ދައުލަތް ކޮންޓްރޯލް ކުރުމުގެ ބާރު ރައްޔިތުންގެ އަތުން ފޭރިގެންފި
ރާއްޖޭގެ ވެރިކަން ކުރާނިޒާމު ބަދަލުކޮށް ރައްޔިތުން އެކުލަވާލި ޑިމޮކްރެޓިކް ނިޒާމުގެ ބާރުތައް ރައްޔިތުންގެ ކިބައިން ފޭރިގެންފިއެވެ. ވެރިކަން ކުރުމުގެ ބާރަކީ ރައްޔިތުންނަށް ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ބާރެކެވެ. އެހެން ކަމާއެކު ރައްޔިތުންގެ ކިބައިން ސަރުކާރު ކޮންޓްރޯލް ކުރުމުގެ ބާރު ލޫޓުވާލި ހިސާބުން ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އެވަނީ އިހުގެ ބަހުނު ނަމަ އުލުބައިންދާފައެވެ. ގާނޫނުއަސާސީ އުލުބޭންދުމުން ރާއްޖޭގެ ދުސްތޫރީ ނިޒާމު އެ އުވުނީއެވެ. އެހެން ކަމުން މިހިނދު ރާއްޖޭގައި ރައީސަކު ނުހުންނާނެއެވެ.
ގާނޫނު އަސާސީ އުލު ބޭންދުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމެވެ. ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމުން އިހުމީހުން ބޭނުންކުރަމުން ދިޔަބަހަކީ ގާނޫނުއަސާސީ އުލުބޭންދުމެވެ.
އެހެންކަމާއެކު މިހިނދު ރާއްޖޭގެ ގާނޫނީ ވެރިކަން ނިމުނީއެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިން ވަކިކޮށްދީފައިވާ ދައުލަތުގެ ތިންބާރަށް ރައީސްމީހާ އަތްގަދަ ކުރުމުން ރާއްޖޭގެ ދުސްތޫރީ ވެރިކަން ނިމޭނެއެވެ. އެހެން ކަމާއެކު ރާއްޖޭގެ ޝަރުޢީ ކޯޓަކުން ރައީސުލްޖުމްހޫރިއްޔާ ޣަޒަލްކޮށް އެ އަމުރު ނެރެންޖެހޭނެއެވެ. ނޫންނަމަ ރައްޔިތުން ނުކުމެ ރައީސުލް ޖުމްހޫރިއްޔާ މަގާމުން އެކަހެރި ވެއްޖެކަން އިޢުލާނު ކޮށް ނާއިބު ރައީސްއާއި ވެރިކަން ހަވާލު ކުރަން ޖެހޭނެއެވެ. މިހިނދު ދައުލަތުގެ އެއްވެސް މިނިވަން މުވައްސަސާ އެއް ގާނޫނީ ހަމަތަކުގެ މަތީން މަސައްކަތެއް ނުކުރެއެވެ.
ދައުލަތުގެ ތަޙުގީގީ އިދާރާތަކުގެ ތަޅުދަނޑިތައް ވަނީ ވައްކަން ކޮށްގެން ތިއްބެވި ސަރުކާރުގެ ވެރިންގެ ޖީބުގައެވެ. ރާއްޖެ އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. ސަރުކާރު ހިންގަންތިބި ވަގުންގެ ބާރުގެދަށުގައެެވެ. ދައުލަތުގެ ތިންބާރު އެކުވެފައި އޮތުމުން އެ ތިންރުގެ ޗެކްއެންޑް ބެލެންސް ގެއްލި ގައުމުގެ އިސްތިގްލާލަށް އެވަނީ އަތްގަދަ ކޮށްފައެވެ. ސަރުކާރުގެ ތެރެއިންނެވެ. މިކަން ރަނގަޚު ކުރުމަށް ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ދާން އެބަޖެހެއެވެ. ގައުމުގެ އިންޞާފުގެއްލި ގަދަބަޔަކު ގަދަވެ ރައްޔިތުންނަށް ހިތުހުރި ގޮތެއް ހަދަމުން ދާނަމަ ރައްޔިތުން ނުކުންނާން ޖެހޭނެއެވެ.
ރާއްޖޭގެ ނިޒާމުގެއްލި ހަމަޔާ އިންޞާފު އޮޅުން ބޮޅުން ވެ ރައްޔިތުން ބިކަވެއްޖެއެވެ. އެހެން ކަމާއެކު ރައްޔިތުން ނުކުމެ މިރާއްޖޭގެ ދުސްތޫރީ ވެރިކަން ހަމައަކަށް އެޅުވެން ނެތްނަމަ ބައިނަލް އަގްވާމީ އެހީ ހޯދައިގެން ވިޔަސް މި ނިޒާމުގެތެރެއިން ވެރިކަން ކުރާ އެހެނި ހެން ގައުމުތަކާ އަރާ ހަމަ ކުރަން އެބަޖެހެއެވެ. ދުނިޔޭގެ ޣައިރު މުސްލިމް ގައުމުތަކަށް ވުރެ ރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމުގެ ދޯހަޅިކަން މާބޮޑެވެ. އެހެން ކަމާއެކު ރާއްޖޭގެ ފަނޑިޔާރުން އިންޞާފުގެ ކޮޅަށް އަރުއްވަން އެބަޖެހެއެވެ.
އިންސާނަކަށް ބިރުގަނެ ﷲ ގެ ޙުކުމް ވިއްކާ ނުލުމަށް ފަނޑިޔާރުންނަށް އާދޭސް ކުރަމެވެ. ރާއްޖޭގައި މިހިނދު ދުސްތޫރީ ވެރިކަމެއް ނެތްކަމަށްވިދާޅުވެ އަމުރު ނެރެދެއްވުމަށް ވެސް ގޮވާލަމެވެ.
