ގައުމު ކަނެއްގެ އަތްދަށަށުގައި…
ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ލޯތްބާއި ކުލުނުގެ މައްޗަށް މީގެ އަހަރުތަކެއް ކުރިން މިނިކާވަގެއް ފުންމާލައި އެރިގޮތަށް އަރައި ރައްޔިތުންގެ ޙައްގުތައް ކައިހުސްކޮށްފިއެވެ. މިގައުމަށް ވެރިވި މި ރަންނަމާރި ފުރަތަމަވެސް ދިރުވާލީ ރާއްޖޭގެ އިސްލާމީ ރީތި އާދަކާދަތަކެތެވެ. ސަގާފީ އެކުވެރި ގުޅުންތަކެވެ. ކުރިން ތިގެއާއި ޖެހިގެންހުރި ގޭގައި މީރު ކާއެއްޗެއް ކައްކައިފިނަމަ ޖެހިގެން ތިގެއާއި އަދިވެސް ކައިރީގައި ތިބި ދެތިންގޭގައި އުޅޭ މީހުންނަށް ނުދީ ނުކައެވެ. ނަމަވެސް މިއަދަކު އެގެޔަކުން ތިގެޔަކަށް އަދި ކީއްކުރަން ކައިފީގައި ތިބި އެހެން ގެތަކަށް ވެސް އެ އެއްޗެއް އެގެޔަކުން ނުލިބެއެވެ. އެގޭގައި ހުރެގެން އޭތި ކުނިވިޔަސް ތިގެޔަކަށް ނުލިބެއެވެ. މިއީ ހަގީގަތެވެ.
ފަހަރަކު ކަމެއްގެ މައްޗަށް އެ މިނިކާވަގެއް ކަހަލަ ރަންނަމާރީ އެދަނީ އަރައި ހަމަލާދީ ކައި ހަދަމުންނެވެ.
ރާއްޖޭގެ ޒުވާންޖީލުގެ އުފާތަކަށް ވެސް އަރައިގަނެ ޒަމާނުއްސުރެ ޒުވާނުންގެ ހިތްތަކަށް ތަޞައްލީ ހޯދަމުން ކަންކަން ވެސް ފުނޑުފުނޑު ކޮށް އެޒުވާނުން މިއަދު އެ ވަނީ މަގު އޮޅި ބެންޑު ކޮށްފައެވެ.
ގައުމަށް އައި ފެހި ނޫރާނީ ރަބީޢު ޚަރީފީ މޫސުމަކަށް ބަދަކު ކޮށްފިއެވެ. ގައުމުގެ ރައްޔިތުންގެ މެދުގައި އަށަގެންފައިވާ ގައުމީލޯތްބާއި ގައުމީ ރޫޙު ނެތިކޮށް ވަގުންގެ މާޙައުލެއް އުފައްދައިފިއެވެ. ޒަމާނުއްސު ރައްޔިތުން ދެކެމުން އައި ގައުމީ ތަރައްގީގެ އުފާވެރި އުންމީދުތައް ގައުމަށް ވެރިވި ރަންނަމާރީގެ މުށުތެރެއަށް ލައި ދަޅުފިއްތާ މެޝިނަކުން ފިއްތާލާހެން ފިތާލައިއެވެ.
ރައްޔިތުންގެ މެދުގައި ދެމިއޮތް ތެދުވެރިކަމާއި އަމާނާތްޔެރިކަން ގެއްލުވާލާ މުނާފިގުންގެ އުންމަތެއް ބިނާކުރަން ފަށައިފިއެވެ. މުސްކުޅިން ބުނެެުޅެއެވެ ފެތޭއޮޑިއެއްގެ ރިޔާދަށުވިޔަސް ކަނެއްގެ އަތްދަށު ނުވާށެވެ. ރާއްޖޭގެ ރައްޔިތުންނަށް ވެފައި މިވަނީ އެކަހަލަ ގޮތެކެވެ. ކަނުމީހާގެ އަތުގައި ހިފުމަށްފަހު އޭނާ ދޫކޮށެއް ނުލެވޭނެއެވެ. އެހެނީ އޭނާ ދުއްވާ އެއްޗެއްގައި ޖެހި މަރުވާނެތީ ހިތުގައި އުފެދޭ ރަޙުމާ ކުލުނުގެ އިތުރުން އޭނާ ދާންބޭނުންވާ މަންޒިލަކާއި ހަމަޔަށް ގެންދިއުމުގެ ޒިންމާ އިން ރެކެވޭނެ މަގެއް ނުފެންނާނެތީއެވެ.
ރޭ ކެފޭ އަކަށް އައި ޒުވާނުންތަކެއް ދެއްކީ ވެސް މިބާވަތުގެ ވާހަކައެކެވެ. އެމީހުން ބުނީ ބިޑި ސުއްޓާ ސިނގިރޭޓަކީ ތިމަންނަމެންގެ ހަށިގަނޑަށް ގެއްލުންދޭ އެއްޗެއް ކަމަށައި ނަމަވެސް އެތަކެތި ފިހާރަތަކުގައި ވިއްކުމަށް ހުއްދަދީފައި، އެއްބަޔަކަށް ނުގަނެވޭ ގޮތް ހެދުމަކީ ބަވަނަ ވަމުންދާ ދުނިޔެއެއްގައި އެއްބަޔެއްގެ އުފާތަކަށް ތަޞައްލީ ލިއްބައިދޭ ވަސީލަތެއް ހުއްޓުވައިލުމެވެ. އެމަގުން އެކަން ނުކޮށް، ރާއްޖޭގެ އުފެދެމުން އަންނަ ސަރުކާރުތަކުން ވިސްނުވައިދޭންވީ އޭގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އަދި މާއްދީ ގެއްލުން ތަކުން ދިފާޢުވުމަށެވެ. ކުއްލިއަކަށް ކަރުގައި ނުހިފުމަށެވެ.
މިއަދު އެ ބުރިކޮށްލީ 65 އަހަރުވީ އެތައްހާސް ރައްޔިތުންގެ ދެފައެވެ. ދެން ފާސްކުރާނީ ދުވަސްވީ ކޮންމެ ރައްޔިތަކު އަމިއްލައަށް ކަށްވަޅު ކޮނެގެން ވަޅުލުމަށެވެ. ވިސްނާށެވެ. ރައްޔިތުންގެ ލާބަޔާ މަންފާގެ އިތުރުން ރައްޔިތުން މުދަލާ ފައިސާ އަށް ވެރިމީހާ ޚިޔާނާތް ތެރިވެ ވައްކަން ކުރޭތޯ ބަލާ ވެރިމީހާ ޖަވާބުދާރީ ކުރުވުމުގެ މަތިވެރި މަގުޞަދުގައި ރައްޔިތުން ވޯޓުދީގެން ރައްޔިތުންގެ މަޖިލީހަށް ހޮވާފައިއެތިބަ ބައެއް މެންބަރުން ރައްޔިތުންނަށް އެވަނީ ޙަރާމްކޯރުވެފައެވެ. ދޮގާއިމަކަރު ހަދައި ރައްޔިތުން ޅޮސް އުނދޯއްޔަށް ލައިގެން ގައުމު ދިރުވާލަމުންއެދާ ބައެއް ސިޔާސީ ފަރާތްތައް ބައިޢަތުހިފާ އެ މެންބަރުން އެ ވަނީ ވައްކަމުގައި ޢަމަލީގޮތުން ބައިވެރި ވެފައޭ މީނުން ބުނެތެވެ. އެއްބަޔަކު ބުނަނީ އެއީ ޙަޔާތް ކުޑަ ބައެއް ކަމަށެވެ. ފަސްދޮޅަސް ފަސް އަހަރުވީމީހުން ސައިކަލުގައި ބުރިޖު ހުރަސް ކުރުން މަނާކުރުމަށްވުރެ އެ ޢުމުރުގެ އެންމެންގެ ދެފައި ބުރިކުރަން ފާސް ނުކުރީ ކާކަށް ބިރުން ހެއްޔެވެ.
ތިޔަ ވަގުންނަކީ ﷲ އަށް ބިރުވެތިވާ ބައެއް ނޫންކަމަށް ވާއިރު ބިރުވެތިވާން ދެންއޮތީ ކޮންފަރާތެއް ހެއްޔެވެ. ބަލާނެ ކަމެއް ނެތެވެ. ފައިސާއަށްޓަކާ އަމިއްލަ ހަތަރެސް ފައިވެސް ތިޔަ މެންބަރުން ގުރުބާން ކުރާނޭ ކަން ރައްޔިތުންނަށް ވަރަށްސާފެވެ.
މިވަރުގެ ގޮތެއް ފޮތެއް ނެތް ޙަޔާތްކުޑަ މެންބަރުން އިންތިޚާބުކުރި ރައްޔިތުންގެ މަޖިލީހެއް އަދި މިހާތަނަށް އެއްވެސް ރައްޔިތަކު ދެކިފައިއެއް ނުވާނެކަން ޔަގީނޭ މީހުން އެ ބުނަނީ ސަބަބުތަކެއް ހުރީމައެވެ. އެމަޖިލީހުގެ ރައީސަކީވެސް ގޮތެއް ފޮތެއް ޙަޔާތެއް ހުރިމީހެއް ނޫން ކަމަށް ބުނެ ފޭސްބުކުގައި ވީޑިއޯއެއް ދައުރުވެއެވެ. އެ ވީޑިއޯގައި ފެންނަނީ އެމްޑިޕީގެ ވެރިކަމުގައި ފުލުހުންގެ ގާތު ހަޑިހުތުރުކޮށް (ދަރިންނާއި ތިމާގެ މީހުންނަށް އަޑުއިއްވަން ބޭނުންނުވާ ކަހަލަ) ވާހަކަ ދައްކާ މަންޒަރެވެ.
ރައްޔިތުން މިސްކިތް ތަކުގައި އަޑުހަރުކޮށް ދުޢާކުރަން މާލަސް ވެސް ވެއްޖެ ކަހަލައެވެ. ފަލަސްތީނު ރައްޔިތުން އިޒުރޭލުގެ އަނިޔާވެރިކަމުން ސަލާމަތް ވާން އެ ދުޢާކުރާ ބީދައިން މި ސުންޕާ ރަންނަމާރިތަކުގެ ވާހަކަތައް ނިމޭތޯ ދުޢާކުރަންވެއްޖެ ކަމަށް ދެކޭ ވާހަކަ ރޮމުން ދެންނެވީމެވެ.
