150 ޕަސަންޓުގެ ޚިޔާނާތް
ދާދި ފަހުން ސްޓެލްކޯއިން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އެކުންފުނީގެ ފަރާތުން ފޮނުވަންޖެހޭ ތަކެތި އެރަށްތަކަށް ގެންގޮސްދޭނޭ ފަރާތެއް ހޯދުމަށްޓަކައި ބިޑް ހުޅުވާ އެކަން އިޢުލާނު ކުރިއެވެ. ވަރަށް ގިނަ ކުންފުނި ތަކުން އެ ބިޑުގައި ބައިވެރިވިއެވެ.
އެބިޑުގައި ބައިވެރި ހުރިހާ ކުންފުނިތަކުން ވެސް ބިޑު ހުށަހާޅާފައި ވަނީ ގާތްގަނޑަކަށް ސާޅީސް ހާހާއި ފަންސާސް ހާހާއި ދެމެދުގައެވެ. އެހެން ކަމުން އޭގެތެރޭގައި ހިމެނޭ އެންމެ ކުޑަ އަގު ހުށަހެޅިފަރާތަށް ބިޑް ކާމިޔާބު ވެއްޖެކަން އިޢުލާނު ކުރެވިއްޖެއެވެ. މިކަން އިޢުލާން ކުރެވުނީ ބިޑަށް ކުރިމަތި ލާފައިވާ އެންމެންގެ ޙާޟިރުގައެވެ. ވަރަށް އިންޞާފުވެރި އެހެންނޫންތޯއެވެ.
ދެދުވަސް ފަހުން ބިޑް ކާމިޔާބު ކުރި ކުންފުނީގެ ބޭފުޅަކު ސްޓެލްކޯ އަށް ޙާޟިރުވުމަށް ދައުވަތު ދިނެއެވެ. ކޮންމެއަކަސް ބިޑް ކާމިޔާބުކުރި ކުންފުނީގެ ބޭފުޅާއާއި ބައްދަލު ކުރެއްވީ ސްޓެލްކޯގެ އިސް ބޭފުޅެކެވެ. ސްޓެލްކޯގެ އިސް އެ ބޭފުޅާ ބިޑު ކާމިޔާބު ކުރި ކުންފުނީގެ ބޭފުޅާގެ ގާތުގައި ވިދާޅުވިއެވެ. މެދުރާއްޖެތެރޭގައި ޖެހިޖެހިގެން އެއްލައިނެެއްގައި އޮންނަ އެ ހަތަރު ރަށަށް މުދާސަޕްލައި ކޮށްދޭ އަގަކީ ފަންސާސް ހާސްރުފިޔާ ނޫންހެއްޔެވެ. ނަމަވެސް އެއްދަތުރަކުން ނިންމާލެވޭ އެ މަސައްކަތް 4 ދަތުރަށް ހަމަޖައްސައި އެ 4 ދަތުރަށްވާ 200,000 ރުފިޔާ ތިޔަކޮމްޕެނީގެ އެކައުޓަށް ޖަމާވާނެއެވެ. އެ 200,000 ރުފިޔާގެ ތެރެއިން 150,000 ރުފިޔާ ނެގުމަށްފަހު އެފައިސާ އޭނާ ވިދާޅުވާ ފަރާތަކާއި ޙަވާލު ކޮށްދޭ ގޮތަށް އެއްބަސް ވާނަމަ މަސައްކަތް ކުރިއަށް ގެންދާށެވެ.
ސްޓެލްކޯގެ ބަޖެޓުން 50،000 ރުފިޔާ ދީގެން ކުރެވެން އޮތް އެމަސައްކަތައް ކުންފުނީގެ ބަޖެޓުން އިތުރު ދޮޅުލައްކަ ރުފިޔާނަގައި ފައިކޭޓަށް ޖަހާ، ފަހުމީ ލައްވާ ކުރިޔަށް ގެންދާ ސްޓެލްކޯގެ ބަޖެޓް ޖޫސްތަށްޓެއް ބޯލާހެން ބޯން ވެއްޖެނަމަ ދައުލަތުގެ ދަރަނި ކުޑަވާނެ ގޮތެއް އޮންނާނެ ހެއްޔެވެ.
އިހަށްދުވަހު ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ އިސްމަގާމްތަށް އެމަނިކުފާނު އައްޔަން ކޮށްފައިވާ ވެރިންނަކީ އެމަނިކުފާނު ވިދާޅުވާ ގޮތަށް ވަޒީފާގެ މައްސޫލިއްޔަތު އަދާކުރައްވާ ޢިލްމީ ގާބިލް ބޭފުޅުން ކަމުގައެވެ. ކަންމިހެން ހުރުމާއެކު ދައުލަތުގެ މަގާމްތަކަށް ރައީސް އައްޔަން ކުރައްވާފައިވާ ރައީސް ވިދާޅުވާ ގޮތަށް މަސައްކަތް ކުރައްވާ ބޭފުޅުން ދައުލަތުގެ ފައިސާއިން ވައްކަން އެކުރަނީ ރައީސް ވިދާޅުވެގެން ރައީސަށް ބައިއަޅާގޮތަށް ބާވައޭ ހިތަށް އަރާނެތާއެވެ.
ކޮންމެޔަކަސް، ފަހުމީގެ އަތްމައްޗަށް ސްޓެލްކޯ ދޫކޮށްލައިގެން ރައީސް މުޢިއްޒު މި އުޅުއްވަނީ ކީއްކުރައްވަންތޯއެވެ؟ މުޢިއްޒަށް ފަހުމީ ދަސްނުވިކަމީ ބަލިފަޔެވެ. މިގައުމު އެންމެހާ ރައްޔިތުން ނިކަމެތި ހާލުގައި އުޅެމުންދާއިރު ގައުމުގެ އެންމެހާރައްޔިތުންގެ ޙައްގު ދައުލަތުގެ ބައެއް އިސްވެރިން އެގޮތަށް ބޯންފެށުމުން ކޮންމެ ރައްޔިތަކުމެ ކަރުނައަޅާނެއެވެ.
ޙައިރާންވެ އަންތަރީސް ނުވާނެހެއްޔެވެ. ދައުލަތުގެ ފަރާތުން އަމިއްލަ ފަރުދަކަށް މަސައްކަތެއް ދިނަސް އެމީހާގެ ޙައްގު އެމީއާއަށް ލިބެން އޮތީ ގައުމާއި ރައްޔިތުންނަށް ޙަރާމްކޯރުވެގެންނެވެ.
ރައްޔިތުންގެ ފައިސާއާއި މުދާ އިޚުލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކު ބަލަހައްޓައިދޭނެ ކަމަށް މި އިސްލާމީ އުންމަތުގެ ކުރިމަތީގައި ﷲ ގަންދީ ހުވާކޮށްގެން ތިބެ މިފަދަ ޖަރީމާތައް ހިންގަމުން އެދަނީ މިނޫން ދުވަހަކާއި ބައްދަލު ކުރަން ނުޖެހޭނެ ކަމަށްހެއްޔެވެ. މިފަދަ މީހުނަށް ނިސްބަތް ކުރާނީ ކޮންނަމަކުން ބާވައެވެ. ވަގުންނޭތޯއެވެ. ނުވަތަ މުނާފިގުންނޭ ތޯއެވެ.
މިރާއްޖެ މިދަނީ ކޮން އަނދަވަޅަކަށް ވެއްޓެން ބާވައެވެ. މިހިނދު ރާއްޖެ ދަތުރު ކުރަމުން ދަނީ ކަނުއަނދިރީގައި ފިލައި ތިބި ވާނުވާނޭނގޭ ޣައްދާރު ބައެއްގެ މާލިމީކަމުގެ ދަށުންނެވެ. ނޫންނަމަ ފެންފޮދަކާ ވެސް ނުލާ ރާއްޖެ ދިރުވާލައިގެން ފިލާން ރާވައިގެންތިބި ފޭރޭބައެއްގެ މާލިމީކަމުގެ ދަށުންނެވެ. ވައްކަން ކުރުމުގައި ރައީސް ޔާމީނު ފަނޑުކޮށްލި ކުލަގަދަ އެތައްތަރިން އެދަނީ ދިވެހި އުދަރެހުގައި ފިޔަޖަހަމުންނެވެ. މިއުންމަތުގެ ތެރެއިން މިވަރުގެ ވަައްކަން ކުރަން ކުޅަދާނަ ލާމަސީލު އެހެން ނަމޫނާއެއް ދެން ފެނިގެން ދިއުމަކީ ކާޅަކުން ހުދުފަތެއް ފެނުންފަދަ ކަމެކެވެ. ވީމާ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ފުއްދަން ބޭނުންނަމަ، ސްޓެލްކޯގެ ވަގުން އެތަނުން އެހެލާން ޖެހެއެވެ.
