ގޮޅާބޯ ކައްޒާބުގެ ވެރިކަން
އެކާވީސްވަނަ ގަރުނުގައި މަހަލްދީބު ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ގޮޅާބޯ ކައްޒާބުގެ ނަމުން މަޝްހޫރުވި ބޭފުޅަކު ހިމެނުނެވެ. މިދެންނެވި ރައީސަކީ ވަރަށް ހިތްތިރި ބޭފުޅެކެވެ. ގޮޅާބޯ ރައީސަކީ މަހަލްދީބު ރާއްޖޭގެ ގާނޫނު އަސާސީގެ ބޭރުގަނޑުވެސް ދުއް ބޭފުޅެއް ނޫނެވެ. ގޮޅާބޯ ކައްޒާބު ވެރިކަން ކުރައްވަމުން ގެންދަވަނީ ނަވާރަވަނަ ގަރުނުގައި މަހަލްދީބު ރާއްޖޭގައި ޢަމަލް ކުރި ގާނޫނު އަސާސީގައި ބުނެފައިވާގޮތަށެވެ. މިދެންނެވި ގާނޫނު އަސާސީ ބުނަނީ ރައީސުލް ޖުމްހޫރިއްޔާއަކީ އުއްތަމަ ފަނޑިޔާރު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަކީވެސް ރައީސުލް ޖުމްހޫރިއްޔާ ކަމުގައެވެ. އަދި އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސްކަމާއި ސިފައިންނާއި ފުލުހުންގެ ވެރިޔާ ކަމާއި ދައުލަތުގެ އެންމެ އިސް ވެރިޔަކީވެސް ރައީސުލް ޖުމްހޫރިއްކަމަށް މިދެންނެވި ގާނޫނުއަސާސީގައި ބުނެއެވެ.
ގޮޅާބޯކައްޒާބަކީ މަހަލްދީބު ރާއްޖޭގެ ރައްޔިތަކު އެމަނިކުފާނުގެ ކުރިފުޅުމައްޗަށް އަރާ ދަންނަވައިފި ކޮންމެ ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ވަރަށް މަޑުމައި ތިރި ރައީސެކެވެ. އެމަނިކުފާނުގެ އަރިހުގައި ރައްޔިތަކު އެދުނު ކޮންމެކަމެއް އެ އެދުނު ގޮތަށްވުރެ މާރަނގަޅަށް މާފުރިހަމަ ކޮށް ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ރައީސެކެވެ. އެހެނަސް އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތަކު އެދުނު އެއްވެސް ކަމެއް ހާޞިލްވި ރައްޔިތަކު ނެތްކަމަށް އެރާއްޖޭގެ ތާރީޚުބުނެއެވެ. ގޮޅާބޯކައްޒާބަކީ އެގައުމު ތަރައްގީ ކުރުމުގެ ގޮތުން ރައްޔިތުންގެ މޭ ހެޔޮވާފަދަ ގިނަގުނަ ވާހަކަފުޅު ދައްކަވާ ކަރާފަޅުއްވާ ރައީސެެއް ކަމަށް މަހަލްދީބުރާއްޖޭގެ އިސްރައްވެހިން ބުނެއުޅެއެވެ.
ގޮޅާބޯ ކައްޒާބުގެ ކެބިނެޓަށް އެމަނިކުފާނު އައްޔަން ކުރައްވާ ވަޒީރުންނަކީ އެރާއްޖޭގެ ބައިތުލް މާލު ކަހާލައިގެން ގެންގޮސް ގޮޅާބޯ ކައްޒާބަށް ބައި އަޅައި އެރާއްޖެއަށް ލިބޭހާ ފައިސާ އިން ދަތްެއުނގުޅަމުން ދާބައެކެވެ. އެހެނަސް ގޮޅާބޯ ކައްޒާބަކަށް އެއިން އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވާ ކަމަށް ރައްޔިތުން ބުނެއެވެ. މަހަލްދީބު ރާއްޖޭގެ ރައީސް ގޮޅާބޯ ކައްޒާބު އެރާއްޖެ ތަރައްގީ ކުރައްވަނީ ދުނިޔޭގެ ފެންވަރުގައެވެ. ޓާޓަރީ ހޮސްޕިޓަލެއް ނެތް ރަށެއް އެރާއްޖެއަކު ނެތެވެ. އަދި ކޮންމެ ރަށެއްގައި ބައިނަލް އަގުވާމީ ވައިގެ ބަނދަރެއް ތަރައްގީ ކުރައްވާފައިވެއެވެ. ރައީސް
ގޮޅާބޯ ކައްޒާބު ވަނީ އެރާއްޖޭގައި އަލަށް އާބާދުވި ސިޓީތައް ބުރިޖަކުން ގުޅުވާދީފައެވެ. އަދި ދުނިޔޭގައި އެންމެ ފުރަތަމަ ބިނާ ކުރެވުނު އަންޑަރވޯޓަރ ބިއްލޫރި ޓަނަލް މާލެއިން ރަސްމާލެއަށް އަޅުއްވާ ދެއްވާފައެވެ.
ގޮޅާބޯ ކައްޒާބަކީ ދުނިޔޭގެ ފެންވަރުގެ އިންޖިނޭރެއްވެސް މެއެވެ. މަހަލްދީބު ރާްއްޖެ ހިނގަނީ ގޮޅާބޯ ކައްޒާބުގެ ރިމޯޓުންނެވެ.
ގޮޅާބޯ ކައްޒާބަކީ ކޯފާވާން ދަންނަ ބޭފުޅެއް ނޫނެވެ. އެ މަނިކުފާނުގެ ފަރާތްޕުޅުން ރައްޔިތުންނާ ބައްދަލު ކުރައްވާ ބޭފުޅުން
ރައްޔިތުން ހިތްދަތިވާ ފަދަ ކަންކަން ކުރެއްވިއަސް އެއީ އެމަނިކުފާނަށް އެނގިވަޑައި ގަންނަވާ ކަންކަމަކަށް ނުވެއެވެ. އެއީ ރައްޔިތުންނަށް ގެއްލުންވާ ޒާތުގެކަންކަމަށްވިޔަސް އެކަން ކަން ތަންފީޒުވާން ޖެހޭނެ ކަމަށް ގޮޅާބޯ ކައްޒާބު ދެރެފައި ހުންނަވާ ގޮތްދައްކަވަމުން ވިދާޅުވެތެވެ.
ގޮޅާބޯ ކައްޒާބަކީ ވަރަށް އިތުބާރާއެކު އިތުރުފުޅު ހައްދަވާ ރައީސެކެވެ. އެމަނިކުފާނު އިތުރުފުޅު ހައްދަވަނީ ރައްޔިތުންގެ މައްޗަށް އެމަނިކުފާނުގެ ހިތްޕުޅުގައި އުފެދިފައިވާ ލޯތްބެއްގެ ވަރުގަދަ ކަމުންނެވެ. އެހެންކަމާއެކު ރައްޔިތުން އެދޭ ކަންކަން ކޮށް ދެވެން ނެތްވާހަކަ ވިދާޅުވާން ބޭނުންފުޅު ނުވާތީ އިތުރުފުޅު ހައްދަވަން މަޖުބޫރުވަނީއެވެ. އަނެއް ކޮޅުން އެމަނިކުފާނުގެ ޕޮލިޓިކަލް އެޑުވަޒަރަކީ ތިރީސް އަހަރު ރައްޔިތުން ގޯނި ފުލަށް ލައިގެން ވެރިކަން ކުރެއްވި ގޮޅާބޯރައީސް ކަމަށް ވުމުން އެރައީސްގެ އެޑުވައިސް ގެ ދަށުން ވެރިކަން ކުރައްވާތީ ރައްޔިތުންގެ ގާތުގައި އިތުރުފުޅު ހައްދަވައިގެން ނޫނީ ރައްޔިތުން މަތަނުކުރެވޭނެ ކަން އެނގިވަޑައިގެންފައިވާތީއެވެ.
ރަންތިރީސް އަހަރުގެ ގޮޅާބޯގެ އަރިހުން ދަރިވަރު ނުވެ ގައުމުގެ މުއްސަނދި ކަން ލޫޓުވާލެވެން ނެތުމުން ރައްޔިތުންނަށް އަވާމެންދުރު ދައްކަވަނީ ކަމަށް މަހަލްދީބު ރާއްޖޭގެ އިސް ރަށްވެހިން ބުނެއެވެ. ގޮޅާބޯ ކައްޒާބު އަށް ނަޞޭޙަތް ތެރިވެ އިތުރު ގޯސްތައް އެމަނިކުފާނު ލައްވާ ހައްދަން ޖެހެއެވެ. އެއީ ކުރީގެ ގޮޅާބޯގެ ދަރިކަލުންނަށް ރިޔާސީ ޓިކެޓް ހޯދައި ދިނުމަށްޓަކާ ކަމަށް ބުނެވެއެވެ. ނަވާރަ ވަނަ ގަރުނާއި އެކާވީސް ގަރުނުގެ ރައްޔިތުންގެ ހޭލުންތެރިކަން އަޅާ ކިރާލުމުން ގޮޅާބޯ ކައްޒާބުގެ ބޯގަޅިކަން ހާމަވެ ރައްޔިތުން ގޮޅާބޯ ކައްޒާބު އެއްލާލުމަށް މަގު ފަހިވާނެ ކަން ކުރީގެ ގޮޅާބޯއަށް ސާފުވާނެތާއެވެ.
ކޮންމެއަކަސް ގޮޅާބޯ ކައްޒާބު ރައްޔިތުންގެ ކުރިމަތީގައި އިތުރުފުޅު ހައްދަވާއިރު ބުމަފުޅަށް ރުލެއްވެސް އަރުވާ ނުލައްވައެވެ. އެހާވެސް އެކަމަށް ކުޅަދާނަ ބޭފުޅެކެވެ. އިތުރުފުޅު ހައްދަވަނީ ވަރަށް ކޮންފިޑެންޓާއެކުގައެވެ. އެމަނިކުފާނު ވެވަޑައިގަންނަވާ ވަޢުދުފުޅުތައް ފުއްދޭނެ ތޯ ބެލުމަކީ ރައްޔިތުންގެ ކަމެކެވެ. ދައުލަތުގައި ހުރިއްޔާ ހުރިހާ ފައިސާއެއް ލޫޓުވާލާފައި ވީނަމަވެސް މަހަލްދީބު ރާއްޖެ ގޮޅާބޯ ކައްޒާބު ވަނީ ތަރައްގީގެ އާއުސްމިންތަކަކަށް ގެންގޮސް ބަރަހަނާ ކުރައްވާފައެވެ. މަހަލް ދީބު ރާއްޖޭ ބަރަހަނާވެ މުޅިދުނިޔެއަށް ފަޟީޙަތް ވެއްޖެއެވެ. ރައްޔިތުންވަށަ ވަށައިގެން ގޮޅާބޯކައްޒާބަށް ސަނާކިޔަމުން ދަނީއެވެ.ރައްޔިތުންގެ ސުންދަރަ ކައްތިރި ރައީސްގެ ލަގަބު ލިބިއްޖެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރެއްވޭނެ މިންވަރަށެވެ.
