މަންމަ މަރުވާދުވަހު ވަރަށްރޯނެ، އަނެއްދުވަހު ހަނދާންނެތޭނެ

މަންމަ މަރުވާދުވަހު ވަރަށްރޯނެ، އަނެއްދުވަހު ހަނދާންނެތޭނެ

ހަނދާންނެތުމަކީ އިންސާނީ ފިތުރަތެވެ. އެމްޑީޕީ އިން 2008 ގައި އުފެއްދި ސަރުކާރު ވައްޓާލަން ރައީސް މައުމޫނާއި ރައީސް ޔާމީނު އާއި ސިފައިންގެ ތެރެއިން ބަޔަކާއި ފުލުހުންގެ ތެރެއިން ބަޔަކު ގުޅިގެން ކުރި ބަޣާވާތުގެ މަތިން ހަނދާންހުރީމަދުމީހެކެވެ. އެބަޣާވާތް ކުރުމަށްޓަކާ އެބައިމީހުން އެއްވަމުން ދިޔައީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ކަންމައްޗަށެވެ. އެތަނުންވަނީ ސިހުރުހަދަން ގެންގުޅޭ ފަދަ ސާމާނު ތައްވެސް ފެނިފައެވެ. އޭރު އިދިކޮޅު ފަރާތްތަކުން އެއްވަމުން ދިޔައީ އެބައިމީހުން ބޭނުން ތަނަކަށެވެ. އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވަނީ އެބައިމީހުން ބޭނުން ތަނެއްގައެވެ. ހުއްދަ ނެގުމެއް ނެތެވެ. ނަމަވެސް 2012 ވަނައަހަރުގެ ފެބުރުވަރީ ހަތްވަނަ ދުވަހުން ފެށިގެން އިދިކޮޅުން އެއްވުމެއް ބާއްވަން ބޭނުން ވެއްޖެނަމަ ހުއްދަ ހޯދާން ޖެހޭ ގޮތަށް ސަރުކާރުގެ ގަވާޢިދު ބަދަލު ކޮށްފިއެވެ.

ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހުއްދަ ނެގުމަކާ ނުލާ ބޭނުންކުރުމުގެ ފުރުޞަތަކީ އެމްޑީޕީގެ ވެރިކަމުގައި ހުޅުވާލެވުނު ފުރުޞަތެކެވެ. ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އޭރު އޮތީ ވަރަށްހަނި ކޮށް ނަމަވެސް އެމްޑީޕީ ވެރިކަމަށް އައުމާއެކު އެ ފުރުޞަތުވަނީ ތައްމިނަށް ހުޅުވާލާފައެވެ.

ރައީސް މައުމޫނުގެ ވެރިކަން ވެއްޓި އެމްޑީޕީ ވެރިކަމަށް އައިސްފައި ވީނަމަވެސް ރާއްޖޭގެ ޝަރުޢީނިޒާމްގެ ކޮންޓްރޯލް އޮތީ ރައީސް މައުމޫނުގެ އަތްޕުޅުގައެވެ. އެހެން ކަމުން ފަނޑިޔާރުގެ މިނިވަން ކުރުމަށް ގާނޫނީ ޙުދޫދުގެ ތެރެއިން މަސައްކަތް ކުރާން އޮތް ގާނޫނުގެ ދިގުއަތް އޮތީ ޕެރެލައިޒް ކޮށްލާފައެވެ. ވެރިކަން ބަދަލު ވުމާއެކު ސުޕްރީމް ކޯޓުގެ ދޮރު ތަޅުލައި ސިއްރިޔާތުގައި އުއްތަމަ ފަނޑިޔާރު އަމިއްލަފުޅަށް ފަނޑިޔާރުކަމުގެ ހުވާކުރައްވާ ނިމިދިޔަ ސަރުކާރުގެ މުށުތެރޭގައި ފަނޑިޔާރުގެ ކުރިންވެސް އޮތްގޮތަށް ދަމަހައްޓާ ރައްޔިތުންނަށް އިންޞާފު ލިބުމުގެ ދޮރު ބަންދު ކުރިއެވެ.

7ފެބުރުވަރީ 2012 ގައި ކުރި ބަޣާވާތުން އެމްޑީޕީގެ ވެރިކަން ވައްޓާލުމަށްފަހު ފުލުހުންގެ ތެރެއިން ބަޔަކާއި ސިފައިންގެ ވެރިންގެ ތެރެއިން ބަޔަކު މަގުތަކަށް ނުކުމެ އެމްޑީގެ މެންބަރުންނަށާއި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަށާއި އަދި އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނަށް ނުހަނު އަނިޔާކޮށް ގައުމު ހަލަބޮލިކުރަމުން ގެންދިޔައެވެ. އެހެނަސް ޝަރުޢީ ނިޒާމުގެ ކޮންޓްރޯލް އޮތީ ބަޣާވާތުގެ ބައިވެރިންގެ މުށުތެރޭގައި ކަމަށް ވުމުން އެމްޑީޕީގެ މެންބަރުންނަށް އިންޞާޕްލިބެން ހުރި ދޮރުތައް ވަނީ ބަންދުވެފައެވެ. ހަތެއް ފެބުރުވަރީ 2012 ވަނަދުވަހު ކުރި ބަޣާވާތާއި ގުޅިގެން 08 ފެބުރުވަރީ 2012 ވަނަދުވަހު އެމްޑީޕީގެ މެންބަރުން މަގުތަކަށް ނުކުމެ ބަޣާވާތާއި ދެކޮޅަށް ކުރި އިހުތިޖާޖު ފުލުހުންނާއި ސިފައިން ނުކުމެ ހުއްޓުވާލާފައިވަނީ ރައްޔިތުންނަށް ގާނޫނީ އިމުންބޭރުން ނުހަނު ބޮޑެތި އަނިޔާތައް ދިނުމަށްފަހުގައެވެ. އެދުވަހު މުޅި މާލެ ވަނީ ބިރުވެރުކަމާއި ނާމާން ކަމުގެ ތެރޭގައެވެ.

2008 ގައި ރާއްޖޭގެ ރައްޔިތުން އެކުލަވާލި ރައްޔިތުންގެ ވެރިކަން ވެއްޓިގެން ދިޔައީ ބަޣާވާތް ރާވާ ހިންގި ފަރާތްތަކާމެދު ފިޔަވަޅު އަޅަން ރައީސް ނަޝީދު ގަބޫލުފުޅުވެ ވަޑައި ނުގަތުމުންނެވެ. ރައީސް ޔާމީނު ކަންކުރެއްވިގޮތަށް ކަން ކުރެއްވުމުގެ ފުރުޞަތު ރައީސް ނަޝީދު އަށްވެސް ލިބިވަޑައިގަތެވެ. ނަމަވެސް ބަޣާވާތް ރާވާ ހިންގި ފަރާތް ތަކަށް ވެރިކަން ވައްޓާލުމަށް މަގު ހުޅުވިގެން ދިޔައީ ރައީސް ނަޝީދުގެ އޯގާވެރިކަމުގެ ސަބަބުންނެވެ. އެ ބަޣާވާތް ކުރެވުނީ އެ ބަޣާވާތުގެ ބައިވެރިންގެ މައްޗަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުއްވުމުގެ ސަބަބުންނެވެ. އެއީ އެނގި ފެނިގެން ހިނގާދިޔަ ކާރިސާއެކެވެ. ރައީސް މައުމޫނާއި އެމަނިކުފާނުގެ ޓީމު ހައްޔަރުކުރުމަށް ރައީސް ނަޝީދުގެ އަރިހުގައި އެމްއެންޑީ އެފްގެ 8 ޖެނެރަލުން ދެންނެވިއެވެ. އެހެނަސް އެމަނިކުފާނު އެބޭފުޅުންނަށް ޖަވާބެއް ނުދެއްވިއެވެ.

ރައީސް މައުމޫނު ހައްޔަރު ނުކޮށް އެބަޣާވާތް ހުއްޓުވޭކަށް ނެތެވެ. ނަމަވެސް ރައީސް މައުމޫނު ޖަލަށް ލައިގެން ވެރިކަމުގައި ހުންނަވަން ބޭނުންފުޅު ނޫންކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ. ބަޣާވާތުގެ އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ލިސްޓް ރައީސް ނަޝީދުގެ އަތްޕުޅުގައި އޭރުވެސް އޮތެވެ. އެހެނަސް އެކަމުގައި ބައިވެރިވާ ސިޔާސީ ބޭފުޅުންނާއި އެމް އެންޑީއެފުގެ ޖަނަރަލުންނާއި ޕޮލިހުންގެ ބައެއް އިސް އޮފިސަރުން ހައްޔުރު ކޮށްގެން ވެރިކަން ޙިމާޔަތް ކުރައްވަން އެމަނިކުފާނު ބޭނުންފުޅު ނުވީއެވެ. އެދުވަހު އެމައްސަލަ ނުބެއްލެވި ނަމަވެސް އެ މައްސަލައަކީ ނުބަލާ ދޫކޮށްލާ ވަރަށް ވުރެ ގައުމަށް ގެއްލުންހުރި މައްސަލައެއް ކަމުގައި ދަންނަވަމެވެ. އެދުވަހު ރައްޔިތުން ރުއި ރުއިންތަކާއި ކުރި ހިތާމަތައް މިއަދު ހަނދާނުން ފިލައި ދިޔަނަމަވެސް އެއީ ގައުމުގެ ތާރީޚީ ޞަފްޙާތަކުގައި ކަޅު އަކުރުން ފަވާލެވޭނެ ގައުމީ ހިތާމައެކެވެ.