އިތުރުންވެސް މައިން ދަރިންނަށް ލޯ ހުޅުވާލަން ވެސް ނުކެރޭ މިފަދަ ބަސްތައް ބޭނުންކުރަމުން ދަނީ ބަލިނުވާކަން ދެއްކުމަށްޓަކައެވެ. ކޮންމެއަކަސް ސަރުކާރާއި ސަރުކާރަށް ފާޑުކިޔައި އުޅޭ ފަރާތްތަކާއި ދެމެދުގައި ވެސް ހިނގަނީ މިޒާތުގެ ޒުވާބެވެ.
ގައުމާ ރައްޔިތުންނަށް ހެވެއް ލާބައެއް މަންފާއެއް ހޯދައިދޭކަށް އެއްވެސް ކޮޅަކުން ބާޖުމަރައެއް ނުހަދައެވެ. އެހެން ކަމުން ބައެއްފަހަރު ތުހުމަތުގެ އިނގިލި އަމާޒު ވަނީ މަސްމާވަލު ވަގުންތައް ގައުމު އިރާލައިގެން ވަގަށް ކާންއުޅޭ ތަނެވެ. އަދި ވެރިންކުރާ ބޮޑެތި ވައްކަމާއި ހިންގާ ޚިޔާނާތްތަކާއި ނަގާ ރިޝްވަތާއި ހިންގާ ފަސާދައިގެ ޢަމަލުތަކުގެ ތެރެއިން އެއްކުރެވޭ ނާޖާއިޒު ނުޙައްގު މުދަލާއި ފައިސާ ބައިއެޅުމުގެ ތެރެއިން ލިބޭ ބައިކުޅަބައި ހަމަހަމަ ނުވެގެން ވެރިންގެ މެދުގައި ހިނގާ އަރާރުންތަކެވެ. ގައުމާއި ރައްޔިތުންނަށް ހެޔޮއެދިގެން ރައްޔިތުންނަށް ކަންކަން ކޮށްދޭނޭ ސަރުކާރެއް އޮތް ނަމަ ނުވަތަ ސަރުކާރަށް ފާޑުކިޔައި ދެކޮޅަށް ބަސްބުނެ އަޑުއުފުލައި އުޅޭ ސިޔާސީވާދަވެރި ފަރާތްތަކުންވެސް ރައްޔިތުންގެ އަސާސީ ހައްގުތަކާއި ރައްޔިތުންގެ ލުއިފަސޭހައަށް ވިސްނައި އެކަން ކަމަށް އިސްކަން ދިނުމަށް ބާރުއަޅަން ޖެހޭނެއެވެ.
މިއަދު ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ދައްކާން އެ އުޅެނީ ސަރުކާރުގެ ނުފޫޒެވެ. ތާއީދު އޮތްކަން ރައްޔިތުނަށް ދައްކަން އުޅުނު ނަމަވެސް ފެނިގެން ދާނީ އަވާމެންދުރެކެވެ. ހަގީގަތެއް ނޫނެވެ. ފެނިގެން ދާނީ ސިޔާސީ ހޭވެރިކަން ކުޑަވެ އަންހެން ވެރިންގެ ޒުވާބުގައި އެބުނާ ބަސް:
” ތަ އައްޕަނާއްޓެން މަ އަށްޕަނާ ބޮޑެ ވެންނެއި”
ބުނެ ތަކުރާރު ކުރާ މަންޒަރެވެ. ތާއީދާއި ލޯތްބަކީ ނުފޫޒާއި ގަދަބާރުން ހޯދޭނެ އެއްޗެއް ނޫނެވެ. އަދި ރައްޔިތުންގެ ލޯތްބާއި އިޙުތިރާމަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ވެސް ނޫނެވެ.
ހޭވެރިވެ ހޭއަރާންވީ ސަރުކާރާއި އިދި ކޮޅުފަރާތްތަކެވެ.
ވިސްނާ ބަލަންވީ މިއަދު ދުނިޔޭގެ ކަންކަން ބަދަލުވަމުންދާ މަގަށެވެ. މިދާކަށްދުވަހު އެމެރިކާގެ ނިއުޔޯކުގައި ބޭއްވި އިންތިޚާބުން ފެނިގެން އެ ދިޔައީ ދުނިޔޭގެ ކަންކޮޅުތަކުގައި ބޭއްވޭ އިބްތިޚާބު ތަކަށް ދެން ވާނޭ ގޮތުގެ މިސާލެކެވެ. އަވައްޓެރި ގައުމުމުތަކުން ވެސް ފެނިގެން އެ ދިޔައީ ހަމަ އެ މަންޒަރެވެ. އެންމެގާތް އަވަށްޓެރި ސްރީލަންކާ އަދި ބަނގުލަދޭޝް ފަދަ ގައުމުތަކުން ވެސް ފެނިގެން އެދަނީ އެގައުމުތަކުން އުފެދޭ މުޑުދާރު ނުފޫޒުތަކަށް ނޫނެކޭ ބުނާ މަންޒަރެވެ. ގައުމެއްގެ ސިފައާއި ކުލަ ހެހިދާ މަންޒަރެވެ. ރާއްޖެވެސް މިޞްރާބުޖަހާފައި ވަނީ ބަދަލަކާއި ދިމާލަށް ކަން ސަރުކާރު ހިންގާން ހަފޮޅުތެރޭގައި ތިބި ފަރާތްތަކުން ވިސްނާންވީއެވެ. އަދުގެ ޒުވާނުންނަކީ ސަރުކާރުންވެސް އަދި ސަރުކާރާއި އިދިކޮޅު ވާދަވެރިން ޖަހާހާ ބެރަކަށް ނަށާނެ ބައެއް ނޫންކަމަށް ދެކި ތެދުވެރި ކަމާއި އަމާނާތް ތެރިކަމާއެކު މާދަމާގެ ރާއްޖެއަށް ދެވޭތޯ މަސައްކަތް ކުރާން ވީއެވެ.
ނޯޓް: އިހުޒަމާނުގެ ހުވަދޫ މީހުންގެ ބަހުން “އައްޕަނާ” އަކީ ކުރިމަތިފަރާތެވެ. ނަމަވެސް ބައެއް ސަރަޙައްދުތަކުގައި އައްޕަނާ އަކީ ފޮނި ކާ އެއްޗެކެވެ.
