ސްޓެލްކޯގައި ހިނގާ ބޮޑު ކޮރަޕްޝަން
ކަރަންޓްގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ އިސް ވެރިން ތަކެއް ގުޅިގެން އަމިއްލަ ކުންފުންޏެއް ހިންގާ، އެ ކުންފުނި މެދުވެރިކޮށް ސްޓެލްކޯއަށް އެކި މުދާ ސަޕްލައިކޮށް ނާޖާއިޒް މުއްސަނދިކަން ހޯދަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.
ސްޓެލްކޯގައި މަސައްކަތްކުރާ މީހެއްގެ ފަރާތުން އެނގުނު ގޮތުގައި މިހާރުގެ އެމްޑީ ފަހުމީ އާއި އަދި އޭގެ ދަށުން ހުރި އަޒްވަރުގެ އިތުރުން ޕްރޮކިއުމެންޓާއި އެކައުންޓްސް ޑިޕާޓްމެންޓް ވެސް ވަނީ މިކަމުގައި ޝާމިލް ވެފައެވެ.
ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މި ކޮރަޕްޝަންގެ އަމަލު ހިންގުމުގައި އިސްކޮށް ތިބީ ސްޓެލްކޯގެ ޕްރޮކިއުމަންޓްގެ ޖެނެރަލް މެނޭޖަރ އަޒްހަދު ރަމީޒް އާއި ޖެނެރަލް މެނޭޖަރ އޮފް ރީޖަނަލް އޮޕަރޭޝަންސް އެންޑްެންޑް ޓްރާންސްޕޯޓް މުޙައްމަދު ޔާސިރު އަދި މެނޭޖިންގ ޑިރެކްޓަރ ބިއުރޯގެ ޖެނެރަލް މެނޭޖަރ އަސްފާ ޙުސައިން އެވެ.
މި ތިން މީހުނާއި އަބްދުﷲ ރިޔާޒު ކިޔާ މީހަކު ބައިވެރިވެގެން އުފައްދާފައިވާ ކުންފުންޏަށް ކިޔަނީ “އޯޝަންވެލް” އެވެ. އެ ކުންފުނި އުފައްދާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
މި ކުންފުންޏާއި މި ކުންފުންޏާ ގުޅިފައިވާ ކުންފުނިތައް މެދުވެރިކޮށް ސްޓެލްކޯ އަށް ޖެންސެޓާއި ކޭބަލާއި ޓްރާންސްފޯމަރާއި ސްޕެއާޕާޓްސް ގެނެއެވެ. އަދި މިމީހުން ވެގެން ތުރުކީގެ ކުންފުންޏެއް މެދުވެރިކޮށް ސްޓެލްކޯއިން ކަނެކްޝަނެއް އުފައްދައި އެ ކަނެކްޝަން ފެނަކަ އާއި ގުޅުވައި ސޯލާ ޕެނަލްތަކެއްގެ މަސައްކަތްތަކެއް ވެސް ދަނީ ކުރަމުންނެވެ. މިކަމުގައި ސްޓެލްކޯގެ ދައުރަށްވުރެ ބޮޑަށް ފެންނާން އޮންނަނީ ފެނަކައެވެ. ނަމަވެސް މީގެ އަސްލު ފެށިފައި ވަނީ ސްޓެލްކޯއިންނެވެ.
ކޮންމެޔަކަސް، ސްޓެލްކޯގެ ތިން ވެރިންނާ އެކު ކުންފުނި ހަދާފައިވާ އަބްދުﷲ ރިޔާޒުގެ އެހެން ކުންފުންޏެއް ކަމަށްވާ “ކޮންސްޓެކް” އަށްވެސް މަސައްކަތްތައް ދެއެވެ. އަބްދުﷲ ރިޔާޒަކީ ކުރިން މިދެންނެވި އަސްފާގެ ޅިޔަނެވެ. ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަޤް އަކީ އަސްފާގެ ކޮއްކޮ އެވެ.
ސްޓެލްކޯގެ ޕްރޮޖެކްޓުތަކުގެ ތެރެއިން 70 ޕަސެންޓުގެ ޕްރޮޖެކްޓުތައް ދެނީ އަބްދުﷲ ރިޔާޒްގެ ކުންފުންޏަށް ކަމަށް މެނޭޖިންގ ޑިރެކްޓަރު ފަހުމީގެ މޭޒުދޮށަށް ދިޔަ މީހަކު ކިޔައިދިނެވެ. އޭނާ ކިޔައިދިން ގޮތުގައި އެކަމުގައި އަޒުވަރުގެ ދައުރު އޮންނަނީ ވަރަށް އަޑިއަޑިންނެވެ. އަޒްވަރަކީ ރީނދޫ ފިކުރުގެ މީހެއް ކަމަށާއި، ރިޔާޒުއާއި އެކި ފަހަރުމަތިން އަޒުވަރު އެ އޮފީހުންނާއި ، އޮފީސް ބޭރުން ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި މެނޭޖިންގ ޑިރެކްޓަރ ބިއުރޯގެ ޖީއެމް މެދުވެރިކޮށް މި ޖަރީމާ ހިންބުމުގެ މޭސްތިރިންނަކީ ގަހުމީ އާއި އަޒުވަރު ކަމަށާއި، އެމީހުންނަށް ކަޓު ލިބޭގޮތަށް އިސްވެ ދެންނެވުނު ރިޔާޒުގެ ކުންފުންޏަށް އިންޖީނު ބުޑު އެޅުމާއި، އިންޖީނުގެ އެޅުމާއި އެކި ކަހަލަ ސިވިލް މަސައްކަތްތައް ދޭކަމަށެވެ. ދާދިފަހުން ހެދި ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތުގެ ކްލޭޑިންގ އާއި ބިއްލޫރީގެ މަސައްކަތް ވެސް ދިނީ މި ކުންފުންޏަށެވެ. މަސައްކަތް ދިގުލައިގެން ގޮސް ދީފައިވާ ތާރީޚަށް ނުނިމުމުން އެތައް ފަހަރަކު މުއްދަތު އިތުރުކޮށްދިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ސްޓެލްކޯގެ ވެރިން ހިއްސާވާ ނުވަތަ ބައިއެޅޭ ކުންފުނިތަކަށް މަސައްކަތްތައް ހަވާލުކުރަނީ މާކެޓް ރޭޓަށްވުރެ އެތައް ގުނައެއް އަގުބޮޑުކޮށް ކަމަށާއި ޓެންޑަރ ޕްރޮސެސް މެނިޕިއުލޭޓްކޮށް ޕްރޮޖެކްޓް ވިން ކޮށްދީ އެވޯޑްކޮށްދިނުމުގައި ޖެނެރަލް މެނޭޖަރުންގެ ބައިވެރިވުން ބޮޑު ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިކަންކަން މިގޮތަށް ކުރަނީ ސީދާ ގުޅިގެން ރޭވިގެންނެވެ. އަދި މި ތިން ޖެނެރަލް މެނޭޖަރުންނަކީވެސް ސްޓެލްކޯގެ ފަހުމީއާ އަޒުވަރާއި ވަރަށް ގާތްކޮށް އުޅޭ ބައެއް ކަމަށްވެއެވެ.
ސްޓެލްކޯގެ މަސައްކަތްތައް ރާވާފައި އޮންނަގޮތުން އަޒްހަދު އާއި ޔާސިރު އަކީ ސްޓެލްކޯއަށް ގެންނަ ކޭބަލް އާއި ސްޕެއާޕާޓްސް ފަދަ ބައެއް އައިޓަމްތަކުގެ “ފެކްޓްރީ ޗެކިން” އަށް ރާއްޖޭން ބޭރަށް ދާ ދެމީހުންނެވެ. ބޭނުމަކީ ސްޓެލްކޯއަށް ގެންނަ ތަކެތީގެ ކޮލިޓީ ޗެކް ކުރުމެވެ. އެހެންނަމަވެސް މި ދެމީހުން ބައިވެރިވާ ކުންފުނިތަކަށް ފަހިވާގޮތަށް ޕްރޮޖެކްޓްތައް ބޮޑު އަގުގައި ދެނީ ކޮލިޓީއަށްވެސް ބެލުމެއް ނެތިއެވެ.
މިކަމުގެ އެއް މިސާލަކީ މިހާރު މާލޭ މަޖީދީ މަގުން ކޮންނަމުން އެދާ ކޮނުމެވެ. ސްޓެލްކޯގެ މުވައްޒަފަކު ކިޔައިދިން ގޮތުގައި އެތަނުގައި ވަޅުލަންޖެހެނީ 180 ގެ ކޭބަލެވެ. އެކަމަކު 180 ގެ ނަމުގައި ވަޅުލީ 120 ގެ ކޭބަލެވެ. އެހެންވެ މިހާރު މައްސަލަ ދިމާވެގެން ކޮނެގެން ކޭބަލް ބަދަލު ކުރަނީއެވެ. މިހުންނަނީ މާލީ ގޮތުން ދައުލަތަށް ލިބޭ ގެއްލުމުގެ އިތުރުން އެތައް ބަޔަކަށްމެ ލިބޭ ތަކުލީފެވެ.
ސްޓެލްކޯ ތިންވެރިންގެ ނަމުގައި ކުންފުނި ހަދައިގެން ސްޓެލްކޯ މެދުވެރިކޮށް ވިޔަފާރި ހިންގާއިރު، މި 3 މީހުންނަކީ އެމީހުންގެ މައްޗަށް ވެސް އަމުރު ހިނގާ 3 މީހުން ކަ ަށް މައުލޫމާތު ލިބެއެވެ. އެވާހަކަ އެތަނުގެ ތެރޭގައި ދައްކާތީ ކުންފުނީގެ ހިއްސާ މިދިޔަ މަހު (24 އެޕްރީލް 2025) ވަނީ ބަދަލުކޮށްފައެވެ. ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި 2024 ޑިސެމްބަރު 29 ހުން ފެށިގެން “އޯޝަންވެލް” ކުންފުނީގައި ހިމެނުނު، ސްޓެލްކޯގައި ވަޒީފާ އަދާކުރާ ތިން ހިއްސާދާރުންގެ ހިއްސާ ބަދަލުކުރީ 2025 އެޕްރީލް 24 ގައެވެ. މިހާރު އެކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ ކުރިންވެސް އެ ކުންފުނީގައި ހިމެނުނު އަދި ސްޓެލްކޯގެ މަސައްކަތްތައް ކުރާ “ކޮންސްޓެކްކް” ކުންފުނީގެ ހިއްސާދާރު އަބްދުﷲ ރިޔާޒެވެ.

ސްޓެލްކޯގެ އިސްވެރިން ބައިވެރިވެގެން ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގާ، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާ ކަމުގެ ތުހުމަތުތައް ކުރެވޭއިރު، ކަރަންޓް ބިލާ ގުޅޭގޮތުން ރައްޔިތުން ކުރާ ޝަކުވާތައް ގިނައެވެ. އެ ޝަކުވާތަކަށް ސްޓެލްކޯގެ އެމްޑީ އެކި ފަހަރު އެކި ބަހަނާ ދައްކަވައެވެ.
ސްޓެލްކޯގެ ހިންގުން ވަނީ ބޮއްސުންލާފައެވެ. ޚިދުމަތް ދިނުމުގައިވެސް ވަނީ ގިނަ މައްސަލަތައް ކުރިމަތިވެފައެވެ. ބައެއް އިންޖީނުތަކަށް ވަނީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ލިބިފައެވެ. މިދިޔަ މަހު ވެސް ސްޓެލްކޯގެ މުވައްޒަފުންނަށް މުސާރަ ނުދެވިގެން ފިނޭންސުން އެހީތެރިކަން ހޯދި ކަމަށް ވެއެވެ. ނަމަވެސް މިކަމުގެ ސީދާ ތެދެއް އަދި ކަށަވަރެއް ނުވެއެވެ.
މި މައްސަލަ ފިނޭންސްގެ އިސް ވެރިންނަށް ވެސް އެނގެއެވެ. އެހެންކަމުން ވަރަސް އަވަހަށް ސްޓެލްކޯގެ ޕްރޮޖެކްޓުތައް ހުއްޓާލަން ފިނޭންސުން ސްޓެލްކޯއަށް އަންގާނެ ކަމަށް އެނގިފައި ވެއެވެ.
ސްޓެލްކޯގެ މި ބޮޑު ކޮރަޕްޝަންގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ބައެއް ފަރާތްތައް ހިމެނޭކަމަށް ބެލެވޭތީ، މިކަމާ ގުޅޭގޮތުން ތަޙުޤީޤު ކުރުމަށް މިނިވަން މުއައްސަސާތަކަށް ގޮންޖެހުންތަކެއް ހުރިކަމަށް ބެލެވެއެވެ.
