ރައީސްގެ ޕްރޮޓޮކޯލާއި ގުޅޭ ސީރިއަސް ކަންބޮޑުވުންތަކެއް!
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ލިވަޕޫލް ދަތުރުފުޅުގައި ޕްރޮޓޮކޯލްގެ ރަނގަޅު އިންތިޒާމުތަކެއް ނެތުމުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، އެމަނިކުފާނުގެ ސަލާމަތާއި ކަރާމާތް ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާކަން އެބަ އެނގެއެވެ. މި ދަތުރުފުޅުގެ ފޮޓޯތަކުން ސާފުކޮށް ފެންނަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށް ހައްގުވާ އިޙްތިރާމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ބަޔަކު ފެއިލް ވެފައިވާ ކަމެވެ.
ރައިސަކަށް ދޭންޖެހޭ ސެކިއުރިޓީ ދެވުނުތޯ
މި ދަތުރުފުޅުގައި އެންމެ ކަންބޮޑުވާ އެއް ކަމަކީ ރައީސްގެ ވަށައިގެން ތިބެންޖެހެ ސެކިއުރިޓީން ނެތުމެވެ. ރައީސެއްގެ ހުންނާންވީ ހައިބަތާއި ގަދަރާއި އިހްތިރާމް އަދާކުރުމެއް ނެތެވެ. ވަކިން ހާއްސަކޮށް ލިވަޕޫލްގެ ޓްރެއިނިން ފެސިލިޓީގެ ތެރޭގައި އަދި އެންފީލްޑް ސްޓޭޑިއަމްގައި އުޅުނު އުޅުއްވިއިރު ފެންނަން ހުރި ފޮޓޯތަކާއި ވީޑިއޯތަކުން އެއްވެސް ރައްކާތެރިކަމެއް ނެތެވެ. މިއީ އަޅާނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ. މިއީ ޕްރޮޓޮކޯލާއި ވަރަށް ބޮޑު ހިލާފުވުމެކެވެ.

ދުވަހަކުވެސް ދައުލަތުގެ ވެރިޔަކު ސަލާމަތަށް ގެއްލުންވާ ހާލަތެއްގައި ބަހައްޓާކަށް ނުޖެހެއެވެ. ބައިނަލްއަގްވާމީ ދަތުރުފުޅުތަކުގައި ރައީސްގެ ސަލާމަތާއި ކަރާމާތް ކަށަވަރުކުރުމުގެ ޒިންމާ ފޮރިން މިނިސްޓްރީން ގެންގުޅޭއިރު، އަދިވެސް އެކަށީގެންވާ ޕްރޮޓޮކޯލް ޓީމެއް ހަމަނުޖެހުމުން އެބޭފުޅުންގެ ގާބިލްކަމާއި ދޭތެރޭ ސުވާލު އުފެދެއެވެ. ރައީސްގެ ޕްރޮޓޮކޯލް ހެޑްގެ މަޤާމުގައި ކުރިން އުޅުއްވި ބޭފުޅަކު މި ކަންބޮޑުވުންތައް އަޅުގަނޑާއި ހިއްސާކުރައްވަމުން ވިދާޅުވީ ، މިހާރު ފޮރިން މިނިސްޓްރީގައި މިކަމާއި ހަވާލުވެ ހުންނަވާ ބޭފުޅާއަކީ މިދިޔަ ވެރިކަމުގައި ވެސް އެ މަގާމުގައި ހުރި ބޭފުޅާއެވެ. އެހެންކަމުން އެހެންކަމުން މިފަދަ ކަންކަން މިއީ އެބޭފުޅައަށް އެނގިވަޑައިގަންނަވާ އަދި ގަސްދުގައި ދޫކޮށްލެއްވި ކަންތަކެއް ކަމަށް ބުނެވޭނެ ޖާގަ އެބައޮތް ކަމަށެވެ.މިކަމުގައި ސީދާ ފޮރިން މިނިސްޓަރުގެ ޒިންމާ އެއްވެސް އޮންނަން ޖެހޭނެއެވެ.
ޕްރޮޓޮކޯލް އިންތިޒާމުތައް ނާކާމިޔާބުވުން
ސެކިއުރިޓީ ލެޕްސްގެ އިތުރުން ލިވަޕޫލަށް ކުރެއްވި ޒިޔާރަތުގައި އިންތިޒާމުތައް ވެސް ރަނގަޅަށް ބެލެހެއްޓިފައި ނުވެއެވެ. ރައީސް އޮފީހުގެ މީޑިއާ އިން ވެސް ލިވަޕޫލްގެ އެކިއެކި މީޑިއާތައް ގެނެސް ޕްރެސް އެއް ވެސް ދެއްވާކަށް ނޭނގުނެވެ. އަދި ސީދާ ޓުއަރިޒަމް މިނިސްޓްރީއިން ލިވަޕޫލްގެ ވެރިންނާއި މަތީފެންވަރުގެ އޮފިޝަލުންނާއި އަދި ކުޅުންތެރިންނާއި ރައީސާއި ބައްދަލުކުރެއްވޭނެ ގޮތެއްވެސް ހަދާފައި ނުވެއެވެ. ހާއްސަކޮށް މުސްލިމު ކުޅުންތެރިޔާ މުހައްމަދު ސަލާހާއެކު ފޮޓޭއެއް ނަގާލިނަމަ އެއީ މުސްލިމު ގައުމުތަކަށް ދައްކާލެވެން އޮންނަ ފޮޓޯއަކަށް ވާނެއެވެ. މީގެ އިތުރުން ވާޖިލް ވެންޑައިކް ފަދަ ކުޅުންތެރިންނާއެކު ފޮޓޯނެގިނަމަ މުޅި ޔޫރަޕަށް އެ ފޮޓޯ އަކީ އިހުތިރާމާއި ތާއީދު ލިބޭނެ ފޮޓޯއަކަށް ވާނެއެވެ. އެވަރު ވެސް ކޮށްލާކަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިގެން ލިވަޕޫލަށް ދިޔަ ޓީމަކަށް ކަންތައްތައް ހިންގާލަކަށް ނޭނގުނެވެ. މިއީ ޕްރޮޓޮކޯލް ނާކާމިޔާބުވެއްޖެކަމުގެ ސާފު ހެއްކެކެވެ. މިއީ ގަސްދުގައި ވިޔަސް ނުވަތަ އިހުމާލުން ވިޔަސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އެނގިފައިވާ ގޮތުގައި މީގެ ކުރިން ރިޔާސީ ދަތުރުފުޅުތައް ބެލެހެއްޓެވި ހަމަ އެ ޕްރޮޓޮކޯލް އޮފިސަރު މިހާރުވެސް ފޮރިން މިނިސްޓްރީގައި ޙަވާލުވެވަޑައިގަންނަވައެވެ. އެހެންވީމާ މިފަދަ ފާޅުކަން ބޮޑު ގޯހެއް ހެދީ ކީއްވެގެން ހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވާ އިހުތިރާމާއި، ގަދަރާއި ހައިބަތާއި އަދި ސެކިއުރިޓީ މުވައްޒަފުން ނެތިގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟ މިއީ ޖަވާބު ދޭންޖެހޭ ސީރިއަސް ސުވާލުތަކެކެވެ.
ޒިންމާދާރުވާނީ ކާކު؟
މި ނާކާމިޔާބީގެ ޒިންމާ އުފުލަމް ޖެހޭނީ ސީދާ ފޮރިން މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާގެ ބައިނަލްއަޤްވާމީ ދަތުރުފުޅުތައް ހަމަޖެއްސުމަށް ހަވާލުކުރެވިފައިވާ ފަރާތްތަކުގެ މައްޗަށެވެ. މިއީ އާދައިގެ ގޯހެއްގެ ގޮތުގައި އެއްފަރާތްކޮށްލެވޭނެ ކަމެއް ނޫނެވެ.
“ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށްވެސް އެމަނިކުފާނުގެ ވަށައިގެން ތިބި މީހުންނަށް ސަމާލުކަން ދޭންޖެހޭނެ. އެމަނިކުފާނުގެ ސަލާމަތާއި ޕްރޮޓޮކޯލް ހަވާލުކުރެވިފައިވާ މީހުންނަކީ ބައިނަލްއަޤްވާމީ މައިދާނުގައި އެމަނިކުފާނުގެ ކަރާމާތް ހިމާޔަތްކުރުމަށް ޤާބިލު ބަޔަކަށް ވާންޖެހޭނެ” ކުރީގެ ޕްރޮޓޮކޯލް ހެޑް މާރިނދަ އަށް ވިދާޅުވިއެވެ.
ތަކުރާރު ކުރެވިގެން ނުވާނެ ސީރިއަސް މައްސަލައެއް
މިމައްސަލަ ސަރުކާރުން ވަގުތުން ތަހުގީގުކޮށް، އެމީހުންގެ ވާޖިބު ފުރިހަމަޔަށް އަދާނުކުރި ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހެއެވެ. ދިވެހި ރައްޔިތުންގެ ރައީސަށް ދޭންޖެހޭ ކަރާމާތާއި އިހްތިރާމާއި ގަދަރު ހާއްސަކޮށް ބޭރު ގައުމަކަށް ދާއިރު އެންމެ މަތީ ފެންވަރުގައި ހުންނަން ޖެހޭނެއެވެ.
ރާއްޖޭގެ ކަރާމާތާއި ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތަކީ މަޝްވަރާ ނުކުރެވޭނެ ކަންކަމަވެ. އެކަންތަކަކީ ލިޔެވިފައިވާ ކަންކަމެވެ. ފޮރިން މިނިސްޓްރީން މިކަމުގައި ބަޔާނެއް ދޭން ޖެހޭއިރު، މިފަދަ ޕްރޮޓޮކޯލް ފެއިލްވުން ދެން ދުވަހަކުވެސް ނުވާނެ ގޮތަށް ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. މިދައްކަނީ އާދައިގެ ވާހަކަތަކެއް ނޫނެވެ. މިދައްކަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތުގެ ވާހަކަތަކެވެ.!
