ސަރުކާރަށް މިހިނދު ކުރާން ޖެހިފައިވާ ކަމަކީ ނުފޯރާފޮތިން ފޫގަޅަން ނުއުޅުން
ކޭބަޔަކު ކައިފިއެވެ. އެހެން ކަމުން ދައުލަތުގެ ޚަޒާނާގައި ރައްޔިތުންގެ ތަރައްގީއަށްޓަކާ ނުވަތަ އަސާސީ ބޭނުންތަކަށް ޚަރަދުކުރާނޭ ސާފުފައިދާއެއްނެތެވެ. އެހެން ކަމުން މިވަގުތު ސަރުކާރުން ކުރަން އޮތީ ދެކަމެކެވެ. އެއްކަމަކީ ނުފޯރާފޮތިން ފޫގަޅަން ނުއުޅުމެވެ. އަނެއްކަމަކީ އެކިސަރުކާރުތަކުން ކައިފައިހުރި ފައިސާހޯދުމާއި އެކު ސަރުކާރުގެ ޚަރަދު ކުޑަކޮށް ދައުލަތުގެ ބަޖެޓް މީޒާނަށް ގެނައުމެވެ. ސަރުކާރުން ކުރާ ބޭކާރުޚަރަދު ކުޑަނުކޮށް އެޚަރަދުތައް ފޫބެއްދުމަށްޓަކާ ރައްޔިތުންނަށް ދަތިވާ ކަންކަން ކުރުމަކީ ބުއްދިވެރި ގޮތެއްނޫނެވެ. އެހެން ނަމަވެސް ސަރުކާރުގެ ޚަރަދުތައް ކުޑަނުކޮށް އެޚަރަދު ފޫބެއްދެން ހުރި ދޮރުތައްބަންދުކޮށް ނުފޯރާފޮތިން ފޫގަޅާން އުޅެފިނަމަ ބޮލާފޮށާއެޅި
ބޭޒާރުވުން ނޫން އެހެން ކަމެއް ނުވާނެއެވެ. އެއިރަކު ހޮރުކޮންނަންވާނީ އެއިރަކު ހުރިފެންވަރެއްގެ މައްޗަށް ބިނާކޮށެވެ. ދައުލަތުގެ ރިޒާވްގައި ހުންނަ ފައިސާއަކީ ގައުމަށް ކުރިމަތި ވެދާނޭ އިމަރޖެންސީ ނުވަތަ ކުއްލި ނުރައްކަލުގެ ޙާލަތްތަކުން އަރައިނުގަނެވި ގޮތްހުސްވާހިސާބަށް ދިއުމުން ނޫނީ އަތްލާއެއްޗެއް ނޫނެވެ.
މިއަދު ރާއްޖޭގެ ބައިތުލްމާލުގައި ހުރިއެެއްޗަކަށް ނުބަލާ ރައްޔިތުން ގޯނިފުލަށް ލުމުގެ ވިސްނުމުގައި ކަންކަން ކުރަން ރައްޔިތުންނަށް ވަޢުދުވެ ވަޑައި ނުގަންނަވާށެވެ. މިއަދު ރާއްޖޭގެ އިގްތިޞާދު އޮތީ ހިންދަމާލެވޭނެ ފަދަ ޙާލަތެއްގައެއް ނޫނެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން ކޭބަޔަކު ކައިފިއެވެ. އަދިވެސް ކަނީއެވެ. އެހެން ކަމުން ހުއްޓާނުލާ ކަމުންގޮސް އިނދަޖެހި ތެދުނުވެވި އިންނަން ޖެހިދާނެއެވެ. އިނދަޖެހިގެން ތެދުކުރަން އަތުގައި ހިފާދޭނޭ އަވަށްޓެރިއަކުވެސް މިއަދަކު ނެތެވެ. ރާއްޖެ ދަރާފައިވާ ދަރަނި ނުދެއްކި އެދަރަނި ބޮޑުވަމުން ގޮސްފައި އެވަނީ ނުފޯރާފޮތިން ފޫގެޅުމުގެ ސަބަބުންނެވެ. ލިބޭއެއްޗަކުން ދެކޮޅުޖައްސާނެ ގޮތެއް ނޭނގުމުން ފަޟީޙަތްވެ ގޮތްހުސްވުން އޮންނާނީ ވަރަށް ގާތުގައެވެ.
ދެން ކުރާކަމަކީ އޮބިއަޅައިގެން ރައްޔިތުމީހާގެ ދިޔަފެލަން ފެށުމެވެ. އެގޮތުން އެކި ނަންނަމުގައި ވާރު ތަޢާރުފްކުރަމުން ގޮސް ރައްޔިތުމީހާ ހިނގާ ފިޔަވަޅުން ފެށިގެން ހަނޑޫ ކޮޅު އުފުލާން ގެންގުޅޭ ކޮތަޅުގަނޑުން ވެސް ވާރުނަގަން ފެށީއެވެ. އެހެން ކަމުން ނުފޯރާފޮތިން ފޫގެޅުން ހުއްޓާލަން އެބަޖެހޭ ނޫންތޯއެވެ. އަންނަ ކޮންމެ ސަރުކާރަކުން ރައްޔިތުންގެ މުދާކޮޅާއި ފައިސާކޮޅު ކައި ހުސްކޮށްގެން ރައްޔިތުންނަށް ދައްކަނީ ބަނޑެވެ. ސަރުކާރެއް ވުޖޫދު ވުމާއެކު ސަރުކާރުތަކުން ކާލާފައިވާ ރައްޔިތުންގެ ހައްގު އަނބުރާ އަތުލައި ދިނުމަށްޓަކާ ސަރުކާރަށް ރައްޔިތުންގެ އަތުގައި އޮތިއްޔާ އޮތްހައި ބާރަކާއި އަދި ރައްޔިތުމިހާގެ މުންޑު އަންނަ ސޯރުފޮތިކޮޅުވެސް އެވަނީ ސަރުކާރަށް ދީފައެވެ. އެކަމަކު ވާކަމެއް ލިބޭ އެއްޗެއް ޙަރާމެވެ. ހަތްތާވަނީ ދަރަނިބޮޑެވެ.
ލޯބޯފިއްސައިގެން އަތްވާއި ވާރޭގައި ދިވެހިރައްޔިތުން ކޮށްފައިވާ ބުރަމަސައްކަތުން ހޯދި ފައިސާކޮޅު ރައްޔިތުންނަށް ޚަރަދު ކުރަން ޖެހޭނީ ރައްޔިތުންގެ ޚާޒާނާގައި ހުރި މިންވަރެއްގެ މައްޗަށްބަލައިގެންނެވެ. ރައްޔިތުންގެ އަތްމަތި ހުސްކޮށްލައިގެނެއް ނޫނެވެ. ރައްޔިތުންނަށް ކަންކަން ކޮށްދޭންވާނީ ލިބޭ މިންވަރެއްގެ މައްޗަށެވެ. ރައްޔިތުން ދަރަނިވެރިކޮށްގެނެއްނޫނެވެ. ރާއްޖެއަކީ ކުޑައާބާދީއެއްގެ މަށްޗަށް ބިނާވެފައިވާ ފުދުންތެރި ގައުމެކެވެ. އެހެން ކަމުން ރައްޔިތުންގެ ބޭސް ފަރުވާއާއި ކަރަންޓާއި ފެނާއި އަދި އެނޫންވެސް ރައްޔިތުންގެ އަސާސީ ކަންކަން ކުރެވޭނެފަދަ ތަވަސްކަން މިގައުމުގެ މާލީ ތަނަވަސް ކަމުގެ ތެރެއިން ކުރެވޭނެއެވެ. ކަން މިހެން ހުރިނަމަވެސް ސަރުކާރުތަކާއި ހަވާލުވެގެން ގައުމު އާރާސްތު ކުރުމުގެ ނަމުގައި އެސަރުކާރުތަކުން ވަނީ ގައުމުގެ މާލީ ފުދުންތެރިކަމާ ނުބައްދަލު ޚަރަދުތައްކޮށް ގައުމު ދަރުވާލާފައެވެ.
އެހެން ޢިބާރާރަކުން ދަންނަވާނަމަ ގައުމުގެ މާލީތަނަވަސްކަމަށް ބަލާލުމެއްނެތި ނެތްފެންވަރުން ހޮރުކޮނެފައެވެ. މިދެންނެވި ހޮރުކޮނުމުގައި ތިންހޮރުކޮނެވޭހާ ފައިސާއިން އެއްމެހޮރެއް ކޮނެފައިވާއިރު ރައްޔިތުންގެ ޚާޒާނާގެ ފުދުންތެރިކަމުގެ މިންގަޑަށް ނުބަލާ ހޭދަކުރުމުގެ ސަބަބުން ދައުލަތްވަނީ އިންތިހާއަށް ދަރަނިވެރި ވެފައެވެ. އެހެން ކަމާއެކު ނުފޯރާފޮތިން ފޫގެޅުމުގެ އާދަތައް ދޫކޮށްލަން އެބަޖެހެއެވެ. ސަރުކާރަކަށްފަހު ސަރުކާރެއް ވުޖޫދުވަމުން އަންނައިރު އެއްވެސް ސަރުކާރަކުން ދައުލަތުގެ ދަރަނި ޚަލާސް ކޮށް ދައުލަތުގެ ރިޒާވް އިތުރުކޮށްފައެއް ނުވެއެވެ. ދައުލަތުގެ ރިޒާވްގައި ހުންނަ ފައިސާވެސް ހިތުހުރިގޮތަކަށް ތަޅާބުރުވާލަނީ އެވެ. ދައުލަތުގެ ރިޒާވް އަކީ ގައުމަށް ކުރިމަތިވެދާނޭ ކުއްލިނުރައްކަލުގެ ޙާލަތްތަކުން ރައްޔިތުންންނަށް އަރައިނުގެނެވިއްޖެ ހިނދެެއްގައި މެނުވީ އަތްލާއެއްޗެއްނޫނެވެ. އެއީ ރައްޔިތުންގެ ބަނޑުފުރާބަސަލާމަތް ކުރުމާއި އެދަނޑިވަޅުތަކުގައި ރައްޔިތުންނަށްބޭނުންވާ މުހިންމު އަސާސީ ބޭނުންތަކަށް ރައްކާކުރެވިފައި ހުންނަފައިސާއެވެ.
އެ ފައިސާއަކީ ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވެގެން އެމަނިކުފާނު ބޭނުންފުޅުވާ މަޝްރޫޢުތައް ހިންގަން ދޫކުރެވޭނެ ފައިސާއެއް ނޫނެވެ. އެ ފައިސާއަކީ ރައްޔިތުންގެ އަމިއްލަ ފައިސާ ކަމަށް ވުމުން އެ ފައިސާ އެ ފަދަ ކަންކަމަށް ހޭދައެއް ނުކުރެވޭނެއެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގައި ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު ހަތްދިހަފަސްޑޮލަރަށް އަރައި ތެލުގެ އަގު ބޮޑުވަމުން ދިއުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައިވެސް ކާބޯތަކެތީގެ އަގު އަންނަނީ އުފުލެމުންނެވެ. މިއީ ރާއްޖެފަދަ ދަރަނިވެރިވެފައި ގައުމަކަށް ތަޙަންމަލް ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެން ކަމުން ދައުލަތުގެ ރިޒާވްއާއި ކުޅެން އުޅުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ވެސް ދަންނަވަމެވެ.
