ރައްޔިތުން ވޯޓުދީގެން ހޮވާ ރައީސްމީހާ މަގާމުން ދުރު ކުރަން ގާނޫނުއަސާސީގައި ބުނެފައިވާ ގޮތް ބަދަލު ކުރަންޖެހޭ
ދައުލަތުގެ ތިންބާރު ވަކިކޮށްފައިވަނީ އެއިން އެއްވެސް ބާރަކަށް އަނެއްބާރުން އަރައިނުގަނެވޭ ހެންނެވެ. ދައުލަތުގެ މިދެންނެވި ތިންބާރަކީ ވެރިކަން ކުރުމުގެބާރާއި
ޢަދުލު އިންޞާފު ގާއިމް ކުރުމުގެ ބާރާއި ރައްޔިތުންގެ ބާރެވެ.
ރައްޔިތުންގެ ބާރަކީ އަނެއް ދެބާރު މަސައްކަތް ކުރަނީ ގާނޫނުއަސާސީގައި ބަޔާން ކުރެވިފައިވާ ގޮތަށްތޯބަލާ އެ ދެބާރު ޖަވާބުދާރީ ކުރުމަށްޓަކާ ރައްޔިތުން އެކަށައަޅާފައިވާ ރައްޔިތުންގެބާރެވެ.
ގާނޫނުއަސާސީގައި ބުނެފައިވަނީ ރައްޔިތުން ވޯޓުދީގެން ހޮވާރައީސްމީހާ ގާނޫނު އަސާސީއާއި ޚިލާފުވެއްޖެ ނަމަ ރައްޔިތުންގެ ބާރު ބޭނުންކޮށް އިތުބާރުނެތްކަމުގެ ވޯޓެއްނަގައި ރައީސްމީހާ މަގާމުން ދުރުކުރެވޭނެ ކަމުގައެވެ. ކަން މިހެން ހުރިކަމުގައި ވީނަމަވެސް ރައްޔިތުން ހޮވާ ރައީސްމީހާ ދައުލަތުގެ ތިންބާރު އަތްދަށުލައި ގާނޫނުއަސާސީގައި ރައީސްމީހާ މަގާމުން ދުރުކުރަން ބުނެފައިވާ މަގުބަންދު ކުރެއެވެ
އެހެން ކަމުން ރައްޔިތުން ވޯޓުލައިގެން ހޮވާ ރައީސްމީހާ ގާނޫނު އަސާސީއާއި ޚިލާފުވެ ގައުމާ ރައްޔިތުންނަށް ޚިޔާނާތްތެރިވަމުން ދިޔަ ކަމުގައި ވީނަމަވެސް ރައްޔިތުންނަށް އެރައީސް މީހާ މަގާމުން ދުރުކުރެވޭނެ ގޮތެއްނެތެވެ. އެއީ ރައްޔިތުންގެ ބާރު ރައީސްމީހާގެ މުށުތެރެއަށް ލެވޭނޭހެން ގާނޫނުއަސާސީ ފަރުމާކުރެވިފައިވާތީއެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން ހަމަޖެހިފައިވާ އުޞޫލު ބަދަލުކޮށް ސިޔާސީޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ވާދަނުކުރެވޭނޭ ގޮތެއް ހަމަޖައްސަން އެބަޖެހެއެވެ. ޕީއެންސީ އަކީ ވެރިކަން ކުރާޕާޓީކަމަށް ވެފައި އެޕާޓީއިން ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ރައްޔިތުންގެ މަޖިލިސްގެ ބާރު ވެރިކަން ކުރާޕާޓީގެ އަތްދަށަށްއެބަދެއެވެ. ވެރިކަން ކުރާޕާޓީއަކީ ވެރިކަންކުރާ ބާރަށް ނިސްބަތްވާ ޕާޓީ ކަމަށް ވުމުން އެޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މައްޗަށް ހިނގަނީ ރައީސުލްޖުމްހޫރިއްޔަގެ ބާރެވެ.
ކަން މިހެން ހުރުމާއެކު ރައީސުލް ޖުމްހޫރިއްޔާ ގާނޫނުއަސާސީއާއި ޚިލާފުވެވަޑައިގަތް ނަމަވެސް ރައްޔިތުންނަށް އެމަނިކުފާނު މަގާމުން ދުރުކުރެވޭނެ ގޮތެއް ނެތެވެ. އެއީ ގާނޫނު އަސާސީއިން ތިންބާރު ވަކިކޮށް ރައްޔިތުންނަށް ލިބިދީފައިވާ ރައްޔިތުންގެބާރު ވެރިކަމުގެ ބާރާއި ގުޅުވާލެވިފައި ވާތީއެވެ. އެހެން ކަމާއެކު ރައްޔިތުން ވޯޓުދީގެން ހޮވާ ރައީސްމީހާ ރައްޔިތުންނަށާއި ގައުމަށް ޚިޔާނާތްތެރިވެ ރައްޔިތުން އެރައީސްމީހާ މަގާމުން ދުރުކުރަން ބޭނުންވާހިނދު ގާނޫނު އަސާސިއިން ލިބިދީފައިވާ ރައްޔިތުންގެ ބާރު ވެރިކަމުގެ ބާރުގެ ތެރެއަށް ލައި ރިޝްވަތުދީ އެބާރު އޮންނަނީ ޕެރަލައިޒް ކޮށްލެވިފައެވެ. މިއީ ގާނޫނީ ހަމަތަކާއި ޚިލާފު ޚުދުމުޚުތަރު އުޞޫލެއް ކަމުގައި މެނުވީ ނުވެއެވެ. ވަކިކުރެވިފައިވާ ދައުލަތުގެ ތިންބާރު ރައީސުލް ޖުމްހޫރިއްޔާގެ މުށުތެރެއިން ސަލާމާތް ކޮށް ރައްޔިތުންގެ ބާރު ރައްޔިތުންނަށް ލިބިގެން ނޫނީ ގައުމު ހަމަމަގަށް އެޅުވޭކަށެއްނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އެދޭގޮތަށް ރައީސްމީހާ ވެރިކަން ކުރޭތޯބަލާ ރައްޔިތުން އެދޭގޮތް ނޫން އެހެން ގޮތަކަށް ރައީސްމީހާ ވެރިކަން ކުރާނަމަ ވެރިކަން ކުރާބާރަށް ފާވެރިވެ ރައީސުލް ޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން އެކަށައަޅާފައިވާ ރައްޔިތުންގެ ބާރަށް ނިސްބަތްވާ މެންބަރުންނެވެ.
ރައްޔިތުން ވޯޓުދީގެން ހޮވާފައިވާ މަގާމުތަކުގައި ތިއްބަވާ އެންމެންނަކީވެސް ރައްޔިތުން އެދޭގޮތަށް މަގާމުގެވާޖިބު އަދާކުރާ ބަޔަކަށް ވާންޖެހެއެވެ. ރައްޔިތުންގެ އިޙުސާސްތަކާއި އެއްގޮތަށް މަގާމުގެ ޒިންމާ އަދާނުކުރާ ފަރާތްތަކާމެދު ފިޔަވަ ޅުއެޅުމުގެ ބާރު ގާނޫނުއަސާސީއިން ރައްޔިތުންނަށް ލިބިދޭން ވެސް ޖެހެއެވެ. ރައީސުލް ޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރަށްރަށުގެ ރަށުކައުންސިލަރުންނަކީ ރައްޔިތުން ވޯޓުދީގެން މަގާމުތަކަށް ހޮވާބޭފުޅުންނެވެ. އެހެން ކަމުން މިއިންފަރާތަކުން ގާނޫނުއަސާސީއާއި ޚިލާފަށް މަގާމުގެ ވާޖިބު އަދާނުކުރަމުންދާނަމަ އެފަރާތެއް މަގާމުން ދުރުކުރުމުގެ ބާރު ރައްޔިތުންގެ އަތުގައި އޮންނާންޖެހެއެވެ. އެބާރު ގާނޫނުއަސާސީއިން މަތިކޮށްފައިވާ ފަރާތަކީ ރައްޔިތުންގެ ބާރެވެ. ރައްޔިތުންގެ ބާރަކީ ރައްޔިތުންގެ މަޖިލީހެވެ. އެހެން ކަމުން ވަކިވެފައި އޮންނަ ދައުލަތުގެ ތިންބާރުގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ ބާރު ދައުލަތުގެ އެހެން ބާރަކާއި ގުޅި ރައްޔިތުން އެދޭގޮތް ނޫންގޮތަކަށް ޢަމަލު ކޮށްފިނަމަ އެފަރާތް މަގާމުން ޣަޒުލް ކުރުމުގެ ބާރު ރައްޔިތުންގެ ކިބައިގާ އޮންނާން ޖެހެއެވެ.
މިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އެވަނީ މަގާމުން ދުރުކުރާން ޖެހިފައި ކަމަށް ރައްޔިތުންގެ މަޖލީހުގައި އެ ދަނީ ގޮވަމުންނެވެ. ރައީސުލް ޖުމްހޫރިއްޔާ މަގާމުން ދުރުކުރެވޭނޭ ގޮތެއް މިހާރު ގާނޫނުއަސާސީގައި ބަޔާން ކުރެވިފައިވާ ގޮތް ނޫން އެހެން ފަސޭހަގޮތެއް ރައްޔިތުންގެ މަޖިލީހުންފާސްކޮށްދޭން ޖެހެއެވެ.
ރައްޔިތުންނަކީ ގައުމުގެ ވެރިންނެވެ. އެހެން ކަމުން ރައީސްމީހާއަށް ގައުމު ހިންގަން އެނގިވަޑައި ނުގަތުމާއި ގައުމުގެ އިގްތިޞާދަށް ޚިޔާނާތްތެރިވުމާއި ، ރައްޔިތުންނަށް އިތުރުފުޅު ހެއްދެވުމާއި، މަކަރާއި ޙީލަތް ހެއްދެވުމާއި ، ދައުލަތަށް ޚިޔާނާތްތެރިވެ ވަޑައިގަތުމާއި، ގައުމުގެ އިގްތުޞާދު ބަނގުރޫޓުވުމާއި ، އާދަޔާޚިލާފަށް ގައުމު ދަރުވާލުމާއި، ދައުލަތުގެ ތިންބާރު އެެއްކުރުންފަދަ ގާނޫނާއި ޚިލާފު އެތައް ކަމެއް ރައީސުލް ޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެގެންދަވަނީ ކުރައްވަމުންނެވެ.
އެހެން ކަމުން ވެއްޓިފައިވާ އިގްތިޞާދީ ވަޅުގަނޑުން ގައުމު އެރެހެއްޓުމަކީ ރައްޔިތުންނަށް ގާނޫނުއަސާސީއިން މުތުލަގަށް ލިބިދީފައިވާ ބާރެއްކަމުގައިވީ ހިނދު ރައީސުލް ޖުމްހޫރިއްޔާވަނީ އެބާރު މުށުތެރެއަށް ލާފައެވެ. އެހެން ކަމުން ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުން ވޯޓުދީގެ ހޮވާފައިތިބި މަޖިލިސްގެ މެންބަރުން މަގާމުން ދުރުކުރުމުގެ ބާރު ރައްޔިތުނގެ ކިބައިގާ އޮންނާންޖެހޭނެއެވެ. އަދިި އެކަން ކުރެވޭނޭ ފަސޭހަމަގެއް ރައްޔިތުންގެ މަޖިލީހުން ކޮށައި ދޭން ވެސް ޖެހެެއެވެ.
