ދަރަންޏެއް އޮތްނަމަ ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ނުދިނުން:
ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާ ދޫކުރުމުގެ ކުރިން ޕާޓީތަކުން ދައުލަތުގެ އެއްވެސް އިދާރާއަކަށް ދައްކަން ޖެހޭ ފައިސައެއް ނުވަތަ ދަރަންޏެއް އޮތްތޯ ރެކޯޑް ސާފުކުރަ ޖެހެއެވެ، އެކަން ސާފް ކުރަންޖެހޭނީ ، ދިހަހާސް ހަމަވާ ކޮންމެ ޕާޓީއަކަށް ޕާޓީގެ މެންބަރުން ގެ ބޮލުގެ ޢަދަދަށް ބަލައި އަހަރަކު އެތައް މިލިޔަން ރުފިޔާ ދޫކުރި ނަމަވެސް ޕާޓީ އުވާލާ އިރު ނުވަތަ ޕާޓީގެ ވެރިކަން ބަދަލުވާއިރު ޕާޓީން ދައުލަތުގެ އެކި އިދާރާތަކަށް ދައްކަޖެހޭ ބޮޑު ދަރަންޏެއް އޮތުމެވެ،
މާޒީގައި ހިނގާފައިވާ ބައެއް ކަންކަމަށް ބަލާއިރު އެމް.ޑީ ޕީ ގެ ވެރިކަން ބަދަލުވިއިރު އެޕާޓީ ވެރިކަމުގައި އޮވެ ޕާޓީގެ ކެމްޕޭނަށް ނުވަތަ ސިޔާސީ ބޭނުމަށް މޯލްޑިވިއަނުން ކޮށްފައިވާ ދަތުރުތަކަށް 5.6 މިލިޔަން ރުފިޔާ ދައްކަންޖެހި ނުދައްކައި އޮތެވެ. މިފައިސާ ދެއްކުމަށް ކޯޓުން ޙުކުމް ކުރުމާއެކު ވެސް މިހާތަނަށް 3.6 މިލިޔަން ރުފިޔާ ދައްކާފައިނުވާކަމަށްވެއެވެ. މިހާރު ޕާޓީން ބުނާކަމަށް ވަނީ ފައިސާ ދެއްކިފައި ނުވަނީ ދައުލަތުން ޕާޓީއަށް ކޮންމެ އަހަރަކު ވެދުމެއްގޮތުގައި ދެމުން އަންނަ ފައިސާ ލިބުން ލަސްވުމުން ކަމަށެވެ،
މިއީ ހަމަ އާދައިގެ ކަމަކަށް ހަދައިގެން ތިބޭ ވަރު ކަމެއް ހެއްޔެވެ؟ ވަރިހަމަ ކޮށްލައިގެން ބަލަންތިބެންވީވަރުގެ ކަމެއް ހެއްޔެވެ؟ މިދަންނަވަނީ ދައުލަތުން ގެ ބޭނުމަށް އެމް.ޑީ.ޕީ. ކުރި ދަތުރުތަކެއް ގެ ވާހަކައެއް ނޫނެވެ، ވެރިކަމުގައި ތިބި ދުވަސްވަރު އާރާއި ބާރު އޮވެގެން ނުފޫޒު ފޯރުވޭ މަޤާމުގައި ތިބެގެން ޕާޓީގެ މަޞްލަޙަތަށް އަމިއްލަ ބޭނުންތަކެއްގައި ސިޔާސީ ޕާޓީއަކުން ކުރި ދަތުރުތަކެއްގެ ފައިސާ އެއްގެ ވާހަކައެވެ ،
މިފަދަ ކަންކަން މިމަގުން ކުރުމަށް ފުރުޞަތު އޮވެއްޖެނަމަ މިކަމުގައި އޮތް ގެއްލުމަކަށްވާނީ ، ޢާއްމު ރައްޔިތު މީހާ ދަތުރުކުރަން ގަންނަ ޓިކެޓު ގެ އަގު ހެޔޮ ކުރެވެން ނެތުމެވެ، އުފުލަން ނުޖެހޭ ޙައްޤު ނޫން ބުރައެއް ރައްޔިތުން އުފުލަންޖެހުމާއި ޤައުމީ އެއަރލައިން ބަގުރޫޓު ވުމެވެ. ނުވަތަ ދަރަނިވެރިވުމެވެ.
މިއީ މިގޮތަށް ދޫކޮށްލަންވީ ކަމެއްތޯ ދޫކޮށްލުމަށް ޤާނޫނު ހުއްދަކުރާ ކަމެއްތޯ ކިހިނެއް ހިނގާކަމެއްތޯ ބަލަން މަތި ކުރެވިފައިވާ އެއްވެސް އިދާރާއަކުން ބެލިކަމެއް މިހާތަނަށް އެނގިފަ އެއް ނުވެއެވެ، ހަމަ ގައިމުވެސް މިއީ އެންމެ ދުވަހަކު ހިންގާފައިވާ މުޢާމަލާތަކަށް ނުވާނެއެވެ، މިއީ މިގޮތަށް ހިނގާފައިވާ ފުރަތަމަ މުޢާމަލާތެއް ވެސް ނޫނެވެ، ޑީ.އާރު.ޕީ. ކިޔުނު ޕާޓީއެއްގެ ސިޔާސީ ހަރަކާތްތަކަށް މޯލްޑިވިއަނުން ކުރިދަތުރުތަކެއްގެއްގެ އެތައްލައްކަ ރުފިޔާ އެއް ވެސް ޕާޓީ އުވާލުއިރު ނުދައްކާ އޮތްކަމަށްވެއެވެ، ސުވާލަކީ ފަހުން ފައިސާ ދޭގޮތަށް އަމިއްލަ މީހަކަށް ދަތުރު ނުކުރެވޭއިރު ސިޔާސީ ޕާޓީތަކަށް ފަހުން ދޭގޮތަށް މިލިޔަނުން ދައްކަންޖެހޭ ޓިކެޓު ދޫކުރަނީ ކީއްވެ ކޮން ހައިސިއްޔަތުން ލިބޭ ޔަޤީންކަމަކަށް ހެއްޔެވެ،
ވެރިކަމުގައި އޮތްޕާޓީ ވީމާ ފަހުން ފައިސާ ދޭގޮތަށް ފޮނުވާލާ ނޯޓަކަށް ނުވަތަ ސިޓީއަކަށް މިކަން އެގޮތަށް ކުރަނީ ނުކޮށްފިނަމަ ވެރިކަމުގެ ފަރާތުން ދީފާނެ އަދަބަކަށްޓަކައި ހެއްޔެވެ، ؟ މިޝާލަކަށް ވެރިކަމުގައި އޮތް ޕާޓީ ދެވަނަ ދައުރަކަށް އިންތިޚާބު ވެއްޖެ ނަމަ އެފައިސާ ނުދެއްކިޔަސް ކުރާނެކަމެއް ނޯންނާނެތާއެވެ؟ އަދި ދައުލަތުގެ އެހެން ތާކުން ނަގާފައި ދިނަސް ވަރިހަމަ ވާނެތާއެވެ، ؟ ނުވަތަ ދެން އަންނަ ސަރުކާރެއްގައި ފައިސާ ހޯދުމަށް ޝަރީއަތަށް ދާނީހެއްޔެވެ؟ މިއީ މިހާރު ވަމުން އަންނަ ގޮތެވެ، ނުވަތަ ކަންކުރަމުންދާތަން ފެންނަ ގޮތެވެ،
ރާއްޖެއަކީ ލިޔެވިފައިވާ ޤާނޫނަކާއި ޤާނޫނުލްޢުޤޫބާތެއް އޮތް ޤައުމަކަށް ވިޔަސް އަދި އިނގިރޭސިވިލާތާއި އެމެރިކާގައި ހުންނަ ކޮންމެ އިދާރާއަކަށް އިދާރާއެއް ހުރި ނަމަވެސް ޤާނޫނު ހިންގުމުގައްޔާއި ތަންފީޛު ކުރުމުގައި އިދާރާތަކުގެ ވެރިންނަށް ފުރިހަމަ އިޚްތިޔާރާއި ބާރާއި މިނިވަންކަން އޮންނަ ޤައުމެއް ނޫނެވެ، އަދި އެފަދަ އިޚްތިޔާރާއި ބާރާއި މިނިވަންކަން ދެވޭވަރަށް ރައްޔިތުންގެ ހޭލުންތެރިކަން ވެސް އޮތް ޤައުމެއް ނޫނެވެ.
އަދި މިހާރު ކަން ހިނގާ ގޮތަށް ބަލާއިރު ޕާޓީތަކުން ކައުންސިލްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީއަށް ނެރޭ މީހުންގެ ޢާއްމު އަޚްލާޤީ މިންގަނޑާއި ޢިލްމީ ފެންވަރާއި ތަޖުރިބާ އަށް ބެލުމުގައި އުޞޫލެއް ހަމައެއް ހިފެހެއްޓިފައި ނެތުމާއިއެކު ރައްޔިތުން ވެރިންނަށް ކުރާ އިޚްތިރާމާއި އިތުބާރު ކުރިއަށް ވުރެ ކުޑަވެފައިވާ ޒަމާނެއްގައި ، ދައުލަތަށް ލިބެންޖެހޭ ފައިސާއެއް އޮވެމެ ނުވަތަ ދަރަންޏެއް އޮވެމެ އެދަރި ފައިސާ އުނި ނުކޮށް
ދައުލަތުން ޕާޓީތަކަށް ފައިސާ ދޫކުރުމަކީ ، ދައުލަތާއި ރައްޔިތުން ، އެކަމުގެ ބުރަ އުފުލަން ނުޖެހި ހިނގާދާނެ ކަމެއްކަމަށް ދެކިގެން ނުވާވަރުކަމެކެވެ
