ތިންބާރު ވަކިވުމުގެ މާނައަކީ ގިރާ ނުކުރެވޭނެ އިމެއްއޮތުމެއް ނޫން!
ތިންބާރު ވަކިވުމުގެ މާނައަކީ ކޮންމެ ބާރަކީ ، ގިރާ ނުކުރެވޭނެ އިމެއް ނެތް ލިމިޓެއް ނެތް ބާރުތަކެއް އޮތުމެއް ނޫނެވެ. މިސާލަކަށް ބަލާނަމަ ތިންބާރުންކުރެ ބާރަކުން ވިޔަސް އެނޫން ސަރުކާރުގެ އިދާރާއަކު ވިޔަސް ޤާނޫނާއި ޚިލާފަށް ، އިންސާނިއްޔަތާއި ޚިލާފަށް އެއްވެސް މީހެއްގެ ޙައްޤެއް ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ނިގުޅައިގެންފި ނަމަ އެކަމެއް ގެ ބަދުނާމާއި ފުރައްސާރަ ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އަދި ޤައުމަށް ރައްދުވެއެވެ.
އެހެންކަމުން ޤާނޫނު ގެ ތަރަހައިން ބޭރުން ރާއްޖޭގެ ސަރަހައްދުގައި އެއްވެސް މީހެއްގެ ޙައްޤެއް ނިގުޅައި ގަނެފިނަމަ އެއީ ދައުލަތް ހިންގާފަރާތުން ނިގުޅައިގެން ޙައްޤަކަށް ވިޔަސް ޢާއްމު މީހަކު ނިގުޅައިގެން ޙައްޤަކަށް ވިޔަސް ނުވަތަ ނިގުޅައި ގަނެފާނެކަމަށް ނުވަތަ އެއިން ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް އަތުވެދާނެކަމަށް ބުރަވެވޭ ހެއްކެއް ނުވަތަ ޤަރީނާއެއް ލިބިއްޖެ ކޮންމެ ހާލަތެއްގައި ނުވަތަ މަހައްލެއްގައި ، ރައީސުލްޖުމްހޫރިއްޔާ އަށް އެކަމުގެ ތެރެއަށް ނުވަދެވޭނެ ނުހުއްޓުވޭނެ އެއްވެސް ޝަރްޢީ އަދި ޤާނޫނީ ސަބަބެއް ނުވެއެވެ.
ހާއްޞަކޮށް ޝަރީއަތްތައް ލަސްވަނީ އިދާރީ މައްސަލައަކުން ނުވަތަ އިހުމާލަކުން ކަމަށް ވާނަމަ ނުވަތަ ބައެއް ޢާއްމު ޚިދުމަތްތަކާއި ސަރުކާރުން ހިންގާ އުމުރާނީ މަސައްކަތްތަކާއި ތަރައްޤީގެ މަޝްރޫޢުތައް ލަސްވަނީ އިދާރީ ގޮތުން ދޯހަޅި ކަމެއް ހުރެގެން ކަމަށް ވާނަމަ އެކަންކަން އަވަސްކުރުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގެ އިޚްތިޔާރު އޮންނާނެއެވެ. އަދި އޮންނަންވެސް ޖެހެއެވެ. އެއީ ނުފޫޛު ފޯރުވުމެއް ނޫނެއެވެ. އެއީ ރައީސަކަށް ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ލިބިދީފައި އޮންނަ ޒިންމާއެއްކަމަށް ދެކެންވާނެ އެވެ .
މިސާލަކަށް ޝަރީޢަތެއް ނުނިމި ލަސްވުމަކީ އިންޞާފު ނުލިބުން ކަމަށް ބެލިދާނެއެވެ. މިއީ ޤާނޫނީ ޤާއިދާއެއް ވެސްމެއެވެ. ކުށްވެރި ވާކަން / ނޫންކަން އަވަހަށް ކަށަވަރު ކުރުމަކީ ތުހުމަތުގައި ބަންދު ކޮށްފްއިވާ މީހާ އާއި މުޖުތަމަޢުގެ ޙައްޤާއި ގުޅިފައިވާ ކަމެކެވެ. އެއް ކަމަކީ ޙުކުމް ކުރުން އަވަސް ވުމުން ޢާއްމު މީހާއަށް ވެސް އަދި ސަރުކާރަށް ވެސް ލިބުނީ އިންސާފުތޯ ؟ ނުވަތަ ނޫންތޯ ދެނެގަތުމަށް ފަސޭހަވުމެވެ . އިތުރަށް އުފުލަންޖެހޭ ބުރައެއް ނުވަތަ ޒިންމާއެއް ނުވަތަ ލުޔެއް ނުވަތަ ގެއްލުމެއް ، ލިބޭކަން ނުވަތަ ނޫންކަން ޔަޤީންވުމެވެ.
ޤާނޫނުތައް ވެސް ހުންނަންވާނީ މިގޮތަށް މިކަންކަން ކަށަވަރު ކުރެވޭނެ ގޮތަށެވެ. އަދި ހަދަންވެސް ވާނީ އިންސާނީ ކަރާމަތާއި ރައްޔިތުންގެ ފުރާނަ އާއި މުދަލާއި ޢަބުރު ރައްކާތެރި ކުރެވޭނެ ކަން ކަށަވަރު ކުރެވޭނެ ގޮތަށެވެ. އޭރުން ނޫހެއްގައި ވާ ލިޔުމެއްގެ މައްޗަށް ނުވަތަ ނުފޫޛު ހުރި މީހަކު ބުނާ ވާހަކައެއްގެ މައްޗަށް ދެއިރު ދެދަޅައަށް ސަރުކާރުގެ ސިޔާސަތުބަދަލު ކުރާކަށް ނުޖެހޭނެއެވެ. އޭރުން ވެރިމީހާ އިން ފެށިގެން ކޮންމެ މީހަކު ވެސް ހުންނާނީ ޤާނޫނީ އޮނިގަނޑުގެ ތެރޭގައެވެ. އޭރުން ކަންކަން ކުރުމުގެ ކުރިން ފުރަތަމަ ވެސް ބަލާނީ ޤާނޫނު ހުއްދަ ކުރާކަމެއްތޯ ؟ ނުވަތަ ނޫންތޯއެވެ؟
ލިޔެވިފައިވާ ޤާނޫނެއް އޮވެ ޤާނޫނާއި ޚިލާފަށް އުޅޭތަން ފެނުމާއި، ކަންކަން ކުރާތަން ފެނުމަކީ ، ޤާނޫނުގެ ހައިބަތު ކުޑަވެ ކުށްކުރުމަށް ބަރުއަޅާނެކަންކަމެވެ. ކޮންމެ މީހަށް ވެސް އެނގެންވާނެ ކަމަކީ ، މުޖުތަމައަކަށް ނިޞްބަތްވާ މީހެއް ނަމަ އޭނާގެ ޙައްޤު އޮންނަ ފަދައިން އޭނާގެ މައްޗަށް އެހެން މީހުންނަށްޓަކައި އޭނާ އަދާކުރަންޖެހޭ ޙައްޤެއް އޮންނަ ކަމެވެ. އެއީ މުޖުތަމަޢުގެ ޙައްޤެވެ. އެހެންކަމުން މުޖުތަމަޢުގެ ޙައްޤު އަދާ ކުރުމަށް ދެ ޙައްޤެއް އިންސާނާ ފުރިހަމަ ކުރަންޖެހެއެވެ. ފުރަތަމަ ޙައްޤަކީ ، ލިއްލާހި އަށްޓަކައި (އެހެނީﷲއަށްޓަކައި) އަދާކުރަންޖެހޭ ޙައްޤެވެ. އެއީ ޢިބާދާތެވެ، ނުވަތަ އަޅުކަމެވެ.
ދެވަނަ ޙައްޤަކީ މުޢާމަލާތެވެ. މުޢާމަލާތަކީ ތިމާ ނޫން މީހަކާއި އެކު ވެވޭ އެންމެހައި އެއްބަސްވުންތަކާއި ދައްކާ ވާހަކަތަކާއި އެއާއި ގުޅިގެން އުފުލަންޖެހޭ ޒިންމާތަކާއި ސަރުކާރާާއެކު ކުރާ މުޢާމަލާތްތަކާއި ފައިސާ އާއި ގުޅޭކަންކަމާއި ދައުލަތުގެ މުދަލާއި ފައިސާގެ މުއާމަލާތްތަކާއި ޢާއިލީ މުޢާމަލާތްތަކެވެ. މިއިން ކޮންމެ ކަމެއް ކުރާ އިރު ތެދުވެރި ވުމާއި އަމާނާތްތެރިވުމަކީ ، މީސްތަކުންނަށް ޓަކައި އަދާކުރަންޖެހޭ ޙައްޤެވެ. މިކަން މިމަގުން ކުރާނަމަ ގެއްލުމެއް ނުވާ ހެޔޮ ކޮންމެ ޢަމަލަކީ ވެސް ޘަވާބު ލިބޭނެ އަޅުކަމުގެ ތެރޭގައި ހިމެނޭކަންކަމެވެ.
